ބޮލީވުޑް އެކްޓަރުން ކަމަށްވާ  ރިތިކް ރޯޝަން އާއި ސައިފް ޢަލީ ޚާން އެކީގައި ފެނިގެންދާ ފިލްމު “ވިކްރަމް ވޭދާ” ގެ ޝޫޓިންގ ނިންމާލައިފިއެވެ.

މިއަދު ރިތިކްގެ އިންސްޓަގްރާމްގައި ފިލްމުގެ ޝޫޓިންގ ނިމުނުކަން ހާމަކޮށް، ފިލްމުގެ ޑައިރެކްޓަރުންނާއި ސައިފްއާއެކު ނަގާފައިވާ ފޮޓޯއަކާއެކު ލިޔެފައިވާ ގޮތުގައި މިއީ އޭނާއަށް ބިރުވެރި އެހެނަސް އުފާވެރި ދަތުރެކެވެ. އަދި ވިކްރަމްއާއި ނުލައި ވޭދާގެ ބައި ފުރިހަމަ ނުވާނެކަމަށްވެސް ލިޔެފައިވެއެވެ.

ރިތިކް، ފިލްމުގެ ޑައިރެކްޓަރުންނާއި ސައިފްއާއެކު

މި ފިލްމުގައި ވޭދާ ނަމަކަށް ކިޔާ ގޭންގްސްޓާރެއްގެ ރޯލުން ރިތިކް ފެނިގެންދާއިރު، ސައިފް ފެނިގެންދާނީ ވިކްރަމް ނަމަކަށް ކިޔާ ފުލުހެއްގެ ރޯލުންނެވެ. ގޭންގްސްޓާރަކާއި ފުލުހަކާއި ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ “ވިކްރަމް ވޭދާ” ގެ އިތުރު ތަރިންގެ ތެރޭގައި ރާދިކާ އަޕްތޭ، ރޯހިތު ސަރަފް އަދި ޔޮގީތާ ބިހާނީ ހިމެނެއެވެ.

“ވިކްރަމް ވޭދާ” ގައި ރިތިކާއި ސައިފް ފެންނާނެ ގޮތް

“ވިކްރަމް ވޭދާ” އަކީ ހަމަ އެ ނަމުގައި ގެނެސްދިން ތަމަޅަ އެކްޝަން ތުރިލާ ފިލްމުގެ ހިންދީ ރީމޭކެކެވެ. ހިންދީ ފިލްމުވެސް ޑައިރެކްޓްކުރީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި ޕުޝްކަރް-ގަޔަތުރީ އެވެ. ތަމަޅަ ފިލްމުގައި ވޭދާގެ ރޯލު ވިޖޭ ސެތުޕަތީ ކުޅުނުއިރު، ވިކްރަމްގެ ރޯލު ކުޅުނީ އާރް މަދަވަންއެވެ.

20 އަހަރަށްފަހު ރިތިކާއި ސައިފް އެކުގައި މި ފިލްމުން ފެނިގެންދާއިރު، ކުރިން އެ ދެމީހުން އެކުގައި މަސައްކަތްކުރި ފިލްމަކީ 2002 ގެ “ނަ ތުމް ޖާނޯ ނަ ހަމް” އެވެ. އެ ފިލްމުގެ ބަތަލާއަކީ އީޝާ ޑިއޯލްއެވެ.

“ވިކްރަމް ވޭދާ” ގެ ޝޫޓިންގ ނިންމާލާފައިވާއިރު، ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.