މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ އާއި އޭނާގެ ޓީމުން، ދިވެހިރާއްޖޭގެ ހުރިހާ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން “ތާނަ މަޖާ”ގެ ނަމުގައި ދިވެހިބަސް އުނގަންނައިދޭ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފި އެވެ.

“”ތާނަ މަޖާ” ގެ މި މަސައްކަތް ޚާއްޞަ މިކޮށްލަނީ އަޅުގަނޑުމެންގެ ބަސް، “ދިވެހި” ބަހަށް.” އުނޫޝާގެ މި ޕްރޮޖެކްޓްގެ މަޢުލޫމާތު އާއްމުކުރަމުން އޭނާގެ ފޭސްބްކް ޕޭޖްގައި ބުނެފައިވެ އެވެ.

“ތާނަ މަޖާ” ގެ މަސައްކަތުގާ އުނޫޝާއަށް އެހީތެރިވެދިނުމަށް ވަރަށް ހުނަރުވެރި ޓީމެއް ބައިވެރިވާ ކަމަށްވެސް އުނޫޝާ ފާހަގަކުރެ އެވެ.

“‎އަޅުގަނޑުމެންގެ މަޤްޞަދަކީ “ދިވެހި” ބަހަށް ކުރާ ޤަދަރާ، އޮތްލޯބި އިތުރަށް އާލާކޮށް ދިރުވާ، އަންނަން އޮތް ޖީލުތަކަށް އަހާހިތްވާ، ބަލާހިތްވާ ގޮތެއްގާ ދިވެހީންގެ ދިވެހި މާދަރީބަސް ދައްކާލަދީ އަހުލުވެރިކުރުވުން.” އުނޫޝާގެ މި ޕްރޮޖެކްޓްގެ މަޤުޞަދު ހާމަކުރަމުން ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓްގައި ‎ޝައުގުވެރި އުފެއްދުންތެރި އަމިއްލަވަންތަ ރީތި ރާގުތަކަކަށް ހިތްގައިމު ނަލަ މަންޒަރުތަކަކުން ހުށަހަޅައިދީ ތާނަ އަދި ދިވެހިބަސް ދަސްކޮށްދޭ ކޮންޓެންޓް ގެނެސްދޭނެ އެވެ.

“މިކަމުގާ ތަފާތު ޓީވީ ޝޯތަކާ ރޭވުންތެރި އެތައްއެތައް ވިސްނުމަކާއިއެކު އަޅުގަނޑުމެން ތިބޭފުޅުންނާ ބައްދަލުކުރާނަން..” އުނޫޝާ އިތުރަށް ބުނެފައިވެ އެވެ.

‎”ތާނަ މަޖާ” ގެ މި މަސައްކަތުގައި، މުޅިން އައު ހާށަވިޔަނީގެ ތީމް ލަވައެއް، ހާށަވިޔަނީގެ ކޮންމެ އަކުރަކަށް ވަރަށް ރީތި ލަވައެއް، ޓީވީ ޝޯތަކާއި ސްޓޫޑިއޯ ޕްރޮގްރާމްތައް އަދި ކުޑަކުދިންގެ މުޅިން އާ ލަވަތައް ގެނެސްދެވޭތޯ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

“‎އަޅުގަނޑުމެން ބޭނުން ވަނީ މަޖާ ލަވަތަކާއި، ވީޑިއޯތަކާއި ކުޅިވަރުތައް މެދުވެރިކޮށް، ދިވެހި ބަސް ދަސްކޮށް، ރީތި އާދަތަކަށް ހުރިހާ ކުދީންގެ ޝައުގުވެރިކަން އިތުރުވެދިޔުން..”

‎”ތާނަ މަޖާ” ގެ ތީމް ލަވައިގެ ޓީޒާއެއްވެސް އާއްމުކޮށްފައިވެ އެވެ.

“ތާނަ މަޖާ” ތީމް ލަވައިގެ މަސައްކަތްތަކަށް ބަލައިލާއިރު، ލަވައިގައި ފެންނަ ހިތްގައިމު އާޓް ޑިޒައިން ހެދީ ‘ގޮރިއްލާސެލްސް’ އިންނެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ މާސްކޭ ސްޓޫޑިއޯ އަދި އެއްކާފު ސްޓޫޑިއޯ އިންނެވެ. ލަވައިގެ ޅެން އަދި މިއުޒިކް ހެދީ އުނޫޝާ އަދި ބާޗީ އެވެ.

“‎”ތާނަ މަޖާ”ގެ ލަވަތަކާއި ވީޑިއޯތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ވަރަށް އަވަހަށް ތިބޭފުޅުންނަށާ ހުރިހާ ކުދިންނަށް ފެނިގެން ދާނެ..” ޓީޒާ އާއްމުކުރަމުން އުނޫޝާ ނުވަތަ ތުއްތު ކުދިންގެ ކިޑީ ދައްތަ ބުންޏެވެ.

‎މިމަސައްކަތް ކާމިޔާބު މަސައްކަތަކަށް ވުމަށް ތިޔައެންމެހާ ފަރާތްތަކުގެ ހެޔޮދުޢާ އަޅުގަނޑުމެންނާއެކު ވާކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް..” އުނޫޝާ ބުނެފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.