އަޖޭ ދޭވްގަން ލީޑުން ފެނިގެންދާ ފިލްމު “ޑްރިޝްޔަމް2” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.

އަޖޭގެ އިތުރުން ތައްބޫ، އަކްޝޭ ކަންނާ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރް އަދި އިޝީތާ ދައްތާ މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ތުރިލާއަކީ2015 ވަނަ އަހަރު ގެނެސްދިން އަޖޭގެ “ޑްރިޝްޔަމް” ގެ ސީކުއެލްއެކެވެ. ފުރަތަމަ ބައިގެ މައިގަނޑު ކާސްޓާއެކު ސީކުއެލްގައި ފިލްމާއި އަލަށް ގުޅުނު ތަރިއަކީ އަކްޝޭއެވެ.

“ޑްރިޝްޔަމް” ގެ ފުރަތަމަ ބައި ނިޝިކާންތު ކަމަތު ޑައިރެކްޓް ކުރިއިރު ސީކުއެލް ޑައިރެކްޓްކުރީ އަބީޝެކް ޕާތަކްއެވެ. ބުޝަން ކުމާރްގެ ޓީ-ސީރީޒާއި ޕެނޮރާމާ ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ “ޑްރިޝްޔަމް” ފްރެންޗައިޒް އަކީ ހަމަ އެ ނަމުގައި މަލަޔާލަމް ބަހުން ގެނެސްދިން ފިލްމެއްގެ ހިންދީ ރީމޭކެކެވެ.

މިއަދު ފިލްމުގެ ޝޫޓިންގ ހައިދަރްއާބާދުގައި ނިންމާލިއިރު، އަޖޭ އާއި ތައްބޫގެ އިންސްޓަގްރާމްގައި ވަނީ ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފައެވެ. “ޑްރިޝްޔަމް2” ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހު18 ގައި ސިނަމާތަކުގައެވެ.

މިއަހަރުގެ މިހާތަނަށް 3 ފިލްމަކުން ފެނިފައިވާ އަޖޭގެ “ޑްރިޝްޔަމް2” ގެ އިތުރުން އޭނާގެ ކުރިއަށް ހުރިއިރު އޭގެ ތެރޭގައި “މައިދާން”، “ތޭންކް ގޯޑް”، “ސާކަސް”، “ބޯލާ” އަދި “ނާމް” ހިމެނެއެވެ.

ތައްބޫ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މަހު ސިނަމާތަކުގައި ރިލީޒްކޮށް މިހާރުވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ “ބޫލް ބުލައްޔާ2” އިންނެވެ. އޭގެ އިތުރުން ތައްބޫގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ޑްރިޝްޔަމް2″، “ކުއްތޭ”، “ކުފިޔާ” އަދި “ބޯލާ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.