ކުޑައިރު ފުލުސް ނުކުމެ ވަގުހޯދާ ކުޅިވަރު، “ވަގު ފުލުސް” ކުޅެ އުޅުނު ހަނދާން ހަމަ ގައިމުވެސް ނުވަދިހައިގެ އަހަރުތަކުގެ ކުރިން އުފަންވި ފަރާތްތަކުން ހަނދާން ހުންނާނެ އެވެ. މިއަދު މި އޮތީ މި ކުޅިވަރުވެސް ޒަމާނީ ގޮތަށް ބަދަލުކޮށްލާފަ އެވެ. ‘އެމްއެންގެ ފަރާތުން އެންމެންނަށް’ “ވަގުފުލުސް” ގޭމް ނެރެދީފައިވާ މިވަނީ ޒަމާނީ ބޯޑުގޭމެއްގެ ގޮތުގަ އެވެ.

ކުޑައިރު ވަގުފުލުސް ގޭމް ކުޅެ އެޅުނީ ވަރަށް ފަސޭހައިން އާދައިގެ ގޮތަކަށް ކުޅެލާ މަޖާ ކުޅިވަރެއް ގޮތުގައެވެ. ވަގުތުން ގަނޑުކޮޅުތަކެއްގައި ލިޔެލައިގެން ކޮންމެ ތާކު ތިއްބަސް ފޫހި ފިލުވާލަން ކުޅެލާ މަޖާގަނޑެއް ގޮތުގައި މި ކުޅިވަރު ކުޅެ އުޅުނެވެ.

“އޭރުގެ އެ އުފާވެރި ހަނދާންތަކާ އެކީ ވަގުފުލުސް ގޭމް މުޅިން އާ ގޮތަކަށް އުފެދިގެން މި އައީ ކޯވިޑް ލޮކްޑައުން ތެރޭ ފޫހިވެފަ ތިބި ވަގުތު އައި ޚިޔާލަކާއެކު، ކުޑަ އާއިލާއެއްގެ ތެރޭގަ، އެތައް ބައެއްގެ ވިސްނުމާ މަސައްކަތާއެކު.” ވަގުފުލުސް ގޭމާ ބެހޭ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ‘އެމްއެންގެ ފަރާތުން އެންމެންނަށް’ ޓީމުން ބުނެފައިވެ އެވެ.

“ބޭރު ޤައުމުތަކުގެ ތަފާތު އެކި ކާޑްގޭމް އަދި ބޯޑްގޭމްތައް ކުޅެމުން އައިސް މިފަދަ ދިވެހި އުފެއްދުމަކަށް ޝައުގުވެރިވީ މިކަހަލަ ދިވެހި ގޭމެއް އޭރު ނެތީމަ. އެގޮތުން ބޭރުގެ އެކި މަޖާ ގޭމްތަކުގެ ވިސްނުމާއި ކުޑައިރުގެ ވަގުފުލުސް ގޭމްގެ ވިސްނުން ގުޅުވާލާ، މުޅިން އާ ގޮތަކަށް ވަގުފުލުސް ގޭމް މި ގެނެސްދިނީ ޒަމާނީ ކާޑްގޭމެއް ގޮތުގަ.” ‘އެމްއެންގެ ފަރާތުން އެންމެންނަށް’ އިން ނެރެފައިވާ މީޑިއާ ސްޓޭޓްމެންޓްގައި ފާހަގަކޮށްފައިވެ އެވެ.

ވަގުފުލުސް ގޭމް އުފެއްދި އެމްއެން ޓު އެންމެންއަކީ ދިވެހި އުފެއްދުންތަކަށް ޝައުގުވެރިވާ، ދިވެހި ތަފާތު އުފެއްދުންތަކެއް ނެރުމަށް މަސައްކަތް ކުރަމުންދާ ބައެކެވެ.

“ވަގުފުލުސް ގޭމް އަކީ އިރާދަކުރެއްވިއްޔާ އެމްއެން ޓު އެންމެންގެ ފުރަތަމަ ފެށުން.” އެމްއެން ޓު އެންމެންއިން ބުނެ އެވެ.

“ވަގުފުލުސް” ގޭމަކީ މިހާތަނަށް ރާއްޖޭގައި ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ކާޑް ގޭމެއް އުމުރުފުރާއަށް ގިންތިކޮށްގެން ނެރުނު ފުރަތަމަ ފަހަރެވެ. 15 އަހަރުން މައްޗަށް މިގޭމް ގިންތިކޮށްފައި ވަނީ މިގޭމް ކުޅުމުގައި ބައެއް ކަންކަން 15އަހަރުން ދަށުގެ ކުދިންނާ ނުގުޅިދާނެ ކަމަށް ބެލެވޭތީ ކަމަށް ‘އެމްއެންގެ ފަރާތުން އެންމެންނަށް’ އިން ބުނެ އެވެ.

“ވަގުފުލުސް ގޭމް ކުޅެވޭނީ މަދުވެގެން 3 މީހުންނަށް، އަދި ގިނަވެގެން 10 މީހުންނަށެވެ. މި ކުޅިވަރު ކުޅުމުގައިވެސް އެންމެ މަޖާވާނީ ގިނަމީހުން ބައިވެރިވެގެންނެވެ.

“މިއީ އީދު ބަންދާ ސްކޫލް ބަންދު ތެރޭވެސް ސްކްރީންތަކާ ދުރުވެލައިގެން އާއިލާއާ ރައްޓެހިން އެކުގައި މަޖާ ވަގުތުކޮޅެއް ހޯދާލަން ރަނގަޅު ގޭމެއް.” މި ގޭމް ނެރުމުގެ އެއްމެ މުހިންމު އެއް މަޤުޞަދު ހާމަކުރަމުން ގޭމް އުފެއްދި ފަރާތުން ބުނެފައިވެ އެވެ.

މިއީ ފުރާވަރުގެ ކުދިންނާ އާއިލާގެ އެހެން މީހުން އެކުގައި ގުޅުން ބަދަހިކޮށްލުމަށް ކުޅެލަންވެސް ރަނގަޅު ކުޅިވަރެކެވެ.

ވަގުފުލުސް ގޭމް ލިބިވަޑައިގަންނަވާނީ ‘އެމްއެން ޓު އެންމެން‘ގެ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށެވެ. މީގެ އިތުރުން އޮތެންޓިކް މޯލްޑިވްސް ފިހާރައިން ވެސް މި ގޭމް ގަންނަން ލިބެން ހުންނާނެ އެވެ.

‘އެމްއެން ޓު އެންމެން’ގެ “ވަގުފުލުސް”ގެ އިޝްތިހާރެއް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.