ބޮލީވުޑްގެ އެކްޓްރެސް ނީލަމް ކޮޓާރީ އޭނާގެ ފިރިމީހާ ސަމީރު ސޯނީ އަދި ދަރިފުޅު އަހާނާ އާއެކު ރާއްޖޭގައި ޗުއްޓީހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ހިނގައްޖެ އެވެ. ނީލަމް ޗުއްޓީ ހޭދަކުރީ ދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ބަގްލިއޮނީ ރިސޯޓް މޯލްޑިވްސްގަ އެވެ.

ރާއްޖޭގެ ހިތްގައިމު މާހައުލުގައި ހިތްގައިމު ޗުއްޓީއެއް ހޭދަކުރުމަށްފަހު ނީލަމް ފުރީ މިއަދުގެ ވަގުތެއްގަ އެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ނީލަމް މިދިޔަ އަހަރު ފެބްރުއަރީގައި ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

09 ނޮވެމްބަރު 1967ގައި އިންޑިއާގެ ގުޖުރާތީ އަދި އިރާނުގެ އާއިލާއަކަށް އުފަންވި ނީލަމް ކޮތާރީ އޭނާާގެ އަލަތު ފިލްމު ކުޅުނު އިރު އުމުރަކީ އެންމެ 17 އަހަރެވެ. އެއީ 1984 ގައި ރިލީޒްވި ފިލްމު ”ޖަވާނީ“ އެވެ.

ނީލަމް ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި ”އާގް ހީ އާގް“ (1987)، ”ޕާޕް ކީ ދުނިޔާ“ (1988)، ”ޚަތުރޯން ކޭ ކިލާޅީ“ (1988)، ”ގަރް ކާ ޗިރާގް“ (1989)، ”މިއްޓީ އޯރް ސޯނާ“ (1989)، ”ދޫދް ކާ ކަރްޒް“ (1990)، ”އަގްނީޕަތު“ (1990)، ”އަފްސާނާ ޕިޔާރް ކާ“ (1991)، ”ސާހެބްޒާދޭ“ (1992) އަދި ”ހަމް ސާތު-ސާތު ހެއިނ“ (1999) ހިމެނެއެވެ.

ނީލަމް އާއި ސަމީރް ސޯނީ ކައިވެނިކުރީ 24 ޖެނުއަރީ 2011 ގައެވެ. ކައިވެންޏަށް ދެ އަހަރު ފުރުނު ފަހުން، ސެޕްޓެމްބަރު 2013 ގައި ނީލަމް އާއި ސަމީރް، އަންހެން ކުއްޖެއް އެޑޮޕްޓްކުރިއެވެ. އެ ކުއްޖާއަށް ކިޔީ ’އަހާނާ‘ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.