މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާންމު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މި ފުރުޞަތު ހުޅުވައިލީ 2022 ޖުލައި 01ވީ ހުކުރު ދުވަހު މެންދުރުފަހު 02:00 ގައެވެ.

އެމްއެފްއޭގެ އިންތިޚާބަށް ފުރުޞަތު ހުޅުވާލާފައި މިވަނީ މިދިޔަ މަހު 29 ވަނަ ދުވަހު ބޭއްވި އެމްއެފްއޭގެ އާއްމުބައްދަލުވުމެއްގައި މި އިންތިޚާބުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށް އެކުލަވައިލި ބޯޑުންނެވެ. މި ބޯޑްގެ ޗެއާޕާސަން އަކީ މުޙައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަން އަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަޙްމަދު ސަޢީދު އެވެ.

2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެމްއެފްއޭ ބޯޑަށް ޖުމްލަ 07 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ޗެއާޕާސަންގެ މަޤާމާއި ވައިސް ޗެއާޕާސަން، ޖެނެރަލް ސެކްރެޓަރީ އާއި ޚަޒާންދާރުގެ އިތުރުން، އިތުރު ތިން މެންބަރުންނެވެ. ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނީ މީގެ ތެރެއިން އެއް މަޤާމަށެވެ.

01 ޖުލައި އިން ފެށިގެން 07 ޖުލައި 2022ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ފޯމު ހުށައެޅޭނެ ކަމަށް އެމްއެފްއޭގެ އިންތިޤާލީ ބޯޑުން ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން 2019ގައި އެކުލަވައިލި ބޯޑުގެ މެންބަރެއް ކުރިމަތިލާ ނަމަ، އެ މެންބަރެއް ބޯޑު މީޓިންތަކުގައި ބައިވެރިވެފައިވާ ހާޒިރީ ރިޕޯޓް، ފޯމާއި އެކުގައި ހުށައަޅަން ޖެހެ އެވެ.

2019ގައި އިންތީޚާބުކުރެވުނު އެމްއެފްއޭ ހިންގާ ކޮމެޓީގެ މެންބަރުން – ފޮޓޯ: އެމްއެފްއޭ ވައިބަރ

އިންތިޤާލީ ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ސަޢީދު ބުނި ގޮތުގައި ފޯމް ހުށައަޅަން ޖެހޭނީ އެމްއެފްއޭގެ އޮފީހަށް ސީދާ ކެންޑިޑޭޓް ހާޒިރުވެއެވެ. އައު ބޯޑަށް މެންބަރުން ހޮވުން އޮންނާނީ 04 އޮގަސްޓް 2022ވަނަ ދުވަހު އެވެ. ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތުލުން މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ފުރުސަތު ލިބޭނީ ފިލްމު އެސޯސިއޭޝަންގެ މެންބަރުންނަށެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފޯމު ދޫކުރާނީ އަދި ފޯމު ބަލައިގަތުން އޮންނާނީ އެމްއެފްއޭގެ އިންތިގާލީ އޮފީސް ގ. ބެރުގެއިންނެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ފޯމު މި ލިންކުން ވެސް ޑައުންލޯޑްކޮށްލެވޭނެ އެވެ.

2022ގައި އިންތިޚާބުކުރާ އެމްއެފްގޭ ހިންގާ ކޮމެޓީގެ ދައުރު ހަމަވާނީ 31 ޑިސެމްބަރު 2023ގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.