ބޮޑު އޯޑިއަންސަކާއެކު މުނިއަވަސް ކްލަބްހައުސްގެ ފުރަތަމަ އަހަރީދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަފުލާއެއް ބާއްވައިފި އެވެ. ކްލަބްހައުސް މުނިއަވަސް އޮޅި މެދުވެރިކޮށް މި ހަފުލާ ބޭއްވީ 01 ޖުލައި 2022ވީ ހުކުރު ދުވަހުގެރޭ 09:00ގަ އެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޕްރޮޑަކްޝަން މެނޭޖަރ ނަޞްރުﷲ އިދުރީސް އެވެ.
ފައްސަތޭކައާއި ގާތްކުރާ ބޮޑު އޯޑިއަންސަކާއެކު ބޭއްވުނު މި ހަފުލާގައި މުނިއަވަސްއަށް ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ޚިދުމަތްކޮށްދީފައިވާ ބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑު ދިނުމާއި، މުނިއަވަސް ޓީމުގެ މެންބަރުންނާއި މުނިއަވަސް ކްލަބްހައުސްގެ އެހުންތެރިން އަދި ބައިވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅުންނަށް ވެސް އެވޯޑުދިނުން ކުރިއަށް ގެންދެވުނެވެ.
އެހުންތެރިންގެ ވޯޓަށް ހުޅުވާލައިގެން، މުނިއަވަސް ޓީމުގެ މެންބަރުން އަދި ޕްރޮގްރާމުތަކުގެ ބައިވެރިންގެ ތެރެއިން އެކިއެކި މަޤާމުތަކަށް ވާދަކުރި މެންބަރުންނާއި ބައިވެރިންގެ ތެރެއިން މަޤާމުތައް ހާޞިލްކުރި މެންބަރުންނަށް ވެސް ރޭގެ ހަފުލާގައި އެވޯޑްދީފައިވެ އެވެ.
ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޝަރަފުވެރިމެހެމާނު ނަޞްރުﷲ އިދުރީސް ދެއްކެވި ވާހަކަފުޅުގައި މުނިއަވަސް ޓީމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައިވެ އެވެ.
“އަޅުގަނޑު ކޮންމެވެސް ވަރަކަށް އަޑުއަހައިލިން ތިބޭފުޅުންގެ ބައެއް ޑްރާމާ. ވަރަށް ރަނގަޅު އުފެއްދުންތަކެއްގެ ގޮތުގަ އަޅުގަނޑަށް ފާހަގަކުރެވުނު. ޑްރާމާ ކުޅުއްވާފަ ތިއްބެވި ބޭފުޅުން އެ ޑްރާމާތަކުގަ ވަރަށް ފުރިހަމައަށް އަދާކުރައްވާފަ އެބަވޭ. ހަމަ ލިޔުމުގެ ފަންނަކީ މާ ފަސޭހަ ފަންނެއް ނޫން. ރާއްޖޭގަ ޑްރާމާ ލިޔުންތެރިން އެހާ ގިނައެއްވެސް ނޫން. ޕްރޮގްރާމު އުފެއްދުމުގަ، ޚާއްޞަކޮށް ޑްރާމާ އުފެއްދުމުގަ ދިމާވާ އެންމެ ބޮޑު ދައްޗަކީ ރަނގަޅު ލިޔުންތެރިން ނެތުން. އެހެންނަމަވެސް ހަމަ ތިބޭފުޅުންގެ ޑްރާމާތައް އަޑުއަހާލީމަ ފަންނުވެރިކަން، ޚާއްޞަކޮށް ޑްރާމާ ލިޔުމުގެ ފަންނުގަ ތިބޭފުޅުންގެ ފުންނާބު އުސްކަން ފާހަގަކުރެވުނު. މިކަމަށްޓަކާ ތިބޭފުޅުންނަށް އަދިވެސް އެއްފަހަރު އައްސަރިބަހާ ސާބަސް ރައްދުކުރަން.” ޝަރަފުވެރި މެހެމާނު ނަޞްރުﷲގެ ވާހަކަފުޅުގައި މުނިއަވަސްއިން ވޭތުވެދިޔަ އަހަރު ވަރަށް ކޮލިޓީ، ބުރަ އަދި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ އަދި އަޅުގަނޑުގެ އުއްމީދަކީ ތި ކުރައްވާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގަ ކުރައްވަމުން ގެންދިޔުން. ތި މަސައްކަތުގަ މިހާރަށްވުރެން ވެސް ބޮޑަށް ކާމިޔާބުލިބިގެން ދިއުން. ތިބޭފުޅުންގެ އޮޅީގަ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. އެއީ ތިބޭފުޅުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ހަމަ ޔަޤީނުންވެސް ވެގެންދާނެ.” ނަސްރުﷲ އިތުރަށް ފާހަގަކުރެއްވީ މުނިފޫހިފިލުވައިދިނުމުގެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫންކަމަށާ މުނިއަވަސް އިން މަސައްކަތްކުރަމުން ގެންދަނީ އެންމެ ދިމާއަކުން ނުވަތަ ދެ ދިމާއަކުން ނޫންކަމަށާ ގިނަ ދާއިރާތަކަކުން މުނިއަވަސް އިން ޕްރޮގްރާމު އުފައްދަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ.
“އެހެންވީމަ އަޅުގަނޑުމެން ބްރޯޑްކާސްޓަރުންނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ. ތީގެ ތެރެއިން ބައެއް ބޭފުޅުން ފަހަރެއްގަ މި ދާއިރާއަށް ނުކުމެވަޑައިގަތުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭ. އަދި އެގޮތަށް ފެނުމަށްވެސް އަޅުގަނޑުވެސް ހަމަ އެދެން. އެ ހުނަރު އެބަހުރި ތިބޭފުޅުންގެ.” ނަޞްރު އިތުރަށް ފާހަގަކުރެއްވި އެވެ.
މުނިއަވަސް ކްލަބްހައުސް އަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މި ޚާއްޞަ ހަފުލާގައި މުނިއަވަސް ކްލަބްހައުސް އެހުންތެރިންގެ ފަރާތުން މުނިއަވަސް ޓީމަށް ސަޕްރައިޒްތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި މުނިއަވަސް ޓީމު މެންބަރުންނަށް އަމާޒުކޮށް ގޭމެއް ކުޅުމާއި މުނިއަވަސް ޓީމާމެދު އެހުންތެރިން ދެކޭ ގޮތް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މުނިއަވަސް ޓީމުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފައިސާގެ އެހީތެރިކަމެއްވެސް ފޯރުކޮށްދެއްވާފައިވެ އެވެ.
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމުތައް ފެށީ 23 ޖޫން 2021ގަ އެވެ. ހަމަ އެ އަހަރު ސެޕްޓެމްބަރު 01ގައި މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމުތައް ރީ-ބްރޭންޑްކޮށް ރަސްމީ ޕޮޑްކާސްޓިން ސްޓައިލްގައި ފެށިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!