ހުނަރުވެރި އެކްޓްރެސް އަދި ނެށުންތެރިޔާ ފާޠިމަތު ފަރީލާ ޕްރޮޑިއުސްކޮށް ޓްވެންޓީފޯރ އެންޓަޓެއިންމެންޓްސް އާއި ޔޫއްޕެ ޕްރޮޑަކްޝަންސް އަދި ޝައި ޕްރޮޑަކްޝަންސްގެ “ބޭބީ” ދައްކަން ފަށައިފިއެވެ.

ރޭ (9 ޖުލައި) ގައި ބައިސްކޯފުން ދައްކަން ފެށި “ބޭބީ” ގެ އިސް ތަރިންނަކީ އިބްރާހީމް ޖިހާދު (ޖިމީ)، އާމިނަތު ޝުހާ އަދި އަލަށް ތަޢާރަފުކުރި އިބްރާހީމް ޔައީޝްއެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ފައިސަލް، އިބްރާހީމް މުނީޒް، އަޙްމަދު އަޒްމީ އަދި އަލަށް ތަޢާރަފުކުރި ސަނާއެވެ.

ޒިފާފްގެ ކުޅަދާނަ ސިނެމަޓޯގްރަފީއާއި އުސާމްގެ މޭކަޕާއިއެކު މަންޒަރުތަކުގެ ހިތްގައިމުކަން އިތުރުކޮށްދީފައިވާއިރު، އެ މަންޒަރުތަކަށް ފުރިހަމަކަން ގެނެސްދީފައިވަނީ އައްޔުމަން ޝަރީފްގެ ބެކް މިއުޒިކުންނެވެ.

އަލަށް ތަޢާރަފުކުރި ތަރިންގެ ފަރާތުން މޮޅު އެކްޓިންގއެއް ފެނިގެންދިޔައިރު ލީޑުން ފެނިގެންދިޔަ ޔައީޝްގެ އެކްޓިންގ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. ރާޝިދު އަދި ޒޭބާގެ ދިރިއުޅުމުގައި ދިމާވާ މައްސަލައެއްގެ ވާހަކަ ކިޔައިދޭ “ބޭބީ” ލިޔެ، ޑައިރެކްޓްކޮށް އެޑިޓްކުރީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ.

މިއީ ‘އެ ސީރީޒް’ގެ ދަށުން ގެނެސްދޭ ކުރު ސީރީޒްތަކެކެވެ. ޖުމްލަ 8 ބާބު ހިމެނޭ “އެ ސީރީޒް” ގެ ދެން ހުރި ބާބުތަކަކީ “ފޯން ކޯލް”، “އާޓިސްޓް”، “ސާވަންޓް”، “ލިފްޓް”، “ޝެޑޯ”، “ބެސްޓް ފްރެންޑް” އަދި “ބެލް” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.