ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރް އާއި ޒުވާން ބަތަލާ ކްރިތީ ސަނަން  ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވެއްޖެކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

އަދި ނަން ހާމަނުކުރާ މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމިފައިވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި މިއީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޝާހިދު އަދި ކްރިތީވެސް ފިލްމަށް އެއްބަސްވެފައިވާ ކަމަށާއި އަންނަ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު ޝޫޓިންގ ފަށަން ނިންމާފައިވާކަމަށް ވެއެވެ.

އިންޑިއާގެ މުމްބާއީ އާއި ދިއްލީގެ އިތުރުން ޔޫރަޕުގެ ގިނަ ޤައުމުތަކެއްގައި މަންޒަރުތައް ނަގާ މި ލޯބީގެ ފިލްމުގެ ޝޫޓިންގއަށް ގާތްގަނޑަކަށް 4 ނުވަތަ 5 މަސް ހޭދަވާނެ ކަމަށާއި ޝޫޓިންގ ފެށުމުގެ ކުރިން އަންނަ ސެޕްޓެމްބަރު މަހު ސްކްރިޕްޓް ރީޑިންގ ވޯކްޝޮޕްތަކެއް ބާއްވާނެކަމަށް ވެއެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ލޯބީގެ ފިލްމު ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ފަންނާނެއް ނަމަވެސް ނަމެއް ހާމައެއް ނުކުރެއެވެ. ދިނޭޝްގެ ފިލްމެއްގައި ޝާހިދު ފުރަތަމަ ފަހަރަށް މަސައްކަތް ކުރާއިރު، މިއީ ކްރިތީ ދިނޭޝްއާއި އެކުގައި ކުރާ ހަތްވަނަ މަސައްކަތެވެ. ކުރިން ކްރިތީ މަސައްކަތް ކޮށްފައިވާ ދިނޭޝްގެ ފިލްމުތަކަކީ “ރާބްތާ”، “ލުކަ ޗުއްޕީ”، “އަރްޖުން ޕަޓިއާލާ”، “މިމީ”، “ހަމް ދޯ ހަމާރޭ ދޯ” އަދި “ބޭޅިޔާ” އެވެ. “ބޭޅިޔާ” އަކީ އަދި ރިލީޒްނުކުރާ ފިލްމެކެވެ.

އެންމެ ފަހުން “ޖާރޒީ” އިން ފެނުނު ޝާހިދުގެ ކުރިއަށް މަސައްކަތްތަކުގެ ތެރޭގައި ޢަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ އެކްޝަން ފިލްމު “ބްލަޑީ ޑެޑީ” އާއި އެމެޒޯންގެ ވެބް ސީރީޒް “ފަރްޒީ” ހިމެނެއެވެ. މިއީ ރާޖް އަދި ކްރިޝްނާ ޑީކޭ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.

ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ބޭޅިޔާ”، “އަދިޕުރުޝް”، “ޝެހެޒާދާ”، “ގަނަޕަތު” އަދި އަނޫރާގް ކަޝިޔަޕް އުފައްދާ “ކިލް ބިލް” ގެ ހިންދީ ރީމޭކް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.