ފިލްމީތަރި އަބްދުﷲ މުއާޒު (މުއާ) ގެ ފުރަތަމަ ޑައިރެކްޝަން ‘ލީނާ’ އާއިމެދު ކުރެވޭ އުއްމީދު ވަރަށް ބޮޑުކަމަށް މުއާ ބުނެފި އެވެ. މީގެ ހަތަރުވަރަކަށް ދުވަސްކުރިން ޝޫޓިން ފަށާފައިވާ މި ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް މުއާ ބުންޏެވެ.

މުނިއަވަސް އާއި ވާހަކަދައްކަމުން މުއާ ބުނީ ‘ލީނާ’ ގެ މަސައްކަތް ފެށުނީންސުރެން ވަރަށް އުއްމީދާއި ޔަޤީންކަމާއެކު ކުރިއަށްދާ ކަމަށެވެ.

“ފިލްމުގެ ސްކްރިޕްޓާއި ދޭތެރޭގަ ފިލްމުގެ ކާސްޓުން އައްޒަ އާއި އައްޔަ އާ، އެމީހުން ތިބީ ވަރަށް ބޮޑަށް ސްކްރިޕްޓާއި ދޭތެރޭގަ ހިތްހަމަޖެހިފަ.” އަޙްމަދު ޒަރީރް ލިޔެފައިވާ ސްކްރިޕްޓާއިމެދު މުއާ ބުންޏެވެ.

“މިހާތަނަށް އައްޔަވެސް ކުޅޭ އެންމެ ތަފާތު ރޯލު، އަދި އެހާ ބޮޑު ބައެއް އޭނަ ނުކުޅޭ ސަޕޯޓިން ކެރެކްޓަރ އެއް. ދެން ނުޒޫވެސް ކުޅޭނެ ހަމަ އެންމެ ތަފާތު އެއް ރޯލު، ދެން އައްޒަގެ ކެރެކްޓަރ އާ އަހަރެންގެ ކެރެކްޓަރ ވެސް.”

މުއާ ބުނީ ފިލްމުގެ ސްކްރިޕްޓް ކިޔަން ތަރިން އަތަށް ނުދީ ކިޔައިދެނީ އޭނާ ކަމަށެވެ.

“އަހަރެން ހުރެގެން އަސްލު އެންމެން ލައްވާ މި ކިޔުއްވަނީ، އަސްލު އޭގެ ވާނުވާ އެމީހުންނަށް ވަރަށް ބޮޑަށް ވައްދައިދޭންވެގެން.” ފިލްމުގެ ސްކްރިޕްޓާއިމެދު އިތުރަށް މުއާ ބުންޏެވެ.

އއ. އުކުޅަހުގައި ކުރިއަށްދަ ޝޫޓިންއާއިމެދު މުއާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

“ދެން މިރަށް ވަރަށް ސަޅި. އަދި މިހާތަނަކަށް ނާދެވޭ މިހާ ކޯޕަރޭޓިވް ރަށަކަށެއް ޝޫޓިން އަކަށް.” މުއާ އިތުރަށް ބުނީ މީގެ ކުރިން ބައެއް ރަށްރަށަށް ފިލްމު ޝޫޓިން އަށް ގޮސް އުޅޭއިރު ރަށްރަށުން އެހާބޮޑަށް އެއްބާރުލުން ނުލިބޭ މައްސަލަ ކުރިމަތިވިޔަސް އުކުޅަހަކީ ހަމަ ވަރަށް ބޮޑަށް ތަފާތު ރަށެއް ކަމަށެވެ.

“………ހުރިހާ ކަމެއްވެސް މިބުނީ ހަމަ، ޖެހިގެން އިންނަ ގޭގަވެސް އަނެއްހެން ބުނަންޏާމު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯވޭ. އެހާވެސް ކޯޕަރޭޓިވް އޭ ހުރިހައި އެންމެން.” މުއާ ބުނީ އެރަށަކީ ވަރަށް އަމާން، މީހުން ގުޅިގެން އުޅޭ ރަށެއް ކަމަށެވެ. އަދި ޝޫޓިން އެހާ ފްލެކްސިބަލް ކޮށް ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ އެއީކަންވެސް މުއާ ފާހަގަކުރި އެވެ.

“ކުރިއަށް އޮތް ޓްވެންޓީ ޑޭސް ތެރޭގަ އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ.”

ފިލްމުގެ ޝޫޓިން ނިންމާލެވޭވަރު ވާނެކަމަށް އަންދަޒާކުރާ މުއްދަތު ވެސް މުނިއަވަސް އާ މުއާ ހިއްސާކުރި އެވެ.

މީގެ 16 އަހަރު ކުރިން ހިނގާފައިވާ ހާދިސާއެއް ކަމަށްވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ހަދާ މި ފިލްމުގެ އެންމެ މުހިންމު ރޯލު ކަމަށްވާ ލީނާގެ ގާތިލް ޒުހޭރުގެ ރޯލުން މުއާ ފެނިގެންދާއިރު ފިލްމު ޑައިރެކްޓް ކުރަނީވެސް މުއާ އެވެ.

“ލީނާ”ގެ ރޯލުން ފެނިގެންދާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. އަލީ އާޒިމް (ދޮން އައްޔަ) މި ފިލްމުން ފެނިގެންދާނީ ލީނާ ގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. ރަށުކައުންސިލް ރައީސް ގެ ރޯލުން ފެނިގެންދާނީ އަހްމަދު ސައީދު އެވެ. މީގެ އިތުރުން ޒީނަތު އައްބާސް، އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒުހަތު ޝުއައިބް (ނުޒޫ)، އަދި އައްޒަގެ މަންމަ ގެ ރޯލުން މަރިޔަމް ހަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.