ފިލްމުގެ ނަން: އިނގިލި

ޑައިރެކްޓަރު : ރަވީ ފާރޫގު

ސްކްރީންޕްލޭ: މަހުދީ އަހުމަދު

ސިނެމެޓޯގްރެފީ: ހުސެން މުނައްވަރު

މިއުޒިކް: މުހައްމަދު އިކްރާމް

ތަރިން: އިސްމާއިލް ރަޝީދު، އަބްދުﷲ މުއާޒު

“އިނގިލި” ގެ ވާހަކަ އަޑުއިވުމުން އެންމެން ވެސް ފުރަތަމަ ކުރީ މަލާމާތެވެ. އެއީ ފިލްމަކަށް ކިޔަން ހެޔޮވާވަރުގެ ނަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ޖެހީ ޖޯކެވެ. ފިލްމުގައި ފެންނާނީ މުހިންމު ދެ ކެރެކްޓާއެއް ކަމަށް ބުނުމުން ވެސް ފިލްމުގެ ޑައިރެކްޓަރަށާއި ރައިޓަރަށް އަމާޒުވީ މަލާމާތުގެ ހަމަލާތަކެވެ. އެ ދެ ކެރެކްޓާ ފިލްމުގައި ތަމްސީލުކޮށްދީފައި ވަނީ އެކްޓަރު އިސްމާއިލް ރަޝީދު އާއި އަބްދުﷲ މުއާޒުކަން އެނގުމުން ވެސް ގިނަ ބަޔަކު އައީ ހިންޏެވެ. ވަކިން ހާއްސަކޮށް މުއާޒަށް މަލާމާތްކުރި މީހުން ގިނަ އެވެ.

މުޅި ފިލްމުގައި ގާތްގަނޑަކަށް ފެނިގެންދާނީ އެންމެ ސެޓިިންއެއް ކަމަށް ބުނުމުން ވެސް އަމާޒުވި ފާޑުކިޔުންތައް ގިނަ އެވެ. އެންމެ ސެޓިންއެއްގައި ދިވެހިންނަށް، ޝައުގާކުޅެލެވޭ ވަރުގެ ފިލްމެއް ހެދިދާނެ ކަމަށް ގަބޫލުކުރަން އެއްވެސް މީހަކު ބޭނުމެއް ނުވި އެވެ. އެހެންކަމުން އެ ހިސާބުން ވެސް “އިނގިލި” އާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އަމާޒުވީ މަލާމާތާއި ފުރައްސާރަ އެވެ.

މި ހުރިހާ ފާޑުކިޔުމެއް އަދި މަލާމާތެއްގެ ޝިކާރައަކަށް “އިނގިލި” އާއި މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުވެގެން ދިޔަ އަސްލު ސަބަބަކީ މި ފިލްމު ދިވެހި ފިލްމަކަށްވުމެވެ. ދިވެހި ފިލްމީ ދާއިރާ އަށް ބެލުންތެރިން ކުރި އިތުބާރު ގެއްލިފައި އޮތުމެވެ. ނުވަތަ އެއްވެސް އިރެއްގައި އެ ދާއިރާ އަށް އާންމުންގެ ލޯތްބާއި އިތުބާރު އަދި އިހްތިރާމް ލިބިފައި ނެތުމުންނެވެ. “އިނގިލި” ގެ ބަދުނަސީބަކީ މި ހާލަތުގައި އޮތް ދާއިރާއެއްގެ އުފެއްދުމަކަށް ވުމެވެ.

ކޮންމެއަކަސް މި ހުރިހާ މަލާމާތަކާއި ފުރައްސާރައިގެ ތެރެއިން “އިނގިލި” އެ ވަނީ ނިކަން ފަސޭހަކަމާ އެކު ދެމިގެންފަ އެވެ. އެންމެ އިނގިއްޔެއްގެ އެހީގައި މި ފިލްމާއި ފިލްމުގެ ކުޑަކުޑަ ޓީމު ފިލްމީ ދާއިރާގެ ބޮންތިއަށް އަރައިފި އެވެ. ވިޔަފާރީގެ ގޮތަކުންނެއް ނޫނެވެ. އެކަމަކު ދިވެހި ސިނަމާ އަށް މަލާމާތްކޮށް ޖެއްސުންކުރަމުން ދިޔަ ފާޑުކިޔުންތެރިންގެ އަނގަމަތީގައި އިނގިލި އަޅައިފި އެވެ. އާންމު ދިވެހި ފިލްމުތަކަށް މަރުދިން ބެލުންތެރިން ސިއްސުވާލައިފި އެވެ. އަދި ދިވެހި ފިލްމު ބެލުމަށް މުޅިން އާ އޯޑިއެންސެއް އުފަން ކުރުވައިފި އެވެ.

މިހާ ހިސާބުން “އިނގިލި” މި ފިލްމުގެ ވާހަކަ ފަށަމާ ހިނގާށެވެ. މިއީ ފިލްމުގައި އައްމަޑޭ ބުނާހެން “ދެ މީހަކާއި ވަޅިއެއްގެ ވާހަކަ” އެވެ. ފިލްމުގައި ދައްކުވައި ދެނީ ބޯކޮށް ވާރޭ ވެހެމުންދާ ރެއެއްގައި މި ވިލާގަނޑުން ސަލާމަތްވުމަށް ރަށަކަށް ބަނދަރުކޮށް ހޮޅުއަށްޓެއްގައި ވަގުތު ހޭދަކުރާ މަސްވެރިއެކެވެ. އޭނާގެ ނަމަކީ މޫސަ (ކޮޕީ އިއްސެ) އެވެ. މިއީ ފަސޭހައިން ސަމާސާ އަށް ވިހަވާ އެކުވެރިން މަދު ބީރައްޓެއްސެކެވެ. އަމިއްލަ އާއިލާގެ ހަލަބޮލިކަމުގެ ކުނިބުނީގައި މާޔޫސްވެފައިވާ ނިކަމެއްޗެކެވެ. މި ހާލަތު ބަދަލުކޮށްލުމަށް މަރުގެ އެތިފަހަރަކަށް ގޮންޖަހަން ވެސް ތައްޔާރަށް ހުންނަ މީހެކެވެ.

އެކަނިވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ހޮޅުއަށީގައި ވަގުތު ގުނަމުން ދަނިކޮށް އޭނާގެ މި ހަވާސާގެ މެހްމާނެއްގެ ގޮތުގައި ބައިވެރި ވަނީ ގޮތް ނޭނގޭ ޒުވާނެކެވެ. އޭނާގެ އަތުގައި އޮންނަނީ ވަޅިއެކެވެ. މިއީ މަޝްހޫރު ނަމުން ނަމަ އައްމަޑޭ (މުއާ) އެވެ.

މި ދެ މީހުންގެ ބީރައްޓެހިކަން ފިނި ރޯޅިތަކާ އެކު ދުރަށް ޖެހި ދެ މީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކުން އައްމަޑޭ އަކީ އާދައިގެ މީހެއް ނޫންކަން މޫސާ އަށް ޔަގީންވެ އެވެ. ފެންނަ ފެނުމުގައި އަދި ކިޔައިދޭ ވާހަކަތަކަށް ބަލާއިރު އައްމަޑޭ އަކީ ހުރިހާ ގޮތަކުން ވެސް މޫސަ އަށް ވުރެ ތަނަވަސް މީހެކެވެ. އެއީ މޫސަ ފެންބޮވައިގެންފައިވާ ކެރެކްޓާ އެވެ. މޫސަ އަކީ ފިނޑި އެކެވެ. އައްމަޑޭ އަކީ ޖެހިލުން ކުޑަ ޒުވާނެކެވެ. މޫސަ އަކީ ފަގީރެކެވެ. ކޮނޑުގައި އޮންނަ ތުވާލިގަނޑުގެ އިތުރުން އޭނާގެ އަތުގައި އެކައްޗެއް ވެސް ނެތް ކަހަލަ އެވެ. ފެންނަ ފެނުމަށް އައްމަޑޭ އަކީ ކުޑަ ވަރެއްގެ މުއްސަންޖެކެވެ. އަތުގައި މަސް ދޯންޏެއް ވެސް އޮތް ޒުވާނެކެވެ.

މި ވާހަކައިގެ ތެރެއިން އެންމެފަހުން ފިލްމުގެ ފޯރިގަދަކޮށްލަނީ އައްމަޑޭގެ މި މަސްދޯނި އޭނާގެ ބައިވެރިޔާ އަށް ހުށަހަޅާ ހިސާބުންނެވެ. ފިލްމުގެ ބެޓް ފެށެނީ މިހާ ހިސާބުންނެވެ. ދެން ކަންތައް ވެގެންދާ ގޮތުގެ ތަފްސީލަށް އަޅުގަނޑުމެން ނުގޮސް ނޭވާ ހިފަހައްޓާލާނީ އެވެ.

މި ފިލްމަކީ 2007 ވަނަ އަހަރުގެ ގައުމީ ކުރުވާހަކަ މުބާރާތުން ދެ ވަނަ ހާސިލުކުރި “ހޮޅުއަށީގެ އެކުވެރިޔާ” ގެ އަސްލަށް މަހުދީ ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށްފައިވާ ވަރުގަދަ ސަސްޕެންސް ތްރިލާ އެކެވެ. ދަރުމަވަންތަ ސްކޫލްގެ ދަރިވަރެއްގެ ގޮތުގައި މުހައްމަދު ހައްސާން ލިޔުނު ވާހަކަ ކިޔާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. މި ވާހަކަ އާއި މަހުދީގެ ސްކްރީންޕްލޭ ހާސްގުނަ ތަފާތެވެ.

ސްކްރީނަށް “އިނގިލި” އައުމުގެ ކުރިން މި ފިލްމާ ބެހޭ ގޮތުން ދެކެވުނު އެންމެ ބޮޑު އެއް ވާހަކަ އަކީ މިއީ “ފޯ ރޫމްސް” ގެ ސެގްމެންޓް “ދަ މޭން ފްރޮމް ހޮލީވުޑް” ގެ ކޮޕީއެއް ކަމަށް ބުނި ވާހަކަ އެވެ. ނަމަވެސް ހަގީގަތަކީ “ދަ މޭން ފްރޮމް ހޮލީވުޑް” އާއި އޭގެ އަސްލު، ސަސްޕެންސްގެ ބައްޕަ އަލްފްރެޑް ހިޗްކޮކް ގެނެސްދިން “ދަ މޭން ފްރޮމް ސައުތު” އާ “އިނގިލި” މާ ބޮޑަށް ވެސް ތަފާތުކަމެވެ. މި ތިން ފިލްމުގައި އެއް ވައްތަރެއްގެ އެލެމެންޓްތަކެއް ހުއްޓަސް މި އެލެމެންޓްތައް ބޭނުންކޮށްފައިވާ ގޮތް މުޅިން ވެސް ތަފާތެވެ. އެހެންކަމުން “އިނގިލި” އަށް މަހުދީ ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭގެ ފުލް ކްރެޑިޓް ހަގީގަތުގައި ވެސް އޭނާ އަށް ދޭން ޖެހޭނެ އެވެ.

“އިނގިލި” މިހާރު އެ އޮތް ހާލަތަށް ގެނައުމުގެ މޭސްތިރި އަކީ މަހުދީ އެވެ. އޭނާގެ މި ޕްލޭން ތަންފީޒުކުރުމުގެ ހުރިހާ ޝުކުރެއް ރަވީ އަށެވެ.

“އިނގިލި” އަކީ ދިވެހި ސިނަމާ އަށް މުޅިން އާ ރަހައެއް ތައާރަފްކޮށްދިން ފިލްމެކެވެ. ދިވެހި އެހެން ފިލްމުތަކާ ހިލާފަށް އޭގައި ސްޓައިލްއެއް އެބަހުއްޓެވެ. ކޮލިޓީ ވެސް އެބަހުއްޓެވެ. ފިލްމުގެ އެންމެ އާދަޔާހިލާފު ސިފައަކީ އޭގެ ސްކްރިޕްޓެވެ. މިއީ ދިވެހި ސިނަމާއިން މީގެ ކުރިން ފެނިފައި ނުވާ ފެންވަރަކަށް ފައްކާކޮށްފައިވާ ސްކްރިޕްޓެކެވެ. ފިކުރާ ކުޅެލާ ވަރުގެ ސަސްޕެންސް ތްރިލާއަކަށް ބޭނުންވާ ޖުމްލަ ހުރިހާ ސިފައެއް މަހުދީގެ ގަލަމުން އޮއްސާލާފައިވާއިރު އޭގެ އަސްލު ވާހަކައިގެ ފެންވަރު މިވަރަށް ރަނގަޅު ނޫންކަން ވެސް ފާހަގަކޮށްލަން ބޭނުމެވެ.

މި ދާއިރާގެ މާހިރުން އަބަދުވެސް ބުނާ ވާހަކަ އަކީ މޮޅު ފިލްމަކަށް ކޮންމެހެން މޮޅު ވާހަކައެއް ބޭނުން ނުވާ ވާހަކަ އެވެ. ނަމަވެސް މޮޅު ފިލްމަކަށް މޮޅު ސްކްރިޕްޓެއް ބޭނުންވާ ވާހަކަ އެވެ. “އިނގިލި” އަކީ އޭގެ މިސާލެކެވެ.

ފިލްމުގެ ސްކްރިޕްޓްގެ ވާހަކަ އެއް ފަރާތަކަށް ޖައްސާލާފައި ދެން ވެސް ދައްކަން މި ޖެހެނީ ހައްތަހާ ވެސް ފިލްމުން ކަމުދިޔަ ކަންތަކުގެ ވާހަކަ އެވެ. މުޅި ފިލްމުން އަޅުގަނޑަކަށް ކަމުނުދިޔައީ އެންމެ ދެ ކަމެކެވެ. އެގޮތުން ބެޓަށް ފަހު އިހްސާސްތައް ބަންޑުންވެގެންދާ މަންޒަރު މާ ބޮޑަށް ދިގުވެ އޭގެ ސިފަ ހަލާކުވެގެންދާކަން ފާހަގަކޮށްލަމެވެ. އެއަށް ފަހު އޮލިމްޕަހުގެ ސައުންޑްގައި އުޅޭ މައްސަލަ ވެސް ބޮޑެވެ. ފިލްމުގެ ހުރިހާ އިހްސާސެއް ބެލުންތެރިޔާ އަށް ކުރެވޭނީ މިއަށް ވުރެ ސައުންޑް ރަނގަޅު ސިނަމާއެއްގަ އެވެ. އެހެންވީމަ އޮލިމްޕަހުގައި ފިލްމު ބަލާ ނަމަ ބެލުންތެރިން ފިލްމުގެ ކެރެކްޓާތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.

ސިނގިރެޓް އިސްތިހާރުކުރާ ކަމަށް ތުހުމަތުކުރެވޭ ވަރަށް އޭގެ އިސްތިއުމާލުކުރާ މަންޒަރުތައް ފެނުނަސް އޭގެ ނުރައްކަލުގެ ވާހަކަ ފިލްމުގައި ބުނެދޭކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެކަމަކު މިއީ ބޮޑު ބަހުސަކަށް ދެވިދާނެ ކަމެކެވެ.

ރަނގަޅު ވާހަކަތަކުގެ ސިލްސިލާ އަށް އެނބުރިގަނެ މިއުޒިކް ނަގަމާ ހިނގާށެވެ. މީގެ ކުރިން ދިވެހި ފިލްމެއްގައި ބޭނުންކުރި ސްކޯއަކަށް އަޅުގަނޑަށް އެންމެ ކަމުދިޔަ ސްކޯ އަކީ މޫމިން ފުއާދުގެ “ލޫދިފާ” ގައި ބޭނުންކޮށްފައިވާ ސްކޯ އެވެ. އޭގެ މައްޗަށް އިކްރާމްގެ “ލޫދިފާ” ގެ ސްކޯ ކުރި ހޯދައޭ ބުނުމަކީ “ލޫދިފާ” އަށް އަދި ދިވެހި އެހެން ފިލްމުތަކަށް ބުނެވޭ ބަދު ބަހަކަށް ނުވާނެ ކަމަށް ހީކުރަމެވެ. އިކްރާމްގެ މަސައްކަތް މި ފިލްމުގައި މާ ބޮޑަށް ވެސް ތަފާތީ އެވެ. މި މިއުޒިކް ރަވީގެ މި ފިލްމުގައި ނެތް ނަމަ ފިލްމު މަރުވުމުގެ ފުރުސަތު ބޮޑުވީސްކަން ޔަގީނެވެ.

ސިނެމެޓޯގްރެފީގެ މަސައްކަތަށް ދިވެހި ފިލްމީ ދާއިރާ އިން މިހާރު ނަގާލެވޭނެ އެންމެ ގާބިލު އެކަކަކީ ހުސެން މުނައްވަރުކަން އޭނާ މި ވަނީ އަނެއްކާވެސް ސާބިތުކޮށްދީފަ އެވެ.

ޑައިރެކްޓަރު ރަވީ އަކީ ހަމައެކަނި ޑައިރެކްޓަރެއް ނޫނެވެ. އޭނާ އަކީ އާޓިސްޓެކެވެ. ފިލްމީ ދާއިރާ އިން މިވަގުތު ނެގޭނެ އެންމެ ފުރިހަމަ އެއް ފަންނާނަކަށް އޭނާ ވާނެކަން ޔަގީނެވެ. ނެށުންތެރިއެއްގެ ގޮތުގައި ޖާދޫ ދެއްކުމަށް ފަހު އޭނާ ބެލުންތެރިންގެ ހިތްތައް ދެން ފަތަހަކޮށްލީ އެކްޓަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ މި ވަނީ އެންމެފަހުން ދާއިރާގައި އިތުރަށް ކުރިއަށް އަރައިފަ އެވެ. ފިލްމުގެ މުޅި ޕްލޮޓް ކަހަލަ ގޮތަކަށް ސިފަކޮށްދީފައިވާ ޕޯސްޓަރަކީ ވެސް ރަވީގެ ކުރެހުމެއްކަން ފާހަގަކޮށްލަމެވެ.

ރަވީގެ މި ގާބިލުކަމާ މެދު އަޅުގަނޑު ދުވަހަކު ވެސް ޝައްކެއް ނުކުރަމެވެ. ޑާންސަރެއްގެ ގޮތުގައި ވެސް، އެކްޓަރެއްގެ ގޮތުގައި ވެސް އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އަޅުގަނޑަކީ ރަވީގެ ފޭނެކެވެ. އޭނާ އަކީ އަބަދުވެސް އޭނާގެ މަސައްކަތުން މީރުކަން ގެނެސްދޭ ފަންނުވެރިއެކެވެ. ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް ނުފޫޒުގަދަކޮށްފައި އޮތް “މިހަށިން ފުރާނަ ދަންދެން” ގެ ވާހަކަ ބާއްވާނީ ހަވާސާއިން ބޭރުގަ އެވެ. އެ ފިލްމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ރަވީ ނެގި ކަތި އިހްތިޔާރެއްކަން ޔަގީނެވެ.

“އިނގިލި” ގައި ލަވައެއް ނެތެވެ. ފިލްމުގެ ދިގު މިން އެއް ގަޑިއިރާއި 17 މިނެޓަށް ދަންމާލާފައި ވަނީ ޖުމްލަކޮށް އެންމެ ސެޓިންއެއްގައި ދެ އެކްޓަރުންނާ އެކުގަ އެވެ. ފިލްމުގައި އަންހެނެއްގެ އަޑަކަށް އިވޭ ހަމައެކަނި އަޑަކީ ބަތަލާ ޒީނަތު އައްބާސްގެ އަޑެވެ. އެއީ މޫސާއާ މެދު ހިތްހަމަނުޖެހިފައި ހުންނަ އޭނާގެ އަނބިމީހާގެ ގޮތުގަ އެވެ.

ފިލްމުގެ ލީޑް ރޯލު ކުޅެފައިވާ ކޮޕީ އިސްމާއިލް ރަޝީދުގެ ހުނަރުވެރިކަމާ މެދު ޝަކުވާކުރާނެ ޖާގައެއް އޭނާ މިފަހަރު ވެސް ނުދިނެވެ. އޭނާ އަށް ތައުރީފު އޮއްސަމުން އަޅުގަނޑު ބޮޑަށް ފާހަގަކޮށްލަން ބޭނުން ވަނީ ދާއިރާގެ އާދައިގެ އެކްޓަރެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ މުއާގެ ހުނަރެވެ. މީގެ ކުރިން މި ފެންވަރުގައި އޭނާ ޕާފޯމްކުރި ފިލްމެއް އަޅުގަނޑު ނުބަލަމެވެ.

އެހެންވީމާ މި ފިލްމު މި އޮތީ އަޅުގަނޑާ އެކު ދެން ތިބި މީހުން ވެސް ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅުވެފަ އެވެ. މި ފެންވަރުގެ ފިލްމެއް ދިވެހި ސިނަމާއިން ބަލާލުމުގެ ފުރުސަތު ލިބުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މީގެ ދެ ތިން އަހަރު ކުރިން ވެސް މި ފެންވަރުގެ ފިލްމެއް އަޅުގަނޑުމެންނާ ހަމަ އަށް އައެވެ. އެއީ �ލޫދިފާ� އެވެ.

މޫމިންގެ އެ ފިލްމުގައި މޮޅު ފިލްމެއްގެ ބޯޑް އަޅުވައި އެ ފިލްމާ ދިވެހި އެހެން ފިލްމުތަކާ އަޅާކިޔަން ފެށުމުން ބައެއް ފަރާތްތަކަށް ގަބޫލުކުރެވުނީ އެއީ މޫމިންގެ ފިލްމަކަށް އެ ފިލްމު ވުމުން ލިބުނު ޝަރަފެއް ކަމަށެވެ. އެއީ ވެސް އެއްގޮތެވެ. އަނެއް ގޮތަކީ އެ ފެންވަރުގެ ދެ ވަނަ ދިވެހި ފިލްމެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާ ހަމަށް ގެނެސްދެވިފައި ނުވުމެވެ. އިތުރު އެހެން ބަޔަކަށް އެވަރުގެ ތައުރީފެއް އޭރު ނުކުރެވުނީ މޫމިން ދެއްކި ފެންވަރު ދިވެހި ސިނަމާގެ އެހެން ބަޔަކަށް ދެއްކިފައި ނެތުމުންނެވެ.

ނަމަވެސް މި އޮތީ އެ ދުވަސް ބަދަލުވެފަ އެވެ. މަހުދީ އާއި ރަވީ އަދި ހުސެން އެ ވަނީ “އިނގިލި” އާއެކު “މޫމިން ފުއާދުގެ ކްލަބުން” ޖާގަ ހޯދައިފަ އެވެ. ހަގީގަތުގައި ރަވީގެ މި ފިލްމު އަޅުގަނޑަށް “ލޫދިފާ” އަށް ވުރެ ވެސް “ފޮންޏެވެ”. ނަމަވެސް މި ދެ ފިލްމަކީ މުޅިން ވެސް ތަފާތު ދަރަޖައެއްގެ ދެ ވައްތަރެއްގެ ދެ ފިލްމެވެ. އަދި އެ ދެ ޖޯންރާގައި ދިވެހި ސިނަމާ އިން ނެނގޭނެ އެންމެ މޮޅު ދެ ފިލްމު ވެސްމެ އެވެ.

“އިނގިލި” އަކީ ދިވެހި ފިލްމީ ދާއިރާ އަށް މަލާމާތްކޮށް ހަޖޫޖަހައި ދިވެހި ފިލްމު ބަލަން ލަދުން އުޅޭ މީހުން ކޮންމެހެން ވެސް ބަލަން ޖެހޭނެ ފިލްމެކެވެ. އަދި މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާގައި ހުރީ “އެންމެ މޫމިން ފުއާދެއް” ނޫންކަން ވެސް ސާބިތުކޮށްދިން ފިލްމެކެވެ.

ދިވެހި ފިލްމީ ދާއިރާގެ މޮޅު ފިލްމުތަކުގެ ލިސްޓުން “އިނިގިލި” އަށް ޖާގައެއް ހައްގުވިޔަސް އާންމު ދިވެހި ފިލްމުތަކަށް މަރުދޭ ބެލުންތެރިންނަށް ރަވީގެ މި ފިލްމު ފަހަރުގައި މަރުގެ އެތިފަހަރަކަށް ވެސް ވެދާނެ އެވެ. އެ ފަރާތްތަކަށް ފިލްމު ކަމުނުދާނެ ކަމުގެ ޔަގީންކަން އޮތްއިރު ފިލްމުގައި ވާނުވާ އެނގޭނެ ކަމާ މެދު ވެސް ޝައްކެވެ. މިއީ ޑައިލޮގެއްގެ އެންމެ ލައިނެއް ގެއްލުނަސް ވާނުވާ އޮޅިދާނެ ފިލްމެކެވެ. ފިލްމު ކުރިއަށް ދިޔައިރު އޯޑިއެންސް އެކަމަށް ސަމާލުވެގެން އޮތްކަން ފާހަގަކޮށްލެވެ އެވެ. ދިވެހި ފިލްމަށް ގޮސް އޯޑިއެންސްގައި ފިލްމަށް ޖޯކުޖަހަމުން އަޑުގަދަކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ފިލްމު ބެލި އޯޑިއެންސް އިން ހަޅޭފަޅޭނުޖަހާކަން ފާހަގަކޮށްލެވުނެވެ. ފަހަރެއްގައި ފިލްމު މާ ބޮޑަށް ވެސް ކަމުދިޔައީ އެވެ. ނުވަތަ އެއިން ވީނުވީއެއް ނޭނގި އާގަމަވީ އެވެ.

ކޮންމެ ގޮތެއް ވިޔަސް މިއީ ތަފާތު ދިވެހި ފިލްމެއް ތަޖުރިބާކޮށްލަން ބޭނުން ނަމަ ކޮންމެހެން ވެސް ބަލަން ޖެހޭ ދިވެހި އުފެއްދުމެކެވެ.

މަސްދަރު: ހަވީރު އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.