މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ހުނަރުވެރި ވާހަކަލިޔުންތެރިޔާ އާމިނަތު ފަރުޒާނާ (ޒާނާ) 2017 ވަނަ އަހަރު ލިޔެފައިވާ 34 އެޕިސޯޑްގެ “މާފުކުރާށޭ ކަލާ” އޯޑިއޯ ވާހަކަ ސީރީޒްގެ އެޕިސޯޑްތައް މުނިއަވަސް ފޭސްބްކް ޕޭޖްގައި ޝާއިޢުކުރަން ފަށައިފި އެވެ.

މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ (ސަންނު)ގެ ހުނަރުވެރި ވާހަކަހުށައެޅުމާއެކު، މުނިއަވަސް ޓީމު މެންބަރުންގެ ހިތްގައިމު ވޮއިސް އެކްޓިން ހިމަނައިގެން ‘ހަފުތާގެ ވާހަކަ ސްޓައިލް’ގައި މި ވާހަކަ މުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ޝޯވ “ވާހަކައިން ވާހަކަ” ޕްރޮގްރާމުގައި ގެނެސްދޭން ފެށީ މީގެ ހަތަރު ހަފުތާ ކުރިންނެވެ. މި ވާހަކައިގެ ހަތަރު އެޕިސޯޑް މިހާރު މުނިއަވަސް ފޭސްބްކް ޕޭޖް އަދި މުނިއަވަސް ކްލަބްހައުސްގެ ރީޕްލޭ އިން އަޑުއަހައިލެވެން ހުންނާނެ އެވެ.

އެހުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ “މާފުކުރާށޭ ކަލާ” އޯޑިއޯ ވާހަކަ ސީރީޒްގެ މުހިންމު ކެރެކްޓާތަކަށް އަޑުން އެކްޓްކޮށްފައިވަނީ ޝަމްސިއްޔާ ޙަސަން (ޝަމް)، އަޙްމަދު ރަޝީދު، ގާއްޑެ، އަޙްމަދު ރަޝީދު (އަންނާރޭ)، ލައިނާ، މާލިކް އަދި ރީޝަމް ޢަލީ އެވެ. މީގެ އިތުރުންވެސް ކުރިއަށްހުރި އެޕިސޯޑްތަކުން މުނިއަވަސް ޓީމު އެހެން ބައިވެރިންގެ އަޑުތައްވެސް އިވިގެންދާނެ އެވެ.

މާފުކުރާށޭ ކަލާ“ގެ ނެރޭޓިވް ޑްރެމެޓިކް ވާރޝަންގެ ޓައިޓްލް ލަވައެއް ވެސް މުނިއަވަސް އިން ހަދައި އާއްމުކޮށްފައިވެ އެވެ. އިބްރާހީމް ނިފާރު (ތިއްތި) ހަދާފައިވާ ‘ހިނިތުންވެލާށޭ ކަލާ’ ލަވައިގެ ރާގަށް އަޙްމަދު ރަޝީދު ހަދާފައިވާ ޅެމަށް، ލަވަ ކިޔާފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ އާމިނަތު ރާޔާ އެވެ. ރާޔާގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ ރެކޯޑިން އެރޭންޖްމެންޓް ހަދައިދިނީ ރިޓްޒް ލިރިކްސް އިންނެވެ.

މުނިއަވަސް ކްލަބްހައުސްގެ “ވާހަކައިން ވާހަކަ” ޕްރޮގްރާމު އޮންނާނީ ކޮންމެ ބުރާސްފަތި ދުވަހުގެ ރޭ 10:30ގެ ޚަބަރަށް ފަހުގަ އެވެ.

ވާހަކައިން ވާހަކަ” ޕްރޮގްރާމުގައި މީގެ ކުރިން ވަނީ މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު ޢަބްދުﷲ (ސާންޑީ) ލިޔެފައިވާ ފަސް އެޕިސޯޑްގެ ވާހަކަ “ލައިލާ” ވެސް މިގޮތަށް ގެނެސްދީފަ އެވެ. މި ވާހަކައަށް މުނިއަވަސް ކްލަބްހައުސް އެހުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.