ލޯބީގެ ތަފާތު ވާހަކައެއްގެ ތެރެއިން ސިއްރު މަރެއްގެ ހަގީގަތް ހޯދަން ފުލުހުންގެ ތަހްޤީޤީ ޓީމެއް މަސައްކަތްކުރާ ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތުރިލާ “ދެވަންސޫރަ” ރިލީޒް ކުރަން ނިންމާފައިވާ ތާރީޚް ގައި ފިލްމު އަޅުވާނެ ކަމަށް ޕްރޮޑިއުސަރުން ބުނެފި އެވެ.

“ދެވަންސޫރަ” ޕްރޮޑަކްޝަން ޓީމުން އަޙްމަދު ޝާހް ޢަލީ މިއަދު، މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނީ ރާއްޖޭގެ ސިޔާސީ މަޝްރަހް މިވަގުތު ކިތަންމެ ހަލަބޮލިވެފައި އޮތްނަމަވެސް ޝެޑިއުލްއާއި އެއްގޮތަށް ފެބްރުއަރީ 06 ވަނަދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ފިލްމު އަޅުވާނެ ކަމަށެވެ.

ފިލްމު އަޅުވާ ތާރީޚަށް ބަދަލެއް ގެންނަން އަދި ނިންމާފައި ނުވިޔަސް ރާއްޖޭގެ ސިޔާސީ މަޝްރަހާއި އާއްމު ހާލަތު މިހާރު އޮތްގޮތުން ފިލްމުގެ ދެ ޝޯ އެއް ދެއްކުމަށްފަހު، ފަހުގެ ތާރީޚަކަށް ފަސްކޮށްލަން ޖެހިދާނެ ކަމަށް ވިސްނައިގެން ތިބިކަމަށް އިޝާރާތެއް ޝާހް ކޮށްފައިވެ އެވެ.

ޝާހް އިތުރަށްބުނީ ރާއްޖޭގެ މަޝްރަހަށް މި އައި ބަދަލާއި ގުޅިގެން ޓިކެޓް ސޭލްސް އަށް ވަރަށް ބޮޑަށް އެނގުންވެގެން ހިނގައްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މާހައުލު ހަލަބޮލިވެ ޤައުމުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދޭ ކޮންމެ ދަނޑިވަޅަކީ ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި ފިލްމީ ދާއިރާގެ މީހުންނަށް ލިބިގެންދާ ބޮޑު ކަންބޮޑުވުމެކެވެ.

އަޙްމަދު ޝާހް އަލީ، މުޙައްމަދު ފައިސަލް އަދި އަލީ ޝަޒްލީމް ޕްރޮޑިއުސްކުރާ މި ފިލްމަކީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ މަރިޔަމް ޝިފާ ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމު ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) ޖާދުﷲ އިސްމާއީލް (ޖާދު) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ޝަކިއްތަ ފަދަ އެކްޓަރުން ހިމެނެ އެވެ.

ފައިސަލް ބުނީ މި ފިލްމުގެ އެންމެ ސްޓްރޯންގް ކަމަކީ މީގެ ވާހަކަ ކަމަށެވެ. އަދި މި ފިލްމުގެ ވާހަކަ އިން ޔޫއްޕެގެ އަސްލު ޖޮންރާ ކަމަށްވާ ސަސްޕެންސް، ތްރިލާ އަދި ހޮރޯ ހިމެނިފައި ވާނެ ކަމަށެވެ.

‘ދެވަންސޫރަ’ އިގައި އެކްޓްކޮށްފައިވާ ހުރިހައި ތަރިންވެސް ބުނީ މިއީ ވަރަށް ތަފަތު، އަދި އެހާމެ މޮޅު ވާހަކައަކަށް ތައްޔާރުކޮށްފައިވަ މޮޅު ފިލްމެއްކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.