އަބަދުވެސް ތަފާތު ސްޓައިލެއްގެ އުފެއްދުންތަކެއް ނެރެމުން އަންނަ މޫމިން ފުއާދު އުފައްދާ ބައިސްކޯފު އޮރިޖިނަލްސް “ނެތީމޭ” ޑްރާމާ ސީރީޒްގެ ފުރަތަމަ ޓްރެއިލާ އާއްމުކޮށްފި އެވެ. އާއްމުކޮށްފައިވާ ޓްރެއިލާގެ މަންޒަރުތަކަށް ބަލާއިރު މިއީ ތަފާތު ލޯބީގެ ވާހަކައެއް ދައްކައިދޭ އުފެއްދުމެއްކަން އެނގެއެވެ.

މަޤުބޫލު ތަރިންތަކެއް ފެނިގެންދާ “ނޭތީމޭ”ގައި ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ކޮޕީ އިއްސެ، ޝާރިފް، ވާޝިޔާ، ނަތާޝާ، ޝަކިއްތަ، އިސްމާޢީލް ޒާހިރުގެ އިތުރުންވެސް ގިނަ ތަރިންތަކެއް ހިމެނެ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނޭނީ ފަސް އެޕިސޯޑް ކަމަށް މުނިއަވަސްއާ ވާހަކަދައްކަމުން މޫމިން ފާހަގަކުރި އެވެ. މީގެ ލީޑުގައި ހަރަކާތްތެރިވަނީ ޝާރިފް އަދި ޝިޔާ އެވެ.

“މީ ބުނެވިދާނެ ލޯބީގެ ޑްރާމާ ސީރީޒެކޭވެސް. އެކަމަކުވެސް ސޯޝަލް އިޝޫވެސް ހަމަ ވަރަށް ގިނަވާނެ.” މި ސީރީޒުގެ ފުރަތަމަ ޓްރެއިލާއިންވެސް މޫމިން އެ ފާހަގަކުރި ފަދަ އިޖްތިމާޢީ މައްސަލަތަކެއް ފެނިގެންދާއިރު، ކޮޕީ އިއްސެ ފެންނަނީ ވަރަށް ވަރުގަދަ ތަފާތު ލުކެއްގައިކަން ފާހަގަކޮށްލެވެ އެވެ.

މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ “ނޭތީމޭ” ވެބް ސީރީޒްގެ ސިނަމޮޓޮގްރަފީ ހެދީ ޙުސައިން އަދުނާން އެވެ. އެޑިޓިން ހެދީ ފިލްމީ ދާއިރާގެ ޓެކްނިކަލް މަސައްކަތްތަކުގައި ފައިތިލަ ސާބިތުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުން އަންނަ އަޒްމީ އެވެ. މި އުފެއްދުމުގައި އަޒްމީގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްވެސް ފެނިގެންދާނެ އެވެ. ސީރީޒްގެ ބެކް މިއުޒިކް ހެދީ ފަތޯ އެވެ. މީގެ އިތުރުން ޕައިޑޭގެ ލަވައެއްވެސް މި ސީރީޒްގައި ހިމެނޭނެ އެވެ. މޭކަޕް ހެދީ ސޭންޑީ އެވެ.

“ނޭތީމޭ” ވެބް ސީރީޒްގެެ ފުރަތަމަ ސީޒަންގެ މަސައްކަތްތައް ނިންމާލާފައިވާއިރު، މި ސީރީޒް ޝޫޓްކޮށްފައިވަނީ މާލޭގަ އެވެ.

“ޑްރާމާ ސީރީޒްގެ ހުރިހާ މަސައްކަތެއްވެސް މިހާރުވަނީ ނިމިފަ. ދެން ބައިސްކޯފުން ޑޭޓެއް ކަނޑައަޅުއްވާނެ. ސީޒަން ވަން ރިލީޒްކުރާނެ ޑޭޓެއްވެސް އަދި ފައިނަލެއް ނުވޭ. އެކަމަކު ލަފާކުރެވޭ ގޮތުގަ ސެޕްޓެމްބަރު މަހު ތެރޭގަ ސީޒަން ވަން ރިލީޒްކުރާނެ.” މޫމިން ބުންޏެވެ.

“ސީޒަން ޓޫގެ މަސައްކަތް ކުރިއަށް މި އޮތް ދެމަސް ތެރޭގަ ފެށޭނެ. އަންނަ އަހަރު ޖެނުއަރީ ހިސާބުގައި ސީޒަން ޓޫ ވެސް ފެންނާނެ.” މި ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތް ރޭވިފައިވާ ގޮތް ހިއްސާކުރަމުން މޫމިން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.