މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފިލްމީ ފަންނާނުންނަށްނަށް ޚާއްޞަ ހަފުލާއެއް ބާއްވައިފި އެވެ. މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އޮލިމްޕަހުގައި މިމަހު 14 ވަނަ ދުވަހުގެ ރޭ ބޭއްވި މި ހަފުލާގައި ގިނަ އަދަދެއްގެ ފިލްމީ ފަންނާނުންގެ އިތުރުން ފަންނާއި، ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ބައިވެރިވެލެއްވި އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަން ފާހަގަކުރައްވާ ކަމަށާ، އެތަނުގެ މަސައްކަތް އަވަސް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓް ވެސް ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމުގެ މަތިން ކަމަށްވެސް ޠާރިޤް ވިދާޅުވި އެވެ.

އޮލިމްޕަސް ސިނަމާ މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާ، ކުރިން ކަނޑައަޅާފައިވާ ގޮތަށް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ހުޅުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ޠާރިޤް ވިދާޅުވި އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭްއްވި ހަފުލާގެ ތެރެއިން – ފޮޓޯ: އެމްއެފްއޭ

“އޮލިމްޕަސް ނިމޭ އިރު މިތަން ވެގެން ދާނީ ޒަމާނީ ފެންވަރަށް ހެދިފައިވާ ހިތްހަމަޖެހޭ ފަދަ ތަނަކަށް. މިތަން ނުނިމި ލަސްވުމަކީ ދާއިރާގެ އާމްދަނީ އެއްކޮށް މަޑު ޖެހިފައިވާ ކަމެއް. އެހެންވީމަ އެކަން އަވަސް ކުރަން އަޅުގަނޑުމެން އިސްކަން ދެން،.” ޠާރިޤް ވިދާޅުވި އެވެ.

މުނިއަވަސްގެ ފަރާތުން މިމަހު 14 ވަނަ ދުވަހުގެ ވަގުތެއްގައި އޮލިމްޕަހުގައި ކުރެވޭ މަސައްކަތްތަކާއި ކޮށް ނިންމާފައިވާ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ބަލައިލެވުނެވެ. ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އެ ފާހަގަކުރެއްވި ފަދައިން، އޮލިމްޕަހުގައި މިހާރު ކޮށް ނިންމާފައި ހުރި މަސައްކަތްތަކުން އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރޭގެ ހަފުލާގައި ޚާއްޞަ ސައިފޮދަކާއި ފިލްމީ ފަންނާނުންގެ ކަރޯކޭ ޖެއްސުން ކުރިއަށް ގެންދިޔަ އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ރަސްމީ ބޮޑު ހަފުލާއެއް ބޭއްވުމަށް އެ އެސޯސިއޭޝަނުން ތައްޔާރުވަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. މި ހަފުލާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބައިވެލައްވާނެ އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭްއްވި ހަފުލާގެ ތެރެއިން – ފޮޓޯ: އެމްއެފްއޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.