ކެމެރާ ކުރިމަތިން ރާއްޖޭގެ އެންމެ މަޤްބޫލު އެކްޓްރެސް ނިޢުމާ މުޙައްމަދު ނިވައިވުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭ ޚާއްޞަ ފިލްމު، ‘ނިވައިރޯޅި’ ގެ ޝޫޓިން ފަސްކޮށްލާފައިވަނީ ނިޢުމާ ފަލަވުމަށް ވަގުތުކޮޅެއް ބޭނުންވާތީ ކަމަށް އޭނާ ބުނެފި އެވެ.

ޖެނުއަރީ މަހު ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާކަމަށް ކުރިން އިޢުލާނުކޮށްފައިވާތީއާ، މިއަދާއި ހަމައަށް އައިއިރު ޝޫޓިން ފެށިފައި ނުވާތީ އެކަމާ ސުވާލުކޮށްލުމުން މުނިއަވަސް އަށް ނިޢުމާ ބުނީ ފިލްމުގެ ޝޫޓިން އާއި ބެހޭ އަޕްޑޭޓެއް މީޑިއާތަކަށް ފަހުން ދޭނެ ކަމަށެވެ. އަދި މިދުވަސްކޮޅު ފިލްމުގެ ޝޫޓިން ނުފަށައި ލަސްކޮށްލާފައިވަނީ ފިލްމަށްޓަކައި ފަލަވާން ޖެހޭތީ ކަމަށެވެ.

މޫމިން ފުއާދު އަދި ނިއުމާ ޕްރޮޑިއުސްކުރާ މި ފިލްމާއި ގުޅޭގޮތުން  ނިއުމާ މުހައްމަދު މިދިޔަ ޖެނުއަރީމަހު ބުނީ ޝޫޓިންގ ފެށުމަށް މޫމިން އޭނާ ބަހައްޓަން ބޭނުންވި ވަރަށްވުރެ މިހާރު ހުރީ ހިކިފައި ކަމަށާއި އެހެންވެ ކުޑަކޮށް ވެއިޓް ގެއިން ކޮށްލަން ޖެހިފައިވާކަމަށެވެ.

މި ފިލްމަކީ ކެމެރާގެ ކުރިމަތިން ނިއުމާ މުހައްމަދު ފެންނާނެ އެންމެ ފަހު ފިލްމުކަން  އިއުލާނުކޮށްފައިވަނީ ނިޢުމާގެ އުފަންދުވަހާއި ގުޅުވައިގެން ބޭއްވި ކުލަގަދަ ހަފުލާ “ސެލެބްރޭޓިން 20” ގެ ތެރޭގަ އެވެ. އެ ހަފުލާގައި ފިލްމު ލޯންޗުކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ވެސް އާއްމުކޮށްފައި ވެއެވެ.

“ނިވައިރޯޅި” ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ފިލްމުން މުޅިން އާ ފިރިހެން ތަރިއެއް ފެންނާނެ ކަމަށް ނިއުމާ ވަނީ ބުނެފައެވެ. އެހެންކަމުން ނިއުމާ ކެމެރާގެ ކުރިމަތިން ނިވައި ވާނީ އޭގެ ބަދަލުގައި ތަރިއެއް އިންޑަސްޓްރީއަށް ނެރެފައި ކަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.