ފެބްރުއަރީ 05 ވަނަދުވަހުގެ ރޭ އިއުލާނުކޮށްފައިވާ 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ފެބްރުއަރީ 06 ވަނަ ދުވަހުގެރޭ (މިރޭ) އޮލިމްޕަހުގައި ރިލީޒްކުރަން ނިންމާފައިވާ ‘ދެވަންސޫރަ‘ ރިލީޒްކުރުމަށް ވެގެންދާނީ ކިހިނެތްބާ އޭ ފިލްމުގެ އިންތިޒާރުގައި ތިބި ބެލުންތެރިން ހިތަށް އަރާނެ އެވެ.

ރާއްޖޭގެ ތިން ޓީވީ ސްޓޭޝަނަކުން ‘ދެވަންސޫރަ’ ޕްރިމިއަރ ކުރުމުގެ އިވެންޓް ލައިވް ކުރުމަށް ނިންމާފައިވާއިރު، ފިލްމު ކްރޫ އެއްކޮށް ތިބީ ހާސްކަމެއްގެ ތެރޭގައި ނަމަވެސް ފިލްމު ޕްރިމިއަރ ކުރުން އޮންނާނެ ކަމަށް ޕްރޮޑިއުސަރުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުންޏެވެ. ‘އައިސް ޓީވީ’، ‘ގޯ ޕްލަސް’ އަދި ‘ވީޓީވީން’ ލައިވް ކުރުމަށް ނިންމާފައިވާ ޕްރިމިއަރ އިވެންޓަށް ފިލްމު ކްރޫ ވަރަށް ބުރަކޮށް މަސައްކަތްކޮށް ބޮޑެތި ތައްޔާރީތަކެއް ވަނީ ވެފައެވެ.

މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ސަސްޕެންސް ތުރިލާއެކެވެ. ފިލްމުން ދައްކުވައިދޭނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށެވެ. ފިލްމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާނެ އެވެ. ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މިއީ ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ގިނަ މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމެކެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފުވާ މަރިޔަމް ޝިފާ ގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ޖިހާދު (ޖިމީ)، އަހުމަދު އީސަ (އާނަންދު)، އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހިމެނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި އަހްމަދު ޝާހް އަލީ އެވެ. ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ޕްރޮޑިއުސަރުން ވެސް ތިބީ މިފަދަ ކުއްލި ހާލަތަކަށް ތައްޔާރު ނުވެކަމުން ހާސްކަމެއްގެ ތެރޭގައި ނަމަވެސް، އަދި ވަނީ ފިލްމު ދެއްކުން ފަސް ނުކުރާކަން ‘މުނިއަވަސް‘ އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.