2001 ވަނަ އަހަރުން ފެށިގެން ފ. އަތޮޅު މަދަރުސާގައި ސާނަވީ އިމްތިޙާނު ހަދަމުން އަންނައިރު ނިމިގެންދިޔަ ދިރާސީ އަހަރަކީ ފ. އަތޮޅު މަދަރުސާއަށް ހުރިހާ ގޮތަކުން ވެސް ކުރިއެރުން ލިބުނު އަހަރެކެވެ. ފ. އަތޮޅު މަދަރުސާގެ ތާރީޚުގައި ވެސް ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ދަރިވަރަކު ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. މި ފަޚުރުވެރި ކާމިޔާބީ ހޯދާފައިވާ ދަރިވަރަކީ ފ. ފީއަލީ ހުސްނުހީނާގޭ ހަމްސާ ޙުސައިންއެވެ. ހަމްސާ ވަނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ 10ގެ 4 ވަނައަށް ވާދަކޮށް މުޅި ފީއަލި ހިނިތުންކޮށްދީފައެވެ.

“އުއްމީދުކޮށްގެން ހުރީ ޓޮޕް ޓެންގައި ހިމެނުނަސް 8 ނޫނީ 9 ގައި ހިމެނޭނެ ކަމަށް، ޓޮޕް 4 ގަ ހިމެނޭނެ ކަމަކަށް އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން. ވަރަށް ސަރޕްރައިސް” މުނިއަވަސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ހަމްސާ ބުނެފައިވެއެވެ.

ހަމްސާގެ ކާމިޔާބީއަކީ އެއްދުވަހެއް ދެދުވަހެއްގެ މަސައްކަތެއް ނޫނެވެ. ހަމަ ޔަޤީނުން ވެސް މިކާމިޔާބީއަކީ 10އަހަރު ދުވަހުގެ ފޮނި އުއްމީދާއި ބުރަ މަސައްކަތެވެ.

ހަމްސާއަކީ ނިމިދިޔަ ދިރާސީ އަހަރު ފ. އަތޮޅު މަދަރުސާގެ ކެޕްޓަނެވެ. މަދަރުސާގައި ރާވާ ހިންގާ ޙަރަކާތްތަކުގައި ހަމްސާގެ ބައިވެރިވުން ފުރިހަމައަށް ދީފައިވެއެވެ.

ހަމްސާއަށް މި ލިބުނު ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމަށް ޓަކައި، ފ. އަތޮޅު މަދަރުސާގައި ވަނީ ކުލަގަދަ ޙަފްލާއެއް ބާއްވާފައެވެ. ރަށުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން ބޭއްވި މި ޙަފްލާގައި ހަމްސާވަނީ އެދަރިވަރުގެ އިޙުސާސްތައް ބަންޑުންކޮށްލާފައެވެ. ހަމްސާ ބުނި ގޮތުގައި މި ކާމިޔާބީއަކީ 10 އަހަރު ދުވަހު އޭނާ ދެކެމުންއައި ފޮނި ހުވަފެނެކެވެ.

ޤައުމީ ގަދަ ދިހައަކު ހިމެނުނު ހަމްސާ ހުސައިން – ފޮޓޯ: މުނިއަވަސް / ރީޝަމް

“ކިޔެވުމަކީ އެކަމަށް ޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް، ވަރަށް ގިނަ ވަގުތުތަކެއް ހޭދަކޮށް އަދި އެކަމަށް ޓަކައި ބައެއް ކަހަލަ ޤުރުބާނީތަކެއް ވާންޖެހޭ ކަމެއް. އެގޮތުން ކިޔެވުމަށް އިސްކަންދީ މުދައްރިސުން ދެއްވާ އަގުހުރި ބަސްތަކާއި އިރުޝާދުތަކަށް ބޯލަނބައި، ބޭކާރު ކަންކަމަށް ހޭދަކުރާ ވަގުތު މަދުކޮށް، ކިޔެވުމަށް ހޭދަކުރާ ވަގުތު އިތުރުކުރަން ޖެހޭ. ކުލާސް ގަޑީގެ އިތުރުށް ސުކޫލުން ރާވާ އިތުރު ކުލާސްތަކަށް ޤަވާއިދުން ހާޟިރުވެ އެ ގަޑިތަކުގައި ޓީޗަރުން ދެއްވާ މަޢުލޫމާތުތައް ކަނުލައި އަޑުއަހައި، ގޭގައި ކިޔެވުމަށް ހޭދަކުރާ ވަގުތު އިތުރުކުރަންޖެހޭ” ރޭގެ ހަފްލާގައި ހަމްސާ ދެއްކި ވާހަކައިގައި ބުނެފައިވެއެވެ. ރޭގެ ހަފްލާގައި މިއަހަރު، ފ. އަތޮޅު މަދަރުސާގެ ގްރޭޑު 10ގައި ކިޔަވާ ދަރިވަރުން ވެސް ޝާމިލްވިއެވެ.

މުނިއަވަސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެމުން ހަމްސާ ބުނީ ނަތީޖާ މިހާ ރަނގަޅުވުމުގައި ހަމްސާގެ ޢާއިލާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ވަކިން ޚާއްސަކޮށް ލޯބިވާ މަންމައާއި ބައްޕަގެ ޤުރުބާނީއަކީ އަގުނުކުރެވޭނެ ޤުރުބާނީއެއްކަން ވެސް ހަމްސާ ފާހަގަކުރިއެވެ. ހަމްސާގެ ކާމިޔާބީގެ އެއްބައި ކަމުގައިވާ ފ. އަތޮޅު މަދަރުސާގެ މުދައްރިސުންނަށް އަބަދު ވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާނެ ކަމަށް ހަމްސާ ބުންޏެވެ.

“މި ކާމިޔާބީ ލިބުމުގެ ފަހަތުގައި މަދަރުސާގެ ހުރިހާ މުދައްރިސުން ވެސް ޝާމިލުވޭ، ޚާއްސަކޮށް އަޅުގަނޑަށް ކިޔަވައި ދެއްވި މުދައްރިސުން، މުދައްރިސުންގެ ހިތްވަރާއި މަސައްކަތް ބަލައިގަނެ އަބަދު ވެސް ޝުކުރުއަދާކުރާނަން.” ހަމްސާ ބުންޏެވެ.

މިކަހަލަ ކުޑަ ކުޑަ ރަށަކަށް ބަލާއިރު މި ކާމިޔާބީއަކީ ރަށަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރީޝަމް ޢަލީ
ރީޝަމް އަކީ މުނިއަވަސް އޮންލައިންގެ ޚަބަރުލިޔުންތެރިއެއްގެ އިތުރުން މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމު ހުށައެޅުންތެރިއެކެވެ.