ކިތަންމެ “ލަސްވިޔަސް” އެންމެފަހުން، ފައުޒިއްޔާ ޙަސަންއާ އެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށް ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ) ބުނެފި އެވެ. ޓެޑްރީ މިހެން ބުނީ މިދިޔަ ޖުލައިމަހު ކުރި ޓްވީޓެއްގައެވެ.

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ މި އަހަރަށް 35 އަހަރު ފުރޭ ތަޖުރިބާކާރު ޑައިރެކްޓަރ ޓެޑްރީ ބުނީ އޭނާ މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު “ލަސްވިޔަސް”ގައި ފައުޒިއްޔާ ދައްކައިދޭ ރޯލަކީ ޚާއްޞަކޮށްގެން ފައުޒިއްޔާއަށް ސްކްރިޕްޓް ތައްޔާރުކުރި ރޯލެއް ކަމަށެވެ.

“އަހަރެން މި ރޯލު ޓެއިލަރ މޭޑް ކޮށްދިނީ އޭނައަށް (ފައުޒިއްޔާއަށް) ނަމަވެސް، ރާއްޖެއިން ބޭރުގައި އޭނާ އުޅޭތީ މިއީ ހަގީގަތަކަށް ވާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން.” ޓެޑްގެ ޓްވީޓްގަައި އިތުރަށް ބުނެފައިވެ އެވެ. ޓެޑްރީ ބުނީ އެ ރޯލަށް ފަސްމީހުންނާ ވާހަކަދެއްކި ކަމަށާ ނަމަވެސް އެހެން މީހެއް އެ ރޯލަށް ފިޓްނުވި ކަމަށެވެ.

ފިލްމު “ލަސްވިޔަސް”ގައި ފައުޒިއްޔާ ފެނިގެންދާނީ މުސްކުޅި މާމައެއްގެ ރޯލުންނެވެ. އޭނާ ފެނިގެންދާނީ ދެ މިނިޓުގެ މަންޒަރެއްގަ އެވެ. ތިން އޭންގަލުން ކެމެރާ ބަހައްޓައިގެން ޝޫޓްކުރިއިރު، ސްކްރިޕްޓްގެ ހުރިހާ ތަފުސީލަކާ އެއްހަމަކޮށް އެއް ބުރުން ފައުޒިއްޔާ އެކްޓްކޮށް ނިންމައިލި ކަމަށްވެސް ޓެޑްރީ ބުނެއެވެ.

ޓެޑްރީ، ފައުޒިއްޔާ އާމެދު ބުނީ އެފަދަ އެފަދަ ފުރިހަމަ އަޚުލާޤާއި، ފަންނުގެ ތައުލީމު އެހާ މުއްސަނދި މީހުން މަދުވާނެ ކަމަށާ ރާއްޖޭގެ ފިލްމީ ހަޔާތުގައި އެލެވެލްގެ ހުނަރުގައި ނަންކިޔާ ތިން ނަމުގެ ތެރޭގައި އޭނާގެ ނަން ނުހިމެނި ނުދާނެ ކަމަށެވެ.

“ލަސްވިޔަސް”ގައި ހިމެނޭ ފައުޒިއްޔާގެ ޝޫޓިންތައް މި އަހަރު ޖޫން މަހުގެ ތެރޭގައި ނަގައި ނިމިފައިވާއިރު، މި ފިލްމަކީ ފައުޒިއްޔާ އެންމެ ފަހުން ފެނިގެންދާނެ ދިވެހި ފިލްމަށް ވުން އެކަށީގެންވެ އެވެ.

“ލަސްވިޔަސް” ބ. ކަމަދޫ ޝޫޓްގަެ ބައިވެރިން – ފޮޓޯ އެޓާރނަލް ޕިކްޗާރސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.