‘ދެވަންސޫރަ’ ފެބްރުއަރީ 06 ވަނަ ދުވަހުގެރޭ (މިރޭ) އޮލިމްޕަހުގައި ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ.

ފިލްމު ރިލީޒްކުރުމަށް ބާއްވާ އިވެންޓް ރާއްޖޭގެ ތިން ޗެނަލަކުން ވަގުތުން ދެއްކުމަށް މަސައްކަތްތަކެއް ކުރިނަމަވެސް ގައުމަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ލައިވްކޮށް އެ އިވެންޓް ދެއްކޭނެ ގޮތް ނުވިކަމަށް ފިލްމުގެ އެއް ޕްރޮޑޮއުސަރ ސާހް ބުންޏެވެ.

މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ސަސްޕެންސް ތުރިލާއެކެވެ. ފިލްމުން ދައްކުވައިދޭނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށެވެ. ފިލްމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާނެ އެވެ. ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މިއީ ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ގިނަ މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމެކެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފުވާ މަރިޔަމް ޝިފާ ގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ޖިހާދު (ޖިމީ)، އަހުމަދު އީސަ (އާނަންދު)، އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހިމެނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި އަހްމަދު ޝާހް އަލީ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އޮތްނަމަވެސް ފިލްމު ދެއްކުން ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.