މިހައިތަނަށް ބަލައިލެވުނު އެންމެ ސަޅި ދިވެހި ވެބް ސީރީޒްތަކުގެ ލިސްޓްގައި ހިމެނޭ “ދަރަކަ” މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ނޭވާ ހިފަހައްޓާލައިގެން އިނދެ ބަލައި ނިންމާލަން ޖެހުނު އެ ކްރައިމް ތުރިލާއަކީ އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން ހިތްގައިމު އުފެއްދުމެކެވެ. ފިލްމީ އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލާ ހަމަ ކޮންމެ ފަހަރަކުވެސް އަޒްހާން އަންނަނީ ދިވެހި ފިލްމީ އުފެއްދުންތަކަށް އަދުގެ ޒުވާން ޖީލު ލަންބުވައިލުމަށް ޝައުޤުވެރި ގޮތްތައް ގެނެސްދެމުންނެވެ.

އަޒްހާން އިބްރާހީމް މިހާރު ތައްޔާރުވަމުން ގެންދަނީ އޭނާގެ ދެވަނަ ވެބް ސީރީޒް އުފެއްދުމަށެވެ. މިފަހަރުވެސް ކްރައިމް ތުރިލާއެކެވެ.

ކްރައިމް ތުރިލާ “މިރާއީ“ގެ ޓައިޓްލް އަދި ލީޑް ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ހަތަރު ފަންނާނުންގެ ވެސް “މިރާއީ ދަ ސީރީޒް” ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުންނަށް ދައްކާލާފައިވެ އެވެ. ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ މިވަގުތު ދިވެހި ފިލްމީ ދާއިރާގައި ވިދަމުން އަންނަ ޒުވާން ތިން ފަންނާނުންނާއި ދާއިރާއަށް އައު މޫނެކެވެ.

‘ތިބާގެ ތަޤްދީރު ނިންމާނީ ހަމައެކަނި ތިބާ.’ ޓެގްލައިނެއްގެ ގޮތުގައި ގެނެސްދޭ ކްރައިމް ތުރިލާ “މިރާއީ“ގެ އިތުރު މަޢުލޫމާތު ހަމައެކަނި މުނިއަވަސްއާ ހިއްސާކުރަމުން މި ސީރީޒް ލިޔެ ޑައިރެކްޓްކުރާ އަޒްހާން ބުނީ މިއީ ޖުމްލަ 13 އެޕިސޯޑް ހިމެނޭ ކްރައިމް ތުރިލާ ޖޮންރާގެ ވެބް ސީރީޒެއް ކަމަށެވެ.

“މިހާރު ކުރިއަށް މިދަނީ ޝޫޓިންތައް. ޕްރޮޑަކްޝަން މަރުހަލާ މިހާރު ކުރިއަށްދަނީ. ދެން ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގަ ގާތްގަނޑަކަށް ޝޫޓިން އެއްކޮށް ނިންމާލެވޭނެ.” އަޒްހާން އިތުރަށް ބުނީ މި ސީރީޒް ސްޓްރީމްކުރާނެ ޕްލެޓްފޯމެއްވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ.

އަޒްހާންގެ އަމިއްލަ ވާހަކައަކަށް އުފައްދާ މި ސީރީޒްގެ ލީޑްގައި ހަރަކާތްތެރިވާ ހަތަރު ފަންނާނުންނާއެކު މަސައްކަތްކޮށްލަން ފުރުޞަތު ލިބުމުން އެކަމާ އުފާކުރާކަން ފާހަގަކުރަމުން އަޒުހާން ބުނީ މިއީ އޭނާ ކުރިން މަސައްކަތްކުރި “ދަރަކަ” ސީރީޒަށްވުރެން ތަފާތު ސީރީޒަކަށް ވާނެ ކަމަށެވެ.

މި ސީރީޒްގެ ރަސްމީ ޕޯސްޓަރާއި ކެރެކްޓަރ ޕޯސްޓަރުތައް އަދި ޓީޒާވެސް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށްވެސް އަޒްހާން ބުންޏެވެ.

ވާޝިޔާ މުޙައްމަދު (ޝިޔާ)

ގިނަ އަދަދެއްގެ ފިލްމުތަކާއި ސީރީޒްތަކުން ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ، ހިތްގައިމު އެކްޓްރެސް ޝިޔާގެ ހުނަރުވެރިކަން މިފަހުން ފެނިގެން ދިޔައީ އަޒްހާން އުފެއްދި ވެބްސީރީޒް “ދަރަކަ”އިންނެވެ. ކްރައިމް ތުރިލާ “މިރާއީ“ގެ މުހިންމު ރޯލަކުން ޝިޔާ ފެނިގެންދާނެ އެވެ.

ޝަރަފް ޢަބްދުﷲ

ކްރައިމް ތުރިލާ “މިރާއީ“ގެ މުހިންމު ރޯލަކުން ޝަރަފް ފެނިގެންދާނެ އެވެ. ޝަރަފް އަކީވެސް މިހާރު އިތުރު ތަޢާރަފެއް ބޭނުންނުވާނެ ހުނަރުވެރި ފަންނާނެކެވެ. ވެބް ސީރީޒްތަކާއި ފިލްމުތަކުގައި ހަރަކާތްތެރިވަމުން އަންނަ ޝަރަފްގެ ސަހުސިއްޔަތާ މެދު ކްރައިމް ތުރިލާ “މިރާއީ“ގެ ޓީމުން ބުނަނީ ޝަރަފްގެ ސޫރައާއި އޭނާގެ ޕާސަނަލިޓީއަށް ދޫނުކުރާހާ މޮޅު އެކްޓިންއެއް ދައްކަމުން އަންނަ ކަމަށެވެ.

މުޙައްމަދު އިޝްފާން

ރާއްޖޭގައި ތައްޔާރުކުރި އެންމެ އަގުބޮޑު ވީޑިއޯ ލަވަތަކުގެ ތެރެއިން އަޒްހާން ޑައިރެކްޓްކޮށް ބެލުންތެރިންނާ ހަމައަށް ދޫކޮށްލި “ހީލީމާ” ލަވައިން ފެނިގެންދިޔަ މުޙައްމަދު އިޝްފާން އަކީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ފަންނާނެކެވެ. ޒުވާން މޮޑެލްއެއްގެ އިތުރުން ޓިކްޓޮކްގައި ވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އިޝްފާން ވެސް ބައެއް ކުރު ފިލްމާއި ސީރީޒްތަކުން ހުނަރުވެރި އެކްޓިންއެއް ދައްކަމުންދެ އެވެ.

ޢާއިޝަތު ޝާޔާ (ޗޮއްކު)

ޢާއިޝަތު ޝާޔާ (ޗޮއްކު) އަކީ މި ދާއިރާއަށް އަލަށް ނެރޭ ހިތްގައިމު މޫނެކެވެ. ކްރައިމް ތުރިލާ “މިރާއީ“ގެ ޓީމުން ބުނަނީ މިއީ ހުނަރުން ފުރިގެންވާ ކުއްޖެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.