އައިފިލްމްސް އިން އުފައްދައި ދިރާގު ޓީވީން ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ވެބް ސީރީޒް “ބިރުވެރި ވާހަކަ”އިގެ 09 ވަނަ އެޕިސޯޑް “މިނި” ސްޓްރީމްކުރަން ފަށައިފިއެވެ. ކުރީގެ އެޕިސޯޑުތަކުން ފެނިފައިވާ ނުވާ ބައެއް އިތުރު ތަރިން ފެނިގެންދާ މި އެޕިސޯޑުން ބެލުންތެރިންނަށް ސިހުމެއް ގެނުވާފަދަ ކަމެއް ހިނގައެވެ.

ފޮށްޓެއްގައި ބަންދުކޮށްފައި ތިބި ޖިންނިތަކެއްގެ ތެރެއިން ‘ކަނޑު ވެން’ ނަމަކަށް ކިޔާ ޖިންނިއަކާއި އިތުރު ޖިންނިތަކެއްގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ އާދަޔާޚިލާފު ހާދިސާތަކެއް މި ސީރީޒްގެ ކޮންމެ އެޕިސޯޑަކުން ކިޔައިދެ އެވެ. އަދި އެ ކަންތައްތައް އިންވެސްޓިގޭޓްކުރުމަށް ފުލުހުންގެ ތެރެއިން އުފައްދާފައިވާ ޚާއްޞަ ޔުނިޓަކުން ކުރަމުން އަންނަ މަސައްކަތްތަކެއް ދައްކުވައިދެ އެވެ.

“މިނި” އެޕިސޯޑު ފެށެނީ މި ސީރީޒްގެ ހަތަރުވަނަ އެޕިސޯޑް “މާސްކް” އެޕިސޯޑުގެ ލީޑުން ފެނިގެންދިޔަ ވިޝާލް (ރޯމަން) ކައިރިއަށް އޭނާގެ މަންމަ އަންނަ ހިސާބުންނެވެ. އެ މަންމަ މަރާލީ ކީއްވެތޯ ވިޝާލް އާ ސުވާލުކުރެ އެވެ. ވިޝާލް އޭރު އިންނަނީ ފުލުހުންގެ ޚާއްޞަ އިންވެސްޓިގޭޝަން ޓީމުން އޭނާ ބައިންދާފައި އިންނަ ތަނެއްގައެވެ.

“މިނި” އެޕިސޯޑުގައި ހަރަކާތްތެރިވާ މުހިންމު ތަރިންގެ ތެރޭގައި ލަހޫ – (މަރްޔަމް އައްޒަ)، ޒާހިރު – (އަޙްމަދު ސަޢީދު)، ރަޝީދު – (އާދަމް ރިޒްވީ)، އިސްމާޢީލް – (އަޙްމަދު ޝައިހާން) ނިޝާ – (އާއިޝަތު ނަތާޝާ ޖަލީލް)، ސައިފް – (ސަމާހް މުޙައްމަދު)، އަދި ދިމާހް – (ސާމީ ޙުސައިން) ހިމެނެ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ ސީނިއާ ދެ ފަންނާނުން ފެނިގެންދެ އެވެ.

ޚާއްޞަ އިންވެސްޓިގޭޝަން ޓީމުގެ ދެ މެންބަރުން ކަމަށްވާ ނިޝާ – (އާއިޝަތު ނަތާޝާ ޖަލީލް) އަދި ސައިފް – (ސަމާހް މުޙައްމަދު)، އިންވެސްޓިގޭޝަންގެ މަރުހަލާއެއްގައި ރަށަކަށް ދެ އެވެ. އެ ރަށުން އެމީހުންނަށް ދިމާވާ ކަންތައްތަކުން ވާހަކައިގެ މުހިންމު ކަމެއް ނިއުޅިގެންދެ އެވެ.

ބިރުވެރި ވާހަކައިގެ “މިނި” އެޕިސޯޑްގެ މަންޒަރެއް – ސްކްރީންޝޮޓް

މި އެޕިސޯޑުގައި ފިލްމީ ދާއިރާގެ ސީނިއާ ދެ ފަންނާނުން ފެނިގެންދެ އެވެ. ވާހަކަ ނިއުޅެމުންދާ ގޮތުން ގަބޫލުކުރެވެނީ ކުރިއަށް ހުރި އެޕިސޯޑްތަކުގައި މި ދެ ތަރިންގެ މުހިންމު ދައުރެއް ފެނިގެންދާނެ ކަމަށެވެ.

ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ މި ސީރީޒްއަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. އާސިމް ޢަލީ ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ އައިފިލްމްސް އަދި އޯކޭޒް އިންކް ޓީމުންނެވެ. ސީރީޒްގައި ފެނިގެންދާ ޚާއްޞަ މޭކަޕްތަކަކީ ރުޠުބާ އަޙްމަދުގެ ހުނަރުވެރި މަސައްކަތެކެވެ.

މި ސީރީޒްގެ ވަރުގަދަ އަދި އެހާމެ ތަފާތު ޓައިޓްލް ލަވައަކީ އިބްރާހީމް ނިޔާޒްގެ ޅެންވެރިކަމާއި އޭނާގެ އަމިއްލަ ރާގެއް ހިމެނޭ ލަވައެކެވެ. ލަވަ ކިޔާފައިވަނީ ރާއްޖޭގެ ފުންނާބުއުސް ލަވަކިޔުންތެރިޔާ ޢަބްދުއްސަމީޢު އަދި އަންދަލާ ޙަލީމެވެ. މިއުޒިކީ ހެދީ އައްފާނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.