ބޮލީވުޑް ބަތަލު އަޔުޝްމާން ކުރާނާގެ ސުޕަހިޓް ފިލްމު “ޑްރީމް ގާލް” ސީކުއެލްގެ ކާސްޓާއި އަންނޫ ކަޕޫރް، އަބީޝެކް ބަނަރްޖީ އަދި މަންޖޯތު ސިންގ ގުޅިއްޖެއެވެ.

އަޔުޝްމާން އާއެކު އިސް ބަތަލާގެ ރޯލުން އަނަންނިޔާ ޕާންޑޭ ފެނިގެންދާ “ޑްރީމް ގާލް 2” ގެ ކާސްޓާއި އަންނޫ، އަބީޝެކް އަދި މަންޖޯތު ގުޅުނުއިރު، މި 3 ތަރިންނަކީވެސް “ޑްރީމް ގާލް” ގައިވެސް މުހިންމު ރޯލުތަކެއް ކުޅުނު 3 ތަރިންކަން ފާހަގަކޮށްލެވެއެވެ. ކުރީގެ ބައިގައިވެސް މި ތަރިންގެ ފަރާތުން ފެނުނު ފަދަ މަޖާ ކަންތައްތަކެއް ދެވަނަ ބައިންވެސް ފެނިގެންދާނެކަމަށް ފިލްމާއި ގާތް މަސްދަރަކުން ބުނެފައިވެއެވެ.

އަޔުޝްމާން އަންހެން އަޑުން ވާހަކަދައްކައިގެން މީހުންގެ ސަމާލުކަން ހޯދާ “ޑްރީމް ގާލް” ގައި ކިޔައިދިނީ ޑިޕްރެޝަންއާއި އެކަނިވެރިކަމުގެ ވާހަކައެވެ. ދެވަނަ ބައިގެ ވާހަކައާއި ބެހޭގޮތުން މާގިނަ ވާހަކައެއް އަދި އާންމުކޮށްފައި ނުވިނަމަވެސް ފުރަތަމަ ބައިގެ ކޮލިޓީ ދެވަނަ ބައިގައިވެސް ހިފަހައްޓަން ޓީމުން ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް ފިލްމާއި ގާތް މަސްދަރަކުން ބުނެފައިވެއެވެ.

މުމްބާއީގައި ވަރަށް ބާރަށް ޝޫޓިންގ ކުރިއަށްދާއިރު، މިހާރު ޝޫޓިންގ ކުރިއަށް ގެންދަނީ އެއްވާނެއްގައި ގޮސް ޝޫޓިންގ ނިންމާލާ ގޮތަށްކަމަށް ވެއެވެ. އަދި ޝޫޓިންގ ކުރިއަށް ގެންދަނީ މަތުރާ އާއި އާގްރާ ސިފަކޮށްދޭ ގޮތަށް ވަރަށް ފުރިހަމަ ސެޓެއް ތައްޔާރުކޮށްގެން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

“ޑްރީމް ގާލް 2” ރިލީޒްކުރާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ޚަބަރުތައް ބުނެއެވެ. އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކުރާ “ޑްރީމް ގާލް 2” ޑައިރެކްޓްކުރަނީ ފުރަތަމަ ބައިވެސް ޑައިރެކްޓްކުރި ރާޖް ޝާންދިލިޔާއެވެ.

“ޑްރީމް ގާލް” ގެ އިތުރުން އަޔުޝްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ޑޮކްޓަރ ޖީ” އަދި “އޭން އެކްޝަން ހީރޯ” ހިމެނެއެވެ. އަދި އެންމެ ފަހުން “ލައިގާ” އިން ފެނިގެންދިޔަ އަނަންނިޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ “ކޯ ގަޔޭ ހަމް ކަހާނ” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.