ޔަޝް ޗޯޕްރާ ގެނެސްދިން ރޮމޭންޓިކް މިއުޒިކަލް ފިލްމު “ޗާންދްނީ” ރިލީޒްކުރީ 14 ސެޕްޓެމްބަރު 1989 ގައެވެ. ފިލްމު ރިލީޒްކުރިތާ މިއަދަށް 33 އަހަރު ވީއިރު، މިއީ އަދިވެސް ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް އެންމެ ކަމުދާ ފިލްމުތަކުގެ ލިސްޓުގެ ވަރަށް ކުރިން ޖާގަ ހޯދާ ފިލްމެކެވެ.

ސްރީދޭވީ، ރިޝީ ކަޕޫރް އަދި ވިނޯދް ކަންނާ އިސް ރޯލުތައް ކުޅުނު “ޗާންދްނީ” ގެ މައިގަނޑު އެހެން ރޯލުތައް ކުޅުނު ތަރިންގެ ތެރޭގައި ވަޙީދާ ރަޙްމާން، އަނުޕަމް ކޭރް، ސުޝްމާ ސެތު، މިތާ ވަޝިޝްތު އަދި މަނޯހަރް ސިންގ ހިމެނެއެވެ.

1989 ވަނަ އަހަރު ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް “ޗާންދްނީ” ވީއިރު، މިއީ ޔަޝްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ. ފިލްމަށް ފާޑުކިޔާ މީހުންނާއި ބެލުންތެރިންގެ ތަޢުރީފު އިންތިހާއަށް ލިބި، ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބެއް ހޯދި މި ފިލްމަކީ37 ވަނަ ޤައުމީ ފިލްމު އެވޯޑްގައި ހުރިހާ ގޮތަކުން އެންމެ މޮޅު ފިލްމަށްވެސް ހޮވުނު ފިލްމެވެ.

މި ލިޔުމުގައި ބަލައިލާނީ “ޗާންދްނީ” ފިލްމާއި ބެހޭގޮތުން މީހުންނަށް އެހާބޮޑަށް ނޭނގޭ ނުވަތަ އެހާ އާންމު ނޫން ބައެއް ވާހަކަތަކަށެވެ.

* ތަރިން

ފިލްމުގެ ލީޑް ތަރިންނަކީ ޔަޝް އެންމެ ފުރަތަމަ މި ފިލްމަށް ބޭނުންވި ތަރިންނެއް ނޫނެވެ. ޔަޝް އެންމެ ފުރަތަމަ ޗާންދްނީގެ ރޯލު ކުޅުވަން ބޭނުންވީ ރޭކާ ލައްވައެވެ. ނަމަވެސް ރޭކާ ވަނީ އަނިލް އާއި ވިނޯދުއާ އޭނާ ނުގުޅޭނެކަމަށް ބުނެ އެ ރޯލު ދޫކޮށްލާފައެވެ. އަދި ސްރީދޭވީ އެ ރޯލަށް ވަރަށް ފިޓްވާނެކަމަށް ބުނީވެސް ރޭކާއެވެ.

ރިޝީ ކަޕޫރް ކުޅުނު ރޯހިތުގެ ރޯލަށް ފުރަތަމަ ހަމަޖެއްސީ އަނިލް ކަޕޫރެވެ. އަނިލް ފިލްމު ދޫކޮށްލުމުން ގޯވިންދާއަށްވެސް އެ ރޯލު ހުށަހެޅިއެވެ. އެ ދެތަރިންވެސް އެ ރޯލު ދޫކޮށްލީ ފިލްމުގެ ބޮޑު ބައިގައި ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހޭތީއެވެ.

ވިނޯދް ކަންނާ ކުޅުނު ލަލިތުގެ ރޯލަށް ފުރަތަމަ ހަމަޖެއްސީ ރިޝީ ކަޕޫރެވެ. ނަމަވެސް އަނިލް އާއި ގޯވިންދާވެސް ރޯހިތުގެ ރޯލު ދޫކޮށްލުމުން ރިޝީ އެ ރޯލަށް ލާފައި، ވިނޯދަށް ލަލިތުގެ ރޯލު ދިނީއެވެ.

ޖޫހީ ޗާވްލާ ކުޅުނު ދޭވިކާގެ ރޯލު މާދުރީ ޑިކްޝިޓް، މީނާކްޝީ ޝޭޝަޑްރީ، މަދަވީ އަދި ޝާހީންއަށްވެސް ހުށަހެޅިއެވެ. ސްރީދޭވީ ކަހަލަ މަޝްހޫރު، މޮޅު ތަރިއެއް ލީޑް ރޯލު ކުޅޭ ފިލްމެއްގައި އެކަހަލަ ކުޑަކުޑަ ރޯލެއް ކުޅެން ބޭނުން ނުވާކަމަށް ބުނެ އެ ހުރިހާ ތަރިންވެސް ވަނީ އެ ރޯލު ނުކުޅެ ދޫކޮށްލާފައެވެ.

ޖޫހީ، ދޭވިކާގެ ރޯލު ކުޅުނު ނަމަވެސް އޭނާ ފަހުން ހުރީ އެ ރޯލު ކުޅެވުނު މޮޔަ ހިތަށް އަރައި، ހިތްހަމަވެސް ނުޖެހިފައެވެ. ސަބަބަކީ ފިލްމު ރިލީޒް ކުރިއިރު، އޭނާގެ ދެތިން މަންޒަރެއް ފިޔަވައި އޭނާ ޝޫޓްކުރި ހުރިހާ މަންޒަރެއް ފިލްމުން ކަނޑާލާފައި ވުމުންނެވެ.

* ފިލްމުގެ ވާހަކައަށް ގެނައި ބޮޑު ބަދަލު

“ޗާންދްނީ” ފިލްމު ގެނެސްދިނީ ފުރަތަމަ އެ ފިލްމު ގެނެސްދޭން ތައްޔާރުކުރި ވާހަކައަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެންމެ ފުރަތަމަ ފިލްމުގެ ވާހަކަ އޮތްގޮތުން އިންޓަވަލްގެ ކުރިން ރޯހިތު މަރުވެއެވެ. އަދި ލަލިތު އަންނަނީ އިންޓަވަލް ފަހުންނެވެ. އޭރު ވާހަކަ އޮތްގޮތުން ޗާންދްނީ އާއި ރޯހިތު ކައިވެނިކޮށް ދަރިޔަކުވެސް ލިބެއެވެ. ރޯހިތުގެ އެކްސިޑެންޓަށްފަހު އާއިލާގެ ފިއްތުންތަކަށް ކެތްނުވެގެން ޗާންދްނީ ރޯހިތުއާއި ދަރިފުޅު ދޫކޮށްލާފައި ދެއެވެ. ގޮސް އޭނާ ކެރިއަރެއް ބިނާކޮށް ދިމާވާ ލަލިތު ދެކެ ލޯބިވެވެއެވެ. ފިލްމު ނިމޭއިރު ޗާންދްނީގެ ކައިވެންޏަށް އޭނާގެ ފުރާވަރަށް އަރަމުން އަންނަ ދަރިފުޅު މާބޮނޑިއެއް ހިފައިގެން އައިސް ބައްދަލުކުރެއެވެ. އަދި ކަންތައްތައް ވެފައިވާގޮތުން ޗާންދްނީ ކަންތައް ކުރިގޮތް އެންމެ ރަނގަޅު ކަމަށްވެސް އެކުއްޖާއަށް ވިސްނެއެވެ.

* ފިލްމުގެ ހެދުންތައް

“ޗާންދްނީ” ފިލްމުގެ ހެދުންތައް ފަރުމާކުރަން ފުރަތަމަ ހަމަޖެއްސީ ބާނޫ އަތައްޔާއެވެ. ނަމަވެސް ޔަޝްއާއި ޚިޔާލު ތަފާތުވުންތަކެއް ހުރުމުން އޭނާ ފިލްމުން ވަކިވީއެވެ. ބާނޫ ފިލްމުން ވަކިވުމުން ދެން ހަމަޖެއްސީ ލީނާ ދާރޫއެވެ. އޭނާ މި ފިލްމަށް ތައްޔާރުކޮށްދިން ހެދުންތަކަކީ އޭރު ފެޝަނަކަށްވެސްވި ވަރަށް ޗާލު ހެދުންތަކެކެވެ. އަދި ލީނާއަށް ކުރިންވެސް އެތައް ބަތަލާއިންނަކަށް ހެދުން ފަރުމާކޮށްދީފައިވާ މީހެއް ނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވީ މި ފިލްމަށް އޭނާ ފަރުމާކޮށްދިން ހެދުންތަކުގެ ސަބަބުންނެވެ. މީގެ އިތުރުން މި ފިލްމުގައި ސްރީދޭވީ ގިނައިން ފެނިގެންދަނީ ހުދު ކުލައިގެ ހެދުންތަކެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

* ފިލްމުގެ ލަވަތައް

“ޗާންދްނީ” ގެ ލަވަ އަލްބަމަކީ 1989ގައި ނުކުތް އެންމެ ކާމިޔާބު ފިލްމީ ލަވަ އަލްބަމެވެ. އަދި އެ ދަހަރުގައިވެސް ނުކުތް އެންމެ ކާމިޔާބު އަލްބަމެވެ. މި އަލްބަމްގެ 10 މިލިއަނަށްވުރެ ގިނަ ކޮޕީ ވިއްކާފައިވެއެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިއީ 10 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކުނު ފުރަތަމަ ހިންދީ ފިލްމީ ލަވަ އަލްބަމް ކަމެވެ.

“ޗާންދްނީ” ގެ ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދިނީ ޔަޝްގެ “ސިލްސިލާ (1981)”، “ފާސްލޭ (1985)” އަދި “ވިޖޭ (1988)” ގެ މިއުޒިކްވެސް ތައްޔާރުކޮށްދިން މިއުޒިކް ކޮމްޕޯޒިންގ ޑުއޯ ޝިވް-ހަރީއެވެ. ލަވަތަކުގެ ޅެން ހަދައިދިނީ އަނަންދު ބަކްޝީއެވެ. މިއީ ޔަޝްގެ ފިލްމަކަށް އަނަންދު ލަވަ ހަދައިދިން ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. އަދި މި ފިލްމުގެ ލަވަތަކަށް ލިބުނު ކާމިޔާބީއާއި ގުޅިގެން ޔަޝްގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ “ވީރް-ޒާރާ (2004)” އާއި “ޖަބް ތަކް ހޭ ޖާން (2012)” ފިޔަވައި ހުރިހާ ފިލްމަކަށް ލަވަތައް ހަދަން ހަވާލުކުރީ އަނަންދުއާއެވެ. އެ ހުރިހާ ފިލްމެއްގެ ލަވަތަކަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ފިލްމުގެ އެންމެ މަޝްހޫރު އެއް ލަވަ ކަމަށްވާ “ލަގީ އާޖް ސާވަން ކީ” އަކީ ބޮބް ޑޯލްމައިޓްގެ “ބޮލީހުޑް” އަލްބަމްގެ “އޯޕިއަމް” ލަވަ ނަކަލުކޮށްގެން އުފައްދާފައިވާ ލަވައެކެވެ.

“ޗާންދްނީ” ރިލީޒްކުރިތާ މިއަދަށް 33 އަހަރު ވީއިރު، އަނިލް ކަޕޫރް ވަނީ އޭނާއަށް މި ފިލްމު ދޫކޮށްލެވުނީތީ ފަހުން ދެރަވިކަމަށާއި އަދިވެސް އެކަމާ ދެރަވާކަމަށް ބުނެފައެވެ. އޭގެ އިތުރުން އޭނާ ވަނީ ސްރީދޭވީ، ރިޝީ، ވިނޯދް އަދި ޔަޝް ދުނިޔޭގައި ނެތުމުގެ ހިތާމަ ފާޅުކޮށް އެމީހުންގެ ހަނދާންވެސް އާކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.