ފުރަތަމަ ލިބުނީ “ފޯން ކޯލް” އެކެވެ. އޭގެ ފަހުން ލައްވައިލި “ލަކުނު” ނުދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ލަކުނުން ކިޔައިދޭ ވާހަކަތަކެއް ނުފޮރުވުނެވެ. އިންސާނުންނަކީ އެދުންވެރި ބައެއްކަން ތިންވަނަ އެޕިސޯޑް “އެދުން” އިން ކިޔަދިންއިރު ދައްކައިދިނީ ވަރަށް ތަފާތު އެދުމެކެވެ. ގޮނޑުދޮށުން ފެންނަހާ އެއްޗެއްގެ އަޖުމަ ބަލަން އުޅުމުން ލިބޭނެ ލަނޑު ވިޝާލް (ރޯމަން)އަށް ލިބުނީ އެ “މާސްކު” އެޅުމުންނެވެ.
ރައްޓެހިންތަކެއް ރޭގަނޑު “މަސްދަތުރު”ގޮސް އުޅެނިކޮށް ކަނޑުވެން ނަމަކަށް ކިޔާ ރޫހާނީ އެއްޗެއްގެ ކަންތައްތައް ލައިގަނެއެވެ. ފަސްވަނަ އެޕިސޯޑާއި ހަވަނަ އެޕިސޯޑުން ކިޔައިން “މަސްދަތުރު”ގެ ވާހަކައިގެ ކޮޅެއްގައި ޖެހޭ ހިސާބުން، ރާއްޖޭގެ އެއްވެސް ފިލްމެއްގައި މިހައިތަނަށް ދައްކާފައި ނުވާފަދަ މަޚުލޫގެއް ފެނިގެންދަނީ ރާއްޖޭގެ ފިލްމީ ތާރީޚުގެ ތެރެއަށް އެ އެޕިސޯޑް ވައްދަމުންނެވެ.
އުފާވެރި ހަޔާތެއް ހޭދަކުރުމަށް ކައިވެނިކުރާ ޒުވާން ދެމަފިރިން “ހަނީމޫނު” ހަދައިލަން ދަނީ އާދަޔާޚިލާފު ރަށަކަށެވެ. ގޮތް ނޭނގޭ، އަޑި ނުއެނގޭ އެތައް ކަންތައްތަކެއް ހަތްވަނަ އެޕިސޯޑުން ފެނިގެންދެއެވެ. އޭގެ ފަހުން ދެން ގެނެސްދިން “ޖާދޫގަރު”ގެ ޖާދޫ ހެދުމާއި ހަނީމޫނަށް ދިޔަ ދެމީހުންނާއި ގުޅުމެއް ވެއެވެ. ނުވަވަނަ އެޕިސޯޑުގައި ކިޔައިދިނީ “މިނި”ކާ މީހެއްގެ ވާހަކައެވެ. މި އެޕިސޯޑުން މިނިކާ މަޚުލޫގެއް ދައްކަނީ ވަރަށް ތަފާތު ގޮތަކަށެވެ.
މިނިކާ މީހާ އުޅޭ “ރަށް” އެއީ މި ވާހަކައިގެ ހުރިހައި އެޕިސޯޑެއްގެ ވާހަކަތަކާވެސް ގުޅިފައިވާ އެޕިސޯޑެކެވެ. “ރަށް” އެޕިސޯޑުގެ އާއްމުކޮށްފައިވާ ޓްރެއިލާއިން ގިނަ ކަންތައްތަކެއްގެ ޚުލާސާއެއް ފެނިގެންދެއެވެ.
“ކިހިނެއް އަހަރުން މިރަށުން ފައިބާނީ؟” މި ޓްރެއިލާ ނިމޭ ހިސާބުން ބުނާއަޑު އިވެއެވެ. ރަށުން ފައިބާނީ ކިހިނެއްކަން މިރޭގެ އެޕިސޯޑުން އެނގިދާނެތާއެވެ.
ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް މިރޭ އެ “ރަށް” ބަލައިލަން ތައްޔާރަށް ތިބޭށެވެ. ހަމަގައިމުވެސް މާޔޫސްވާކަށް ނުޖެހޭނެ އެވެ. ނަމަވެސް ބިރުގަންނަ ކުދިންގެ އިނގިލިކުރީގައި މަލަންކޮޅެއް އަޅައިފައި ނުބަހައްޓައިފިނަމަ، ފަހަރުގައި ނިޔަފަތި ހަފައިލެވިދާނެ އެވެ.
ކުރުގޮތަކަށް މި ކިޔައިދެވުނީ އައިފިލްމްސް އިން މިހާރު ގެނެސްދެމުން އަންނަ “ބިރުވެރި ވާހަކަ” ސީރީޒްގެ އެޕިސޯޑުތަކުގެ ތަޢާރަފެކެވެ. ފުރަތަމަ އެޕިސޯޑުން ފެށިގެން ހަމަ ކޮންމެ އެޕިސޯޑެއް ބަލައިލުމުން މިއީ ބަލައިލަން ސަޅި ސީރީޒެއްކަން އެނގޭނެ އެވެ.
މި ސީރީޒްއަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. އާސިމް ޢަލީ ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ އައިފިލްމްސް އަދި އޯކޭޒް އިންކް ޓީމުންނެވެ. ސީރީޒްގައި ފެނިގެންދާ ޚާއްޞަ މޭކަޕްތަކަކީ ރުޠުބާ އަޙްމަދުގެ ހުނަރުވެރި މަސައްކަތެކެވެ.
މި ސީރީޒްގެ ވަރުގަދަ އަދި އެހާމެ ތަފާތު ޓައިޓްލް ލަވައަކީ އިބްރާހީމް ނިޔާޒްގެ ޅެންވެރިކަމާއި އޭނާގެ އަމިއްލަ ރާގެއް ހިމެނޭ ލަވައެކެވެ. ލަވަ ކިޔާފައިވަނީ ރާއްޖޭގެ ފުންނާބުއުސް ލަވަކިޔުންތެރިޔާ ޢަބްދުއްސަމީޢު އަދި އަންދަލާ ޙަލީމެވެ. މިއުޒިކީ ހެދީ އައްފާނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
- 13 މާރޗް 2025ޚަބަރުމިފަހަރު މަނިކް ނެރެނީ “ކަޅިރަވައިގެ ޖާދޫ”