🎶 ލޮލަކަށް ނިންޖެއް ނާދޭ، މިހިތަށް ވާވަރު ނޭނގޭ
ހީވޭ ހިތްބުނާހެން، ލަސްލަހުން
މޫނެއް ތިޔަ ނޫން ފެންނާކަށް ނޭދެމޭ 🎶

މިއީ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި އިވިގެންދިޔަ ހިތްގައިމު ޅެންވެރިކަމުގެ ލަފުޒުތަކެކެވެ. އޭރުވެސް، އަދި މިހާރު އެންމެ ހިތްގައިމު ލޯބީގެ ލަވައާއި ޅެން ހެދުމަށް މަޝްހޫރު ޝާއިރު އީސާ ޝަރީފުގެ އަބަދުވެސް ‘ލޯބީގެ ލަފުޒުތަކުން ފުރިފައިވާ ޅަ ހިތުން’ ބޭރުކޮށްލާފައިވާ ނިކަން ލޯބިލޯބި ލަވައެކެވެ. އޭރު އެ އަޑު އިވިގެން ދިޔައީ އަދިވެސް ދިވެހި ލަވައަށް ލޯބިކުރާ އެންމެ ގިނަ މީހުންނަށް އެންމެ މަޤުބޫލު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުގެ އަޑުންނެވެ.

އަހަރުތަކެއް ފަހުން، “ލޮލަކަށް ނިންޖެއް ނާދޭ”ގެ ޒަމާނީ ވާރޝަންއެއް ރާއްޖޭގެ ހިތްގައިމު ފިލްމީ ތަރި އާމިނަތު ރަޝްފާ (އާޝާ)ގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ޑާކް ރެއިން އެންޓަޓެއިންމެންޓުން އިއްޔެ އާއްމުކުރި ހިސާބުން އަނެއްކާވެސް މި ލަވަ މިއޮތީ ގިނަބައެއްގެ ދުލުކުރީގައި ހަރުލާގޮތް ވެފައެވެ. މިފަހަރު މި ލަވަ އިވެގެންދަނީ ހިތްގައިމު އަޑުގެވެރިޔާ މަރްޔަމް އަޝްފާ އަދި ޙުސައިން ތަޢުފީޤްގެ އަޑުންނެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އަފައްދަމުން ގެންދާ ފީޗާ ފިލްމު “ހިނދުކޮޅެއް”ގެ “ލޮލަކަށް ނިންޖެއް ނާދޭޭ” މިއީ ހިނދުކޮޅަކު އަޑުއަހައިލިޔަސް، އަދި ބަލައިލިޔަސް އެ ލަވައަށް ހިތްދެވޭނެފަދަ ހިތްގައިމު ލަވައެކެވެ. އާޝާގެ އިތުރުން ޝަރަފް ޢަބްދުﷲ ފެނިގެންދާ މި ލަވައިން “ހިނދުކޮޅެއް”ގެ ބައެއް މަންޒަރުތައް ފެނިގެންދެއެވެ.

އާޝާގެ އުފަންދުވަސް، 16 ސެޕްޓެމްބަރުގައި ރިލީޒްކޮށްފައިވާ “ލޮލަކަށް ނިންޖެއް ނާދޭ” ލަވަ، މިއަދާ ހަމައަށް އައިއިރު ހަ ހާހަށްވުރެން ގިނަ މީހުން ބަލާފައިވެ އެވެ.

https://www.youtube.com/watch?v=2SEysSijHWU

ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ލޯބީގެ ފިލްމު “ހިނދުކޮޅެއް” މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.

ލޯބީގެ ވާހަކައަކަށް ހަދާ “ހިނދުކޮޅެއް” ގެ ލީޑް ރޯލުން ފެންނާނީ އާޝާ އާއި ޝަރަފު އަބްދުﷲ އެވެ. މީގެ ކާސްޓްގައި ރަވީ ފާރޫގާއި މަރިޔަމް މަޖުދާ (މަޖޫ) ވެސް ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.