ކަލާޒް ޓީވީގެ މަޝްހޫރު ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ” ގެ 12 ވަނަ ސީޒަންގެ ފައިނަލިސްޓުން ކަށަވަރު ވެއްޖެއެވެ.

“ޚަތުރޯން ކޭ ކިލާޅީ 12” ގެ ފައިނަލިސްޓުންނަކީ ތުޝާރް ކާލިއާ، ރުބީނާ ދިލައިކް، ޖަންނަތު ޒުބައިރް، ފައިސަލް ޝެއިޚް (ފައިޒޫ)، މޯހިތު މާލިކް އަދި ކަނީކާ މާންއެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި ޝޯވގެ ސެމީ ފައިނަލްގެ ބުރުތައް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގެ އެންމެ ފަހު ސްޓަންޓަށް ވީއިރު، ބާކީ ތިބީ ނިޝާންތު ބަޓް އާއި ރާޖީވް އަދަތިއާއެވެ. ނަމަވެސް ސައުތު އެފްރިކާގެ ކޭޕްޓައުންގެ މޫސުމާއި ގުޅިގެން ނިޝާންތު ވަރަށް ބޮޑަށް ބަލިވެ، ޑޮކްޓަރުން އޭނާއަށް ސްޓަންޓް ކުރިއަށް ގެންދިޔުން މަނާކުރުމާއި ގުޅިގެން އޭނާ ވަނީ ޝޯވއިން އެލިމިނޭޓް ކޮށްލާފައެވެ. އަދި ރާޖީވްއާއި ވާދަކުރުމަށް ފައިނަލިސްޓުންގެ މެދުގައި ގުރުއަތު ނެގިއިރު، ރާޖީވް ވާދަކުރަން ޖެހުނީ ރުބީނާއާއެވެ. ނަމަވެސް ސްޓަންޓުން ރާޖީވް ދަށްވުމުން އޭނާވެސް ވަނީ ޝޯވއިން އެލިމިނޭޓް ވެފައެވެ.

ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް މިފަހަރުގެ ސީޒަންގެ ފައިނަލްވެސް ދެބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މި ހަފުތާގެ އެޕިސޯޑުތައް ނިންމާލީ ފައިނަލްގެ ފުރަތަމަ ބުރު ފަށައިގެންނެވެ. ފައިނަލްގެ ފުރަތަމަ ބުރުގެ ފުރަތަމަ ސްޓަންޓްގައި ވާދަކުރަނީ ފައިޒޫ، ތުޝާރް އަދި ޖަންނަތުއެވެ. ފައިސަލްގެ ސްޓަންޓްގެ މެދުތެރެއިން މިހަފުތާގެ އެޕިސޯޑް ނިމުނުއިރު، ޝޯވގެ ފައިނަލްގެ ފަހު ބުރު އޮންނާނީ 25 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ރެއެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ރޯހިތު ޝެޓީ ހުށަހަޅައިދޭ “ޚަތުރޯން ކޭ ކިލާޅީ 12” ގެ އެއްވަނަ ހާސިލުކުރާ ފަރާތަކަށް ޓްރޮފީއާއި މާރޫތީ ސުޒުކީ ސްވިފްޓް ކާރެއްގެ އިތުރުން ފައިސާގެ އިނާމުވެސް ކަނޑައަޅާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.