ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އެއްވެސް އުފެއްދުމެއްގައި ޢަލީ ރަމީޒުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ “ލޮލަކަށް ނިންޖެއް ނާދޭ” އެއްވެސް ސިފައެއްގައި ބޭނުންނުކުރަން ނިންމައިފި އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ ޕްރޮމޯޝަން ފަށާފައިވާ ފިލްމު “ހިނދުކޮޅެއް”ގައި “ލޮލަކަށް ނިންޖެއް ނާދޭ” ހިމަނަން ނިންމައި އެ ލަވައިގެ ވީޑިއޯއެއް އާއްމުކުރީ މިމަހު 16 ވަނަ ދުވަހު އެވެ.

ނަމަވެސް މި ލަވަ އަލުން ކިޔައި އާ ވީޑިއޯ ލަވައެއް ރިލީޒް ކުރުމުން އަލީ ރަމީޒް މި ލަވަ ޔޫޓިއުބްގައި ކްލެއިމްކޮށް މިކަމާއި ގުޅިގެން ވަރުގަދަ އިންޒާރެއް ދިނެވެ. އެ އިންޒާރާ ގުޅިގެން ޑާކް ރެއިން އެންޓަޓެއިންމެންޓުން އަލީ ރަމީޒަށް ގުޅައި މިކަމަށްޓަކައި މަޢާފަށް އެދި އެ ލަވަ ބޭނުން ނުކުރަން ނިންމާފައިވާކަމަށް މިއަދު ޑާކް ރެއިން އިން މުނިއަވަސް އަށް މަޢުލޫމާތު ދީފައިވެއެވެ.

“އަޅުގަނޑުމެންނަށް މަޢާފުކޮށްދެއްވި ކަމަށްޓަކައި ޝުކުރިއްޔާ ޢަލީ ރަމީޒް. “ލޮލަކަށް ނިންޖެއް ނާދޭ” ލަވަ އަޅުގަނޑުމެންގެ އެއްވެސް އުފެއްދުމެއްގައި ބޭނުމެއް ނުކުރާނަމު.” ޑާކް ރެއިން އިން އާއްމުކޮށްފައިވާ ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.

ޢަލީ ރަމީޒުގެ އިންޒާރާ ގުޅިގެން ޑާކް ރެއިން އިން އަލީ ރަމީޒުގެ ކިބައިން މަޢާފަށް އެދި އަދި އެ ލަވަ ޑާކްރެއިންގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ނަގާނެ ކަމުގެ ޔަގީންކަންވެސް ދީ އެކަމަށް ޢަމަލުކޮށްފައިވެ އެވެ.

ޢަލީ ރަމީޒު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ފިލްމު ހަދަން އުޅޭ ކުންފުންޏަކުން އޭނާގެ އަމިއްލަ އުފެއްދުމެއް (ލަވައެއް) އޭނާ ގާތު އަހާލުމެއްވެސް ނެތި އެ ލަވަ އެހެން މީހަކު ލައްވާ ކިޔުއްވައި، އޭގެ ރިމިކްސް ހަދައި، އޭގެ ވީޑިއޯ ހަދައި، އަދި ނުވިތާކަށް އެމީހުންގެ ފިލްމަކަށް ލުމަށް މަސައްކަތްކުރަމުންދާކަން އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާއިންނާއި އަދި އެހެނިހެން މީޑިއާތަކުން ކަށަވަރު ކުރެވިފައިވާކަމަށެވެ.

“މިފަދައިން އަޅުގަނޑުގެ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާމެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން” އަލީ ބުނެފައިވެއެވެ.

އަލީ އިތުރަށް ބުނެފައިވަނީ މީހުންގެ ހައްގުތަކަށް އިހުތިރާމުކޮށް މިފަދައިން ކަންތައް ނުކުރުމަށް އެންމެހާ ފަރާތްތަކަށް ދަންނަވާކަމަށާއި އަދި ފިލްމު ކުޅުމުގެ ނަމުގަ ބިންމަތީ ފަސާދަކުރުން ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވާކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.