މިއަހަރު ކުރީކޮޅު މީޑިއާނެޓްގެ މަލްޓި ސްކްރީނުން ސްޓްރީމްކުރި ކާމިޔާބު ވެބް ސީރީޒް “ދަރަކަ”އިގެ ޑައިރެކްޓަރ އަޒްހާން އިބްރާހީމް މިހާރު އުފައްދަމުން އަންނަ ވެބް ސީރީޒް “މިރާއީ” ގެ ކެރެކްޓަރ ޕޯސްޓަރުތައް އާންމުކޮށްފިއެވެ.

“މިރާއީ ދަ ސީރީޒް” ފޭސްބުކް ޕޭޖް މެދުވެރިކޮށް އާންމުކޮށްފައިވަނީ ސީރީޒްގެ ލީޑް ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ހަތަރު ފަންނާނުން ކަމަށްވާ ވާޝިޔާ މުޙައްމަދު (ޝިޔާ)، ޝަރަފް ޢަބްދުﷲ، މުޙައްމަދު އިޝްފާން އަދި “މިރާއީ” އިން އަލަށް ތަޢާރަފުކުރާ ޢާއިޝަތު ޝާޔާ (ޗޮއްކު) ގެ ކެރެކްޓަރ ޕޯސްޓަރެވެ.

“ތިބާގެ ތަޤްދީރު ނިންމާނީ ހަމައެކަނި ތިބާ.” ޓެގްލައިނެއްގެ ގޮތުގައި ގެނެސްދޭ “މިރާއީ” އަކީ އަޒްހާންގެ އަމިއްލަ ވާހަކައަކަށް އޭނާ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރާ 13 އެޕިސޯޑްގެ ކްރައިމް ތުރިލާއެކެވެ.

ޝޫޓިންގ ވަރަށް ބާރަށް ކުރިއަށްދާ “މިރާއީ” ގެ މަޢުލޫމާތު މުނިއަވަސްއަށް ދެމުން އަޒްހާން ކުރިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ޝޫޓިންގ އެއްކޮށް ނިންމާލެވޭނެ ކަމަށާއި ސީރީޒް ސްޓްރީމް ކުރާނެ ޕްލެޓްފޯމެއްވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ.

“މިރާއީ” ގެ ލީޑްގައި ހަރަކާތްތެރިވާ ހަތަރު ފަންނާނުންނާއެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން އެކަމާ އުފާކުރާކަން ފާހަގަކޮށް އަޒްހާން ބުނެފައިވާ ގޮތުގައި އޭނާ ކުރިން އުފެއްދި “ދަރަކަ” ސީރީޒަށްވުރެ މި ސީރީޒް ތަފާތުވާނެއެވެ. މި ސީރީޒްގެ ކެރެކްޓަރ ޕޯސްޓަރުތައް އާންމުކޮށްފައިވާއިރު، ވަރަށް އަވަހަށް ސީރީޒްގެ ރަސްމީ ޕޯސްޓަރާއި ޓީޒާވެސް ވަރަށް އަވަހަށް ދޫކޮށްލާނެކަމަށްވެސް އަޒްހާން ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.