މި އަހަރު ޖޫން މަހުގެ ތިނަކުން ފެށިގެން އައިފިލްމްސް އިން ކިޔައިދެމުން އަންނަ ‘ބިރުވެރި ވާހަކަ’ ސިލްސިލާގައި މި ދިޔަ ހުކުރު ދުވަހު ރިލީޒްކުރި “ލޯބިވެރިން”ނަކީ އާއްމުކޮށް މި ފެންނަ ލޯބިވެރިންނާ ތަފާތު ދެ ލޯބިވެރިންނެވެ.

“ލޯބިވެރިން” އެޕިސޯޑްގައި ކިޔައިދެނީ ކުރިއެރުމަށް ބޭނުންވާ ޒުވާން އަންހެން މޮޑެލްއެއް އޭނާގެ ޝޫޓިންއަކަށް ދިއުމަށް ކުރާ ދަތުރެއްގައި ދިމާވާ ޓެކްސީ ޑްރައިވަރަކާއި ދެމެދު ހިނގާ ކަންތައްތަކެކެވެ. މި އެޕިސޯޑުގައި ކިޔައިދެނީ ތަފާތު ބިރުވެރި ވާހަކައެކެވެ. ދައްކަނީ ތަފާތު ދެ ލޯބިވެރިއެއްގެ ވާހަކަ އެވެ.

ޝޫޓިންއަށް ދިއުމަށް ކާރަށް އެރުމާއެކު ކާރުގެ ޑްރައިވަރު ތަފާތު ވާހަކަތައް ދައްކަން ފަށަ އެވެ.

ކާބަފައިން ބުނެ އުޅެއެއްނު ދުނިއަޅާ ރަށް ފަޅުވޭ! ހިޔަނިތައް ފެނުގަ ނުޖެހި ދާތަން ފެނޭ! ފާރުތެރޭން ބިރުވެރި އަޑު އިވި ޝައިޠާނާ އަވަލާ ވާހަކަ، މީ ހަމަ ހައްތަހާވެސް ތެދު ވާހަކައޭ!” ޓެކްސީ ދުއްވަން އިންނަ ޢަބްދުﷲ މުއާޒު ބުނެލައެވެ.

“ލޯބިވެރިން”ގެ އެޕިސޯޑުން ހުނަރުވެރި އަދި މަޝްހޫރު ތަރިންކަމަށްވާ ޢަބްދުﷲ މުއާޒު، މަރްޔަމް އައްޒަ، ރަވީ ފާރޫގުގެ އިތުރުން ކަޒްމިކް އިންޓަނޭޝަނަލްގެ “ދަރަކަ”ސީރީޒުން ތަޢާރަފުވެ ފިލްމީ ދާއިރާގައި ފިޔަޖަހަން ފަށާފައިވާ ވިކީ ފެނިގެންދެ އެވެ.

“ދަރަކަ”އިން ހުނަރުވެރި އަދި އަސްލާ އެއްގޮތް އެކްޓިންއެއް ދެއްކި ވިކީގެ މޮޅު އެކްޓިންއެއް “ލޯބިވެރިން” އެޕިސޯޑުގައި ދަައްކައިދެ އެވެ. މީގެ އިތުރުން މި ސީރީޒްގައި މުއާ ދައްކައިދޭ ކެރެކްޓާއަށް އެންމެ ފިޓް މީހަކީ މުއާ ކަން އޭނާގެ މޮޅު އެކްޓިންއިން ސާބިތުކޮށްދީފައިވެ އެވެ.

ދިރާގުޓީވީ އާއި ދިރާގުޕްލޭ ވީޑިއޯ-އޮން-ޑިމާންޑް (ވީއޯޑީ) އިން ދައްކަމުން އަންނަ ‘ބިރުވެރި ވާހަކަ’ ސީރީޒަކީ ކޮންމެ އެޕިސޯޑެއްގައިވެސް ތަފާތު ވާހަކައެއް ދައްކުވައިދޭ ސީރީޒެކެވެ. ނަމަވެސް، މި ސީރީޒްގައި މީގެ ކުރިން ދައްކާފައިވާ ބައެއް އެޕިސޯޑުތަކުގައި ކިޔައިދީފައިވާ ވާހަކައާއި މިފަހަރުގެ ވާހަކަވެސް ވަނީ ގުޅުވާލާފަ އެވެ.

“ބިރުވެރި ވާހަކަ”އަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ. އާސިމް ޢަލީ ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ އައިފިލްމްސް އަދި އޯކޭޒް އިންކް ޓީމުންނެވެ. ސީރީޒްގައި ފެނިގެންދާ ޚާއްޞަ މޭކަޕްތަކަކީ ރުޠުބާ އަޙްމަދުގެ ހުނަރުވެރި މަސައްކަތެކެވެ. ނިމިދިޔަ ހަފުތާގައި ދެއްކި “ރަށް” އެޕިސޯޑުން ފެށިގެން ކުރިއަށް ހުރި އެޕިސޯޑުތަކުގެ ވީއެފްއެކްސްގެ މަސައްކަތްކުރަނީ ޒުވާން އާޓިސްޓެއް ކަމަށްވާ ޝަމްވީލް ޝަރީފު (ވީލް) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.