ކޮބާ ފޮށި؟” އިސްކިރީނުން މީހާ ނުފެންނަ ގޮތަށް (އޯފް ސްކްރީންގައި) ބިރުވެރި ބަރު ފިރިހެން އަޑަކުން ބުނެލާ އަޑު އިވެއެވެ.

ނެތޭ، އަހަރުން އަތުގައެއް!!” ދިމާހް (ސާމީ ޙުސައިން) ރަށެއްގެ ހާބަރުގައި ހާސްވެފައި ހުރެ ބުނެއެވެ.

މަ ހާޖާނުގަނޑެއް ހިންގާލަފާނަން… އޭރުން ކަލޭމެންނަށް ފޮށި ލިބޭނެއްނު!!” އަނެއްކާވެސް އިސްކިރީނުން މީހާ ނުފެންނަ ގޮތަށް ހަމަ ކުރިންވެސް އިވުނު ބިރުވެރި ބަރު ފިރިހެން އަޑުން ބުނާ އަޑު އިވެއެވެ.

ހަމައެކަނި ދިރާގުޓީވީ އާއި ދިރާގުޕްލޭ ވީޑިއޯ-އޮން-ޑިމާންޑުން ދައްކަމުން އަންނަ އައިފިލްމްސްގެ ‘ބިރުވެރި ވާހަކަ’ ސީރީޒްގެ މި ހަފުތާގެ އެޕިސޯޑަކީ “ހައިޖާނު” އެވެ. 13 ވަނަ އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ މިމަހު 07ވާ ހުކުރު ދުވަހު އެވެ. މިދިޔަ ހުކުރުދުވަހުގެ ރޭ ދެއްކި އެޕިސޯޑަށް މުނިއަވަސް އިން ލިޔެފައިވާ ރިވިއު އާޓިކަލްއަށް މި ސީރީޒްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެފައިވާ ފަދައިން މިއަދު އައިފިލްމްސް އިން ދޫކޮށްލާފައިވާ ޓްރެއިލާއިންވެސް ގިނަ ވިޝުއަލް އިފެކްޓަކެއް ފެނިގެންދެ އެވެ.

“ހައިޖާނު” އެޕިސޯޑަކީ ސީޒަން ބްރޭކަށް ދިއުމުގެ ކުރިން ދައްކާ ފަހު އެޕިސޯޑެވެ. އެހެންކަމުން މި އެޕިސޯޑުން ނޭވާ ހިފަހައްޓައިލަން ޖެހޭފަދަ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މިއަދު ދޫކޮށްލާފައިވާ ޓްރެއިލާއިން މި އެޕިސޯޑުގެ މުހިންމު ތަރިންތައް ފެނިގެންދެ އެވެ. އޭގެ ތެރޭގައި ޔޫސުފް (މުޙައްމަދު މަނިކް)، ލަހޫ (މަރްޔަމް އައްޒަ)، ނިޝާ (ނަތާޝާ ޖަލީލް)، ދިމާހް (ސާމީ ޙުސައިން)، އައްޔަ (މުޙައްމަދު ވިޝާލު)، ޒިޔާނާ (ޝަރާ އާދަމް)، ލުބާ (އައިޝާ ޢަލީ)، ޒާހިރު (އަޙްމަދު ސަޢީދު)، ނިޝާ (ނަތާޝާ ޖަލީލް)، ގާލިބު (ރަވީ ފާރޫޤް) ފެނިގެންދެ އެވެ.

ޓްރެއިލާއިން ފެންނަ މަންޒަރުތަކުން، ފުލުހުންގެ ޚާއްޞަ ޓީމުގެ ވެރިޔާ ޒާހިރު (އަޙްމަދު ސަޢީދު)ގެ މޭޒުމަތީގައި “ފޮށި” ހުއްޓާ ފެނި ކުއްލި ހައިރާންކަމެއް އޭނާއަށް ލިބިގެންދާތަން ފެނެ އެވެ. މީގެ އިތުރުން މަގުމަތިން ހިނގާފައިދަނިކޮށް ނިޝާ (ނަތާޝާ ޖަލީލް)ގެ އަތުގައި ޒިޔާނާ (ޝަރާ އާދަމް) ހިފަހައްޓައި އޭނާގެ އަތުގައި ކޮންމެވެސް ނިޝާނެއް ހުރިތޯ ޗެކްކުރާކަހަލަ ކަމެއް ފެނެއެވެ. ކުއްލި ސިހުމެއް ލިބިގެންދާފަދަ އެތަކެއް މަންޒަރުތަކެއް ވެސް މި ޓްރެއިލާއިން ފެނެއެވެ.

ކުރިއަށް އޮތް އެޕިސޯޑާމެދު މި ސީރީޒް ލިޔެ ޑައިރެކްޓްކުރާ އިއްލެ ބުނެފައިވަނީ މިއީ ވިޝުއަލީ ވަރަށް ހަބޭސް އެޕިސޯޑަކަށް ވާނެކަމަށާ މި އެޕިސޯޑަށް ފަހު، ސީޒަން ފިނާލޭ ދައްކާނީ ދެ ހަފުތާގެ ބްރޭކަކަށް ފަހުގައި ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.