ދެހާހުގެ އަހަރުތަކުގެ ކުރީކޮޅާއި ހަމައަށް ޖެހިލާނަމެވެ. އަހަރެންގެ ދޮށީ ދަރިފުޅުގެ އުމުރުން އަހަރެއް ވެސް ނުވާނެ އެވެ. މާލެއިން ރަށަށް އައި ޕްރީސްކޫލް މުދައްރިސެއް އަހަރެންގެ ދަރިފުޅަށް ހަދިޔާއެއްގެ ގޮތުގައި ދިނީ “ބާރނީ އެންޑް ފްރެންޑްސް” ލިޔެލާފައި އޮތް ވީއެޗްއެސް ވީޑިއޯ ޓޭޕެކެވެ. ޓޭޕް އަޅުވައިލުމާއެކު ދަރިފުޅު އޭގެތެރެއަށް ވަދެ ގެއްލި ހުސްވިއިރު އަހަންނަށްވެސް އިނދެވުނީ ހަމަ އެފަދަ ހާލެއްގައެވެ. އެ ޓޭޕްގައި ހުރި ކުރު އެޕިސޯޑްތަކުން ކޮންމެ އެޕިސޯޑަކުންވެސް ރަނގަޅު މެސެޖްތައްކެއް ލިބެއެވެ. ތުއްތުކުދިންގެ އިތުރުން އެ ބަލާ ކޮންމެ މީހަކުމެ ޝައުޤުވެރިވާނެ ގޮތަށް ލަވައާއި މިއުޒިކް ހިމަނައިގެން އެ ސީރީޒް ތައްޔާރުކޮށްފައިވަނީ ވަރަށް މޮޅަށެވެ. ސީރީޒްގެ ހިތްގައިމުކަމުން، މި ސީރިޒްގެ ހުރިހައި އެޕިސޯޑެއްގެ ޑީވީޑީވެސް ފަހުން ހޯދަން ޖެހުނެވެ.

ސީރީޒްގެ ތީމް ލަވައިގެ އިތުރުން އެ ސީރީޒްގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ލަވަ:-

🎶އައި ލަވް ޔޫ، ޔޫ ލަވް މީ،
ވީ އާރ ހޭޕީ ފެމިލީ،
ވިތު އަ ގްރޭޓް ބިގް ހަގް،
އެންޑް އަ ކިސް ފްރޮމް މީ ޓު ޔޫ،
ވޯންޓް ޔޫ ސޭ ޔޫ ލާވް މީ ޓޫ؟🎶،

އެ ސީރީޒް ބެލި ގިނަ ބަޔަކު މިހާރުވެސް ހަނދާން ހުންނާނެ އެވެ.

ދަނބު ކުލައިގެ ޑައިނަސޯއެއް (ސާރެއް) ލީޑުން ފެނިގެންދާ “ބާރނީ އެންޑް ފްރެންޑްސް” ސީރީޒަކީ އެމެރިކާ ޓީވީން ދެއްކި ތުއްތުކުދިންގެ ޓީވީ ސީރީޒެކެވެ. ޝެރިލް ލީޗް އުފެއްދި މި ސީރީޒް ފުރަތަމަ ފަހަރަށް ދެއްކީ އެމެރިކާގެ ގެ ޕަބްލިކް ބްރޯޑްކާސްޓިން ސަރވިސް (ޕީބީއެސް) އިން 06 އޭޕްރީލް 1992ގަ އެވެ. ސީރީޒް ދެއްކީ 2000 ވަނަ އަހަރާއި ހަމައަށެވެ.

އައި ލާވް ޔޫ، ޔޫ ހޭޓް މީ“ގެ ނަމުގައި ބާނީ ސީރީޒް އުފެއްދި ޓީމުން ދެ އެޕިސޯޑްގެ ޑޮކިއުމެންޓްރީއެއް މިމަހު 12ވަނަ ދުވަހު ‘ޕީކޮކް‘ ސްޓްރީމިން މަންސައިގައި ވަނީ ރިލީޒްކޮށްފަ އެވެ. މިއީ “ބާރނީ އެންޑް ފްރެންޑްސް” އުފެއްދި މީހާއާއި އޭނާގެ އާއިލާއިން މި ސީރީޒް އުފެއްދުމަށް ކުރި މަސައްކަތްތަކާއި ސީރީޒާއި މެދު އައި ފާޑުކިޔުންތަކާއި ސީރީޒް ހުއްޓުމަކަށް ގެންނަން ޖެހުނު ސަބަބުތައް ފަދަ މުހިންމު ވާހަކަތަކެއް ކިޔައިދޭ ޑޮކިއުމެންޓްރީ އެކެވެ.

“ބާނީ” އުފެއްދި ޝެރީލް ލީޗް

ޓެކްސަސްގެ އެލެންގެ ރައްޔިތެއް ކަމަށްވާ ޝެރިލް ލީޗް 1988 ވަނަ އޭނާގެ ވިސްނުމުން ނެރުނު “ބާރނީ” ވެގެންދިޔައީ ތުއްތުކުދިންގެ މެދުގައި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި ކެރެކްޓަރއަކަށެވެ. މި ސީރީޒްގައި “ބާރނީ” ކެރެކްޓަރއަށް އަޑު އަޅައިދީފައިވާ ބޮބް ވެސްޓް އަދި މިއުޒިކް ޑައިރެކްޓަރ ބޮބް ސިންގަލްޓަން ވެސް ބުނެފައިވަނީ “އުމުރުން 03 އަހަރުގެ ތުއްތުކުދިންނަށް އަމާޒުކޮށްގެން ހެދި މި ސީރީޒަކީ ބޮޑެތިމީހުން އެއަށް މޮޔަވާނެ ސީރީޒެއް ކަމަށް” ޤަބޫލުކުރަންވެސް ދަތިވި ކަމަށެވެ.

“ބާރނީ”ގެ ކޮސްޓިއުމް ލައިގެން އެކްޓްކޮށްފައި ވަނީ ޑޭވިޑް ޖޯއިނަރ އެވެ. ސީރީޒް ހުއްޓުމަކަށް ގެންނަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ޑޭވިޑް އެހެން ވަޒީފާއަކަށް ދިއުމަށްޓަކައި ޝޯވ ދޫކޮށްލުންވެސް ހިމެނެއެވެ. މީގެ އިތުރުން މި ޝޯވއާ މެދު ނޫސްތަކުންނާއި އާއްމުންގެ ބައެއް ފަރާތްތަކުންވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވުން އެއީވެސް ޝޯވ ހުއްޓުމަކަށް އައި ސަބަބެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އައި ލާވް ޔޫ، ޔޫ ހޭޓް މީ” ޑޮކިއުމެންޓްރީގައި އޭރު “ބާރނީ އެންޑް ފްރެންޑްސް”ގައި ހަރަކާތްތެރިވި ތުއްތުކުދިން، މިހާރު ތިބި އުމުރުގައި ފެނިގެންދާނެ އެވެ. އަދި އެމީހުން މި ސީރީޒާމެދު ދެކޭގޮތާއި އޭރުގެ ތަޖުރިބާތައްވެސް ހިއްސާކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.