“ޓޯނިވަލް ސެލެބްރިޓީ ލީގް 2022″ގެ ނަމުގައި އިންޑިއާގެ ބެންގަލޫރުގައި މިއަދު ފެށޭ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކާނިވަލްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ފިލްމީ ދާއިރާގެ ވަފުދެއް މިމަހު 13 ވަނަ ދުވަހު އިންޑިއާއަށް ގޮސްފި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓޯނިވަލަށް ރާއްޖެއިން ދިޔަ ފިލްމީ ފަންނާނުންގެ ތެރޭގައި ލީޑް ޕްރޮޑިއުސަރެއްގެ ގޮތުގައި ‘ކަޒްމިކް އިންޓަނޭޝަނަލް’ގެ ޕްރޮޑިއުސަރ އާސިމް ޢަލީ، ޑައިރެކްޓަރެއްގެ ގޮތުގައި އައިފިލްމްސްގެ ޑައިރެކްޓަރ އިލްޔާސް ވަަހީދު (އިއްލެ)، ލީޑް އެކްޓަރެއްގެ ގޮތުގައި ޢާއިޝަތު ރިޝްމީ، މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ފަރާތުން މުޙައްމަދު މަނިކް އަދި އާމިރާ އިޝްމާޢީލް، މީގެ އިތުރުން މުނައްވަރު (ކުޑަފޫޅު)، ޖާދުﷲ އިސްމާޢީލް އަދި އަޙްމަދު އިފްނާޒް ހިމެނެއެވެ. މި ކާނިވަލްގައި ރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ފަރާތުން ފިލްމީ ތަރި ޢަބްދުﷲ މުއާޒްގެ އިތުރުން ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ރަޝީދުވެސް ހިމެނިވަޑައިގަންނަވެއެވެ. މީގެ އިތުރުންވެސް ބައެއް ފިލްމީ ފަންނާނުން މި ވަފުދުގައި ހިމެނެއެވެ.

މި އިވެންޓްގައި ރާއްޖެއިން ބައިވެރިވި ފަރާތްތަކުން އިންޑިއާގެ މަޝްހޫރު ޚަބަރު ޗެނަލް ‘ސްޓަރ ނިއުސް’އަށް ރޭގެ ވަގުތެއްގައި ބަސްދީގަތުންތަކެއް ދީފައިވެއެވެ. މި ކާނިވަލް އިފްތިތިހާކުރުމުގެ ޚާއްޞަ ހަފުލާ އޮންނާނީ 14 ސެޕްޓަރު 2022ވާ ހުކުރު ދުވަހު އިރުއޮއްސި 06:30 ގައެވެ.

އިންޑިއާގެ “ސްޓަރ ނިއުސް”އަށް އިލްޔާސް ވަހީދު އިންޓަވިއު ދެނީ – ފޮޓޯ: މުނިއަވަސް

އިންޑިއާގެ “ސްޓަރ ނިއުސް”އަށް ރިޝްމީ އިންޓަވިއު ދެނީ – ފޮޓޯ: މުނިއަވަސް

“މި އިވެންޓަކީ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ކާނިވަލެއް. ދެން ރާއްޖޭގެ ފިލްމު އެސޯސިއޭޝަންގެ ޕްރޮޑިއުސަރުން، ޑައިރެކްޓަރުން އަދި އެކްޓަރުން މިކޮޅުގެ (އިންޑިއާގެ) ޑައިރެކްޓަރުންނާ ޕްރޮޑިއުސަރުން ބައިވެރިވެގެން ކުރިއަށްގެންދާ ކާނިވަލެއް މީ. މިކޮޅުގަ މީގެ ލޯންޗިން މިއޮތީ. ދެން ނޮވެމްބަރު ފަހުކޮޅު މާލޭގަވެސް މީގެ ލޯންޗިންގ އިވެންޓެއް ބާއްވަން ނިންމާފަ އޮތީ. މާލޭގެ އިވެންޓްކުރިއަށް ދާނީ ތިން ދުވަހު، އެއީ ޑިސެމްބަރ މަހު ކުރީކޮޅު.” ރާއްޖެއިން މި އިވެންޓްގެ ކަންކަން ވިލަރެސްކުރުމުގައި ހަރަކާތްތެރިވާ އައިފިލްމްސްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު އިންޑިއާގެ ބެންގަލޫރުގައި ހުރެ މުނިއަވަސް ބުންޏެވެ. އިއްލެ ބުނީ ރާއްޖޭގައި އިވެންޓް ބާއްވާ ސީދާ ތާރީޚެއް ފަހުން އިޢުލާނުކުރާނެ ކަމަށެވެ.

އިންޑިއާގެ ‘އަނިޔެލްޕް އެންޓަޓެއިންމެންޓްްސް’ ( Anyelp Entertainments) އިން އިންތިޒާމުކޮށް ކުރިއަށްގެންދާ “ޓޯނިވަލް ސެލެބްރިޓީ ލީގް 2022″ގައި ކުރިއަށް ގެންދާނެ މައިގަނޑު ހަރަކަތްތަކުގެ ތެރޭގައި:-

1 ވަނަ ދުވަސް — އިފްތިތާޙީ ރަސްމިއްޔާތު (އެއަށްފަހު ރަސްމީ ރޭގަނޑުގެ ކެއުން)
2 ވަނަ ދުވަސް — ފުޓްބޯޅަ މެޗް
4 ވަނަ ދުވަސް — ފިލްމް ބާޒާރު އަދި ނިންމުމުގެ ރަސްމިއްޔާތު ހިމެނެއެވެ.

މި ހަރަކާތްތައް ކުރިއަށްދާއިރު މާސްޓަރ ކްލާހަކާއި، ފިލްމް ފެސްޓިވަލް އަދި މައުރަޒުވެސް ކުރިއަށްދާނެ ކަމަށް ‘އަނިޔެލްޕް އެންޓަޓެއިންމެންޓްްސް’ އިން ބުނެ އެވެ.

“ޓޯނިވަލް ސެލެބްރިޓީ ލީގް 2022” އިވެންޓްގެ ރާއްޖޭގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މުނިއަވަސް އޮންލައިން އެވެ. މިއީ ރާއްޖެއިން ބޭރުގައި ބާއްވާ މިފަދަ ބޮޑު ހަރަކާތެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އިން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި”ފްރެންޑްޝިޕް ޓޯނިވަލް”އަކީ ރާއްޖެއާއި އިންޑިއާގެ ފިލްމީ ސިނާއަތުގެ މުނިފޫހިފިލުވުމާއި ސަގާފީ ކަންކަން އެއްބަޔަކު އަނެއްބަޔަކާއި ހިއްސާކުރުމަށް ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ. މިކަމުގެ ތެރެއިން ފިލްމީ ވިޔަފާރީގެ ކަންކަން ދަސްކޮށް އާމްދަނީ ހޯދުމަށް ރަނގަޅު މަންސައެއް ފަހިވެގެންދާނެ ކަމަށާއި ރާއްޖޭގެ ފިލްމުތައް ބޭރުގެ މަންސަތަކަށް ގެންދިއުމުގެ ފުރުޞަތުހުޅުވިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ދެކޭކަމަށް ‘އަނިޔެލްޕް އެންޓަޓެއިންމެންޓްްސް’ އަދި އައިފިލްމްސް އިންވެސް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.