ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާގެ ފިލްމީތަރިންނަށް އަމާޒުކޮށްގެން އިންޑިއާގެ ބެންގަލޫރުގައި “ޓޯނިވަލް ސެލެބްރިޓީ ލީގް 2022” މިމަހު 14 ވަނަ ދުވަހުގެ ރޭ ފަށައިފި އެވެ. ބެންގަލޫރުގައި ހުންނަ ތާޖް ހޮޓެލްގައި ކުލަގަދަ ހަރަކާތްތަކަކާއެކު ފެށި ޓޯނިވަލްގައި މި ތިން ގައުމުގެ ފިލްމީ ދާއިރާގެ ބައެއް ފަންނާނުން ބައިވެރިވި އެވެ.

“ޓޯނިވަލް ސެލެބްރިޓީ ލީގް 2022” ލޯންޗުކުރުމުގެ ހަފުލާގައި ރާއްޖެއިން ވަޑައިގެންނެވި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ރަޝީދު އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ފަރާތުން އާމިރާ އިސްމާޢީލް ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން ޚާއްޞަ ޝަރަފުވެރިކަމުގެ ފިލައެއް ސްޓޭޓް މިނިސްޓަރ އަދި އާމިރާއަށް އަރުވާފައިވެއެވެ.

މި ހަފުލާގައި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާ އަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ގައުމު ކަމަށާ ސްރީ ލަންކާގެ ހާލަތު އަޑިއަޅާލާފައިވާ މި ދަނޑިވަޅަކީ އިންޑިއާއިން ލަންކާއަށް ފަތުރުވެރިންދާން ފަށަންވީ ރަނގަޅު ފުރުޞަތެއްކަމަށެވެ.

މި ހަފުލާގައި ޓޯނިވަލް އިފްތިތާހުކުރުމަށްފަހު “ލައިފް އޮފް އަ ކޮކްރޮޗް”ކިޔާ ފިލްމެއް ލޯންޗުކުރި އެވެ. އެ ފިލްމަކީ މި އިވެންޓްގެ އެއް ސްޕޮންސާ ކަމަށްވާ ‘އަނިޔެލްޕް އެންޓަޓެއިންމެންޓްްސް’ގެ ދެވަނަ ފިލްމެވެ. މީގެ އިތުރުން ‘މަނިކޭ މަގޭ ހިތޭ’ ލަވައިން މަޝްހޫރުކަން ހޯދި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ ހުށައެޅުންތަކެއް ފެނިގެންދިޔަ އެވެ.

ރޭގެ ހަފުލާގައި ރާއްޖެއިން މި އިވެންޓްގައި ބައިވެރިވުމަށް ދިޔަ ވަފުދުގެ ފަންނާނުން ސްޓޭޖަށް އަރުވައި ތަޢާރަފުކޮށްދީފައިވެ އެވެ.

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާގެ ފިލްމުތަކާއި ފަތުރުވެރިކަން ކުރިއެރުވުމަކީ މި ޓޯނިވަލްގެ މައިގަނޑު މަގުސަދެކެވެ. މީގެ އިތުރުން ޓޯނިވަލްގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ސެލެބްރިޓީން ބައިވެރިވާ ޚާއްޞަ ފުޓްބޯޅަ މެޗަކާއި ކްރިކެޓް މެޗެއް ކުރިއަށްދާނެ އެވެ.

ދެކުނު އިންޑިއާގެ އެކްޓަރުންނާ ޔޮހާނީ ފަދަ މަޝްހޫރު ފަންނާނުން މި އިވެންޓްގައި ބައިވެރިވެފައިވެ އެވެ. އިންޑިއާގައި މި އިވެންޓްގެ ލޯންޗިންއެއް ބޭއްވި ގޮތަށް ދިވެހިރާއްޖެ އަދި ސްރީ ލަންކާގައިވެސް މީގެ ލޯންޗިންއެއް ބޭއްވުމަށް ނިންމާފައިވެއެވެ.

ލޯންޗިން އިވެންޓްގެ ހަރަކާތްތައް ނިންމާލީ އިންޑިއާގެ ސަގާފީ އައިޓަމްތަަކަކާއި ފެޝަން ޝޯއަކާއި ހެދުންތަކެއް ދައްކައިލުން ފަދަ ހަރަކާތްތަކަކުންނެވެ.

އިންޑިއާގެ ‘އަނިޔެލްޕް އެންޓަޓެއިންމެންޓްްސް’ ( Anyelp Entertainments) އިން އިންތިޒާމުކޮށް ކުރިއަށްގެންދާ “ޓޯނިވަލް ސެލެބްރިޓީ ލީގް 2022″ގައި ކުރިއަށް ގެންދާނެ މައިގަނޑު ހަރަކަތްތަކުގެ ތެރޭގައި:-

1 ވަނަ ދުވަސް — އިފްތިތާޙީ ރަސްމިއްޔާތު (އެއަށްފަހު ރަސްމީ ރޭގަނޑުގެ ކެއުން)
2 ވަނަ ދުވަސް — ފުޓްބޯޅަ މެޗް
4 ވަނަ ދުވަސް — ފިލްމް ބާޒާރު އަދި ނިންމުމުގެ ރަސްމިއްޔާތު ހިމެނެއެވެ.

މި ހަރަކާތްތައް ކުރިއަށްދާއިރު މާސްޓަރ ކްލާހަކާއި، ފިލްމް ފެސްޓިވަލް އަދި މައުރަޒުވެސް ކުރިއަށްދާނެ ކަމަށް ‘އަނިޔެލްޕް އެންޓަޓެއިންމެންޓްްސް’ އިން ބުނެ އެވެ.

“ޓޯނިވަލް ސެލެބްރިޓީ ލީގް 2022” އިވެންޓްގެ ރާއްޖޭގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މުނިއަވަސް އޮންލައިން އެވެ. މިއީ ރާއްޖެއިން ބޭރުގައި ބާއްވާ މިފަދަ ބޮޑު ހަރަކާތެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އިން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.