ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޑީޓިއުން ބޭންޑަށް ލިބިއްޖެ އެވެ. ޑީޓިއުން ބޭންޑަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަވާލުކޮށްދެއްވީ މިމަހު 20 ވަނަ ދުވަހުގެ ރޭ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

2006ވަނަ އަހަރު އުފެއްދި ޑީޓިއުން ބޭންޑުގެ މަސްއޫލުވެރިޔަކީ، އެ ބޭންޑުގައި ހިމެނޭ ހަމައެކަނި އަންހެން މެންބަރު ފާޠިމަތު ފެޒްލީން އެވެ. ބޭންޑުގައި ދެން ހިމެނެނީ، އަޙްމަދު ފުރްޤާނާއި، ޢަލީ ޝާފިޢުއާއި، އަޙްމަދު ޢާޞިފާއި، ޙަސަން ފާތިޙެވެ. މި ބޭންޑަށް މިހާރު 16 އަހަރު ފުރިފައިވާއިރު، އާދަޔާ ޚިލާފު އެއް ހަޤީޤަތަކީ މި މެމްބަރުން، ފުރަތަމަ ދުވަހުން ފެށިގެން ވޭތުވެދިޔަ 16 އަހަރުވެސް ދެގޮތެއްނުވެ އެއް ޢާއިލާއެއްގެގޮތުގައި ބޭންޑުގައި ތިބިކަމެވެ.

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ޖަލްސާގެ ޖަލީސުންނާ މުޚާޠަބުކޮށް ޑީޓިއުން ބޭންޑްގެ މަސްޢޫލުވެރިޔާ ފާޠިމަތު ފެޒްލީން ދެއްކި ވާހަކައިގެ އަސަރުގައި ހުރިހައި ޖަލީސުން ޖެއްސި އެވެ. ފެޒޫގެ އަސަރުން ފުރިގެންވާ ޢިބްރަތްތެރި ވާހަތަކުން ހުރިހައި ޖަލީސުންގެ ލޯތަކުން ކަރުނަ ހިލުވައިލި އެވެ. ފެޒޫގެ ވާހަކަކޮޅު ނިންމައިލީ ވަރަށް ހިތްގައިމު އަދި އެހާމެ ތަފާތު ގޮތަކަށެވެ. ފެޒޫ އެ ދާއިރާއަކާ މެދު ފަޚުރުވެރިވާ ލަވަކިޔުމުންނެވެ. ޤައުމަށްޓަކައި ފެޒޫގެ ހިތުގައި އޮތް ލޯބި އޭނާ ހާމަކުރީ ހިތްގައިމު ޤައުމީ ލަވަޔަކުންނެވެ. މިއުޒިކާ ނުލައި މަޑުމައިތިރި ޓޯނެއްގައި އޭނާ ކިޔައިލީ، “އިލާހީ މިބިން ކުރައްވާށިއެ، އަމާން، … ” މި ލަވައިގެ ތަންކޮޅެކެވެ.

ފެޒޫ

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.