ޖިންނި ޝައިތާނުންގެ އުނދަގޫ އެކިގޮތްގޮތުން އިންސާނުންނަށް ފޯރާކަމީ ހުރިހާ ދީންތަކެއްގެ މީހުންވެސް ޤަބޫލުކުރާ އަދި އިންސާނުންގެ ތެރޭގައި ތަޖުރިބާ ކުރެވި، މިއަދާހަމަޔަށްވެސް ހިނގަމުން އަންނަ ކަންކަމެވެ. ޖިންނީންނާއި، އެ ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ އުނދަގުލުގެ ވާހަކަތައް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން އެގެން އެބަހުއްޓެވެ. އަދި ސީރަތުންވެސް އެފަދަ ކަންކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ.
އެހެނަސް ޒަމާނުއްސުރެ ރާއްޖޭގައި ޖިންނީންގެ އުނދަގުލާއި ކުރިމަތިލާންޖެހި އެކަމުގެވޭން ތަޙައްމަލު ކުރަމުންދާ މީހުން އެފަދަ ކަންކަމުން ހެޔޮގޮތުގައި، ހެޔޮ ނިޔަތުގައި، ނުވަތަ ހެޔޮ މަޤްޞަދުގައި ސަލާމަތްކޮށްދީ ރައްކާތެރި ކުރުމަށްވުރެ، ޖިންނި ޝައިޠާނުންގެ ފަރާތުން އަނެކުން ސަލާމަތްކޮށް ދިނުމުގެ ނަމުގައި، ފަންޑިތަ ހަދާ، ރުޤްޔާ ކުރާނަމުގައި، ގިނައިން ކޮށްފަ ހުންނަނީ، މީސްތަކުންނަށް އޮޅުވާލުމާއި، ބިރުވެރިކަން އުފެއްދުމާއި، ފިތުނަ ފަސާދަ އުފައްދާ މިފަދަ އެންމެހާ ފާޙިޝް ޢަމަލުތަކުގެ ތެރެއިން، ތިމާމެންގެ މާލީ، މާއްދީ އަދި ވަޙުޝީ އަމަލުތަކެއް ފުއްދަމުން ބަޔަކު ދާކަމީ ޝައްކެތްނެތް މިންވަރަށް އެނގޭ ކަންކަމެވެ.
މިލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި މިފަދަކަންކަން ކޮށް އުޅޭ “އިންސާނީ ޝައިޠާނުން” ގެ ކިބައިން މުޖުތަމައުގެ އަހުލުވެރިން ސަލާމަތްކުރުމެވެ. އަދި ކޮންމެ މީހަކަށްވެސް ތިމާގެ ނަފްސާއި ގޯތިގެދޮރު ސަލާމަތްކުރުމަކީ، ﷲގެ އިރާދަފުޅާއި މަދަދާއި އެކު، ކުރެވިދާނެ ކަމެއްކަން ބުނެދިނުމެވެ. އަދި އެއީ ނުހަނު ފަސޭހަ އެހެނަސް މީޒާނުގައި ނުހަނު ބުރަދަންހުރި ކަންކަން ކަމުގައި ބުނެދިނުމެވެ. ﷲގެ އިރާދަފުޅާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭނެކަން ހަނދާންކޮށް ދިނުމެވެ.
އެހެންކަމުން ތިރީގައި މިބަޔާންކުރަނީ، ﷲގެ ވާގިފުޅާއެކު ޝައިތާނާގެ އުނދަގުލުން އިންސާނާއަށް ރައްކާތެރި ވެވިދާނެކަމަށް ޤުރްއާނާއި ސުންނަތުން ސާބިތުވާ ހަތް ގޮތެވެ.
1- އާޔަތުލް ކުރްސި ކިޔެވުން
އާޔަތުލް ކުރްސި ކިޔެވުމަކީ ޖިންޖި ޝައިތާނުންގެ ކިބައިން އިންސާނާ ސަލާމަތް ކޮށްދޭ ކަމެކެވެ. އަދި އާދަވެގެން އާޔަތުލް ކުރްސި ކިޔަވާމީހާ އެންމެހާ ކުދި އާފާތްތަކުން ރައްކާތެރި ކުރައްވާ ކަމަށްވެސް ބުނެވިގެން ވެއެވެ. ރަސޫލުﷲގެ ފާނުގެ ޙަދީސްފުޅެއްގައި ވާކަމަށް ރިވާވެގެންވެއެވެ. ނިދަން އޮށޯންނަމުން އާޔަތުލް ކުރްސި (ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތް) ކިޔަވާމީހާ އޭނާނިދިން ހޭލަންދެން (މުޅި ރޭގަނޑު) ޖިންނި ޝައިތާނުންގެ ކިބައިން ﷲ އެމީހަކު ރައްކާތެރި ކުރައްވަތެވެ. (ޞަޙީޙުލް ބުޚާރީ 5010)
2- އަޢޫޛު ކިޔަން އާދަކުރުން
ކޮންމެކަމެއް ކުރުމުގެ ނުވަތަ ފެށުމުގެ ކުރިން ﷲގެ ރައްކާރެރިކަމާއި ސަލާމަތަށް އެދުން، އެބަހީ ޢަޢޫޛް، أعوذ بالله من الشيطان الرجيم ކިޔަން އާދަކުރުން. އާދަވެގެން އަޢޫޛްކިޔަވާ މީހާއަށް، ﷲގެ ރައްކާތެރިކަން ލިބިގެންވެއެވެ. ޖިންނި ޝައިޠާނުންގެ އުނދަގުލެއް ވެދާނެކަމަށް ހިތަށް ވަންނަމީހާ، ﷲގެ ހަނދުމަކޮށް އެކަލާނގެ ރައްކާތެރިކަމުން މަދަދު ލިބިގަތުމަށް، ކީތިތި ޤުރްއާނުގެ، ފުޞިލަތް ސޫރަތުގެ 36 ވަނަ އާތުގައި ވަޙީކުރައްވައި އަންގަވަފައި ވެއެވެ. އަދި، ﷲގެ ރަސޫލާ މިފަދައިން އަމަލުކުރުމަށް މީސްތަކުންނަށް އެންގެވިކަމަށް “ސުނަން އައްނަސަވީ” ގެ ހަދީސް ނަމްބަރ 5507އިން އެގެން އެބައޮތެވެ.
3- ފަލަޤް ސޫރަތާއި، ނާސި ސޫރަތް ކިޔެވުން
ކީރިތި ޤުރްއާނުގެ އެންމެ ފަހު ދެ ސޫރަތް (113 އަދި 114 ވަނަ ސޫރަތް) ކިޔެވުން ހުރިހާ ޝައިތާނީ ވަސްވާސް ތަކުންނާއި، ހެއްލުން ތަކުންނާއި އުނދަގޫ ތަކުންނާއި، ގެއްލުންތަކުން ސަލާމަތްތެރިކަން ލިބިދޭކަމަށް ވާރިދުވެގެން ވެއެވެ. އަދި މިކަން ﷲގެ ރަސޫލާގެ ސުންނަތުން ސާބިތުވޭ މެއެވެ. (ސުނަން އިބްނި މަޖާހް، ޙަދީސް 3511)
4- ބަޤަރާސޫރަތް ކިޔެވުން
ގޭގައި ބަޤަރާ ސޫރަތް ކިޔެވުމަކީ ހުރިހާ ޝައިތާނީ އުނދަގޫތަކުން ރައްކާތެރި ކޮށްދޭ ކަމެއްކަމަށް ހުރިހާ ދަންނަބޭކަލުންހެން އެއްބަސްވެ ޤަބޫލުކުރެއެވެ. ތިޔަބައިމީހުން ދިރިއުޅޭ ގެ ތަކަކީ ޤަބްރުސްތާނަކަށް ނުހެދުމަށާއި، ބަޤަރާސޫރަތުގެ އަޑުއިވޭ ތަންތަނުން (ގެތަކުން) ޝައިޠާނާ ނުކުމެ ދުވެ ފިލާނެ ކަމަށް ޙަދީސުން (ސަޙީޙު މުސްލިމް 780) ސާބިތުވެއެވެ. އެހެންކަމުން ބަޤަރާ ސޫރަތް ގެއެއްގައި ކިޔެވުމަކީ އެ ގެއްގައި ދިރިއުޅޭ އެންމެން ރައްކާތެރި ކޮށްދޭކަމެކެވެ.
5- ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން
މުޅި ބަޤަރާ ސޫރަތް ކިޔަވަން އުނދަގޫވާ މީހުން ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ހިތުދަސްކޮށް ކިޔެވުމަކީ އެމީހާގެ ނަފްސު ޝައިތާނީ އުނަދަގޫ ތަކުން ރައްކާތެރި ކޮށްދޭ ކަމެއްކަމަށް ވާރިދުވެގެން ވެއެވެ. ބަޤަރާސޫރަތުގެ ފަހު ދެ އާޔަތް (285، 286) ޖެހިޖެހިގެން ތިން ރޭ ވަންދެން ކިޔަވައިފި ގެއަކާއި ޝައިތާނާ ކައިރި ނުވާނެކަމަށް ﷲގެ ރަސޫލާގެ ޙަދީސް ފުޅެއްގައި ވެއެވެ. (ޖަމީ އައް ތިރްމިޒީ 2882)
6- ﷲއަށް ޒިކްރު ކުރުން ގިނަކުރުން
ﷲގެ ރައްކާތެރިކަމާއި މަދަދު އެދިގެން އެކަލާނގެއަށް ޙަމްދުސަނާއާއި ޒިކުރުކުރުން ގިނަކުރުމަކީ އެކަނލާގެ އެމީހަކާމެދު ރުހިވޮޑިގަންނަވާ ކަމެކެވެ. އެހެންކަމުން، ﷲގެ ރަސޫލާގެ ޙަދީސްފުޅަކުން ސާބިރުވާ ތިރީގައިމިވާ ކަލިމަ 100 ފަހަރު ކޮންމެ ދުވަހަކު ކިޔަވާ މީހަކަކަށް ޖިންނި ޝައިތާނުންގެ އުނދަގުލެއް ނުފޯރާނެ ކަމަށް، ޞަޙީހް މުސްލިމްގެ ޙަދީސް ނަމްބަރު 2691 އިން އެނގެއެވެ.
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ
7- ބަންގި ގޮވުން
ބަންގި ގޮވުމާއި ބަންގި ގޮވާއަޑު އެހުމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވާ ކަމެކެވެ. ރަސޫލުﷲގެ ފާނު ހަދީސެއްގައި ވެއެވެ. ބަންގި ގޮވާއަޑު އިވުމުން ޝައިޠާނާ އެއަޑު ނޭހުމަށް ދުވެ ފިލައެވެ. ބަންގި ނިމުމުން އެނބުރި އައިސް އިންސާނާ މަގުފުރެއްދުމަށް މަސައްކަތް ކުރެތެވެ. ނަމާދަށް ޤަމަތް ދޭން ފެށުމުން އަނެއްކާވެސް ޝައިޠާނާ ދުވެ ފިލައެވެ. ޤަމަތް ނިމުމުން އެނބުރި އައިސް އަނެއްކާވެސް އިންސާނާ މަގުފުރެއްދޭތޯ މަސައްކަތް ކުރެއެވެ. (ޞަޙީޙް މުސްލިމްގެ ޙަދީސް ނަމްބަރު 389)
މިއީ ޖިންނި ޝައިޠާނުންގެ ކިބައިން އިންސާނާ ސަލާމަތްކޮށްދޭ ހަމައެކަނި ގޮތްތަކެއް ނޫނެވެ. އިތުރު ގޮތްތައްވެސް ހުރެދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
މީގެ އިތުރުން ރޫހާނީ އަދި ސުޕަނެޗްރަލް ދާއިރާއަކީ އޭނާ ދިރާސާކުރައްވަމުން ގެންދަވާ ދާއިރާއެއް
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 މެއި 2023ރިޕޯޓްމީސްމީޑިއާއަށް ސަމާލުވުން
- 21 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން – 4
- 13 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 3
- 6 ނޮވެމްބަރ 2022ޚަބަރުރުޤްޔާއާއި ގުޅޭގޮތުން އެގެންޖެހޭ ބައެއް ކަންކަން – 2