ދިވެހި ފިލްމީ ދާއިރާގައި އުފެދުނު އެންމެ ކުޅަދާނަ އެއް ތަރި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާމަނިކު (ރީކޯ މޫސަ) ދުވަސްގަނޑަކަށްފަހު ފިލްމަކުން ފެނިގެންދާނެކަން ހާމަކޮށްފިއެވެ.

ރީކޯ މޫސަ މިފަހަރު ފެނިގެންދާނެ ފިލްމަކީ މުޙައްމަދު ނިޔާޒް (ޓެޑްރީ)ގެ ބޮޑު ފިލްމު “ލަސްވިޔަސް” އިންނެވެ. މާ ދިގު ނޫން ނަމަވެސް މުހިންމު ރޯލަކުން މޫސަ ފެނިގެންދާއިރު، މޫސަ ވަނީ ޓެޑްރީގެ ފިލްމު “ދެރިޔާ (1994)” ގައިވެސް މަސައްކަތް ކޮށްފައެވެ.

“ދެރިޔާ (1994) ގައި މަސައްކަތްކުރިފަހުން އަނެއްކާވެސް ރީކޯ މޫސައާއެކު “ލަސްވިޔަސް” ގައި މަސައްކަތް ކުރެވިއްޖެ، އެންމެ އުފާވަނީ، މޫސަ ތަމްސީލުކުރީ، ކުރިން މަރްހޫމް ކޮއްޔަ ހަސަން މަނިކު އަދާކުރަން އޮތް ރޯލުކަމުގައިވާތީ، މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތް އެކުވެރި ރަހްމަތްތެރިކަމެއް އޮތް ދެމީހުން، ހަސަން ނެތުމުގެ ހުސްކަން މި ފިލްމުގައި ފޫބައްދަން އެންމެ އެކަށޭނެ ފަންނުވެރިޔަކީ މޫސަ.” “ލަސްވިޔަސް” ފިލްމުން ރީކޯ މޫސަ ފެނިގެންދާނެކަން ހާމަކުރަމުން ރީކޯ މޫސައަށް ޝުކުރު އަދާކޮށް، ޓެޑްރީ އޭނާގެ ފޭސްބުކްގައި ޕޯސްޓްކޮށްފައިވެއެވެ.

މޫސަ “ލަސްވިޔަސް” ގައި ފެނިގެންދާނީ ދިގު ރޯލަކުން ނޫން ކަމަށާއި އެ ރޯލަކީ ކުރިން ކޮއްޔަ ހަސަންމަނިކު ލައްވާ ކުޅުވަން ނިންމާފައިވާ ރޯލެއް ކަމަށް ޓެޑްރީ “ދުވަސް” އޮންލައިންއަށް މައުލޫމާތު ދީފައިވެއެވެ. އަދި ހަސަންމަނިކު ނިޔާވުމުން އެ ރޯލަށް އޮތީ ވަކި މީހަކު ހަމަނުޖައްސާކަންވެސް ޓެޑްރީ ފާހަގަކޮށްފައިވެއެވެ.

“މޫސަ ބުނާނެ ތިމަންނަ ފިލްމު ކުޅުން ހުއްޓައެއް ނުލަމޭ، މޫސަވެސް ރިކުއެސްޓް ކުރީ މަސައްކަތް ކޮށްލަން.” ޓެޑްރީ ބުނެފައިވެއެވެ. އަދި މޫސަގެ ރޯލު ޝޫޓްކޮށް ނިމިއްޖެކަންވެސް ޓެޑްރީ ފާހަގަކޮށްފައިވެއެވެ.

ފިލްމު ކުޅުން ހުއްޓާނުލި ނަމަވެސް 2004 ގެ ފިލްމު “ހަތަރު އުދަރެސް” އަށްފަހު އެކްޓިންގއާއި ދުރުގައި ހުންނަތާ ދުވަސްތަކެއް ވެފައިވާ ރީކޯ މޫސަ އެންމެ ފަހުން ބޮޑު ފިލްމަކުން ފެނުނީ 2011 ގެ ފިލްމު “އެބައްޕަ” ގައި ޚާއްސަ ފެނިލުމަކުންނެވެ. އެއީ މަރްހޫމް ކޮއްޔަ ހަސަންމަނިކު ޕްރޮޑިއުސްކުރި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

“ލަސްވިޔަސް”ގެ އިސް-ބަޠަލުންގެ ތެރޭގައި ހިމެނެނީ ޓިކްޓޮކް އަދި ޓީވީ ޕްރެޒެންޓިންއިން މަޝްހޫރުކަން ހޯދާފައިވާ މަރްޔަމް ޝިފާ (މަރްޔަމް ޝިފް)، ހުނަރުވެރި އެކްޓަރ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް އެވެ.މަރްޔަމް ޝިފާ ފެނިގެންދާނީ ’ޔުސްރާ’ގެ ކެރެކްޓަރއިން ނެވެ. އާނަންދު ފެނިގެންދާނީ ’އިޤްބާލު‘ ކިޔާ މީހެއްގެ ކެރެކްޓަރއިންނެވެ. ޒޯޔާ ފެނިގެންދާނީ ’ހަމްރާ’ގެ ކެރެކްޓަރ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.