ޕާކިސްތާން ޑްރާމާ ސިލްސިލާ “ޒިންދަގީ އޭކް ޕަހޭލީ” ދައްކަން ފަށައިފިއެވެ.

އަންހެން ތިންބެއިންގެ ދިރިއުޅުމުގެ މައްޗަށް ބިނާވެފައިވާ “ޒިންދަގީ އޭކް ޕަހޭލީ” ގެ އިސް ރޯލުތަކުން ފެނިގެންދާނީ ނިމްރާ ޚާން، ލައިބާ ޚާން، އަޔޭޝާ ގުލް، މާރިއާ މާލިކް އަދި ހާރޫން ރަޝީދުއެވެ. ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި މަރިޔަމް ނޫރް، ފަރީހާ ޖަބީން، ފަރްހާން ޢަލީ އާޣާ، ރައީދު އަލަމް، ބެހެރޯޒް ސަބްޒްވާރީ އަދި އޯމީ ބަޓް ފަދަ ތަރިން ހިމެނެއެވެ.

“ޒިންދަގީ އޭކް ޕަހޭލީ” ގައި ކިޔައިދޭނީ މައިންބަފައިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އަންހެން ތިންބެއިންގެ ބައްޕަ ނިޔާވުމާއެކު ދިމާވާ މާލީ ދަތިތަކާއި ދިރިއުޅުމުގެ އެކިއެކި ގޮންޖެހުންތަކާ ހިތްވަރާއެކު ކުރިމަތިލާ ގޮތުގެ ވާހަކައެވެ.

ﷲޢަބްދު ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ “ޒިންދަގީ އޭކް ޕަހޭލީ” އަކީ އަނީލާ ސައީދު އަދި ދިލާވަރް ޚާން ލިޔެދީފައިވާ ޑްރާމާއެކެވެ. ޑައިރެކްޓްކުރީ “ދިލޭ ބަރްބާދް (2015)” އަދި “މޭރާ ކިޔާ ކަސޫރް (2019)” ގެނެސްދިން ޑައިރެކްޓަރ ޝާހިދު ޔޫނުސްއެވެ.

އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭގައި ޖީއޯ ޓީވީއިން “ޒިންދަގީ އޭކް ޕަހޭލީ” ދައްކަން ފެށިއިރު، ޑްރާމާގެ އެޕިސޯޑްތައް ގެނެސްދޭން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 19:00 ގައެވެ. މީގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް “ހަރްޕަލްޖީއޯ” އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.