މިއީ ޒުވާން ފިރިހެން ކުއްޖަކަށް ދިމާވި ޙަޤީޤީ ހާދިސާއެއް. މި ހާދިސާ މި ގެނެސްދެނީ އެކުއްޖާގެ ޕޮއިންޓް އޮފް ވިއު ބޭނުންކޮށްގެން.

މިއީ އެއް ރެއަކު އަހަރެން ނިދާފަ އޮއްވާ ކުރެވުނު ބިރުވެރި ތަޖުރިބާއެއް. އެރޭ ނިދީގަ އޮއްވާ އަހަރެންގެ އަޖަލު ހަމަވަނީއޭވެސް ހީކުރެވުނު.

މި ތަޖުރިބާ އަހަންނަށް ކުރެވުމުގެ ކުރިން، މީހުންނަށް ޖިންނިއާ ދިމާވާ ވާހަކައާއި އެ މަޚްލޫޤުންގެ ފަރާތުން ކުރިމަތިވާ ކަންތައްތަކުގެ ވާހަކަ ކިޔާތީ އެހިޔަސް، އިންސާނުންނަށް ޖިންނީންގެ ފަރާތުން އެފަދަ ކަންކަން ދިމާވެދާނެ ކަމަކަށް އަހަރެން ހީއެއް ނުކުރަން. ނަމަވެސް ބައެއް ޖިންނީންގެ ފަރާތުން އިންސާނުންނަށް ކުރިމަތިވާ ބައެއް ރަނގަޅުކަންކަން ހުންނަކަމަށް އަހަރެންގެ މާމަ ބުނާތީ އެކަން ޤަބޫލުކުރެވޭ.

އިންސާނުންނެކޭ އެއްފަދައިން ޖިންނީންގެ ތެރޭގައިވެސް ރަނގަޅު ޖިންނިއާއި ނުބައި ނުލަފާ ޖިންނި އުޅޭ. ޖިންނިއަކީ ދުން ނާރާ އަލިފާނަކުން ހައްދަވާފައިވާ މަޚްލޫޤުންނަށް ވީހިނދު، އަހަރުމެން އިންސާނުން އުފައްދަވާފަވަނީ މަށިންކަން މިއީ ދީނީގޮތުން އެނގެން އޮތް ކަމެއް.

އަހަންނަށް ދިމާވި ކަންތައް އެއީ ‘ސްލީޕް ޕެރަލިސިސް’ ކަމަށް ބައެއް މީހުންނާ ޑޮކްޓަރުން ވިދާޅުވިޔަސް، ސްލީޕް ޕެރަލިސިސް އަކީ އަހަރެން ޤަބޫލުކުރާ ކަމެއްނޫން. އަހަރުމެންގެ ތެރޭގައި އުޅޭ ޖިންނިން އަހަރުމެންނާ އަވަލާ ގޯނާކުރާކަމަށް އަހަރެން ޤަބޫލުކުރަން. އެ ސޮރުމެން އަހަރުމެންނަށް ދުއްޕާންކޮށް ހީނ މަޖާކޮށްވެސް ހަދާ.

އަހަރެން މި ދައްކަން އުޅޭ ވާހަކައިގައި ހިމެނެނީ ތަންކޮޅެއް ތައްކަތަ ޖިންނިއެއްގެ ވާހަކައެއް. މިކަން މި ފާހަގަކުރީ ޖިންނީންގެ ތެރޭގައި ނުބައި ނުލަފާ އަދި އަނިޔާވެރި ޖިންނީން އުޅޭކަމާ އިންސާނުންގެ ފަރާތުން ތުރާލެއް ލިބުމުން އިންސާނުންނަށް ގެއްލުންދީ މަރާފައި ހުރިކަން މިވެސް އެނގެން ހުރި ކަމެއް.

ޖިންނީގެ ހަމަލާ

އަހަރެން އޮތީ ފުން ނިންޖަކުން ނިކަން އަރާމުކަމާއެކު ނިދާލާފަ. ކުއްލިއަކަށް އަހަރެންގެ ނޭވާކުރުވާހެން ހީވާން ފެށި. ނޭވާލާން އުނދަގޫވެ ފުންކޮށް ދިގުކޮށް ނޭވާލާން ފެށުނު. ނަމަވެސް އެނޫން އުނދަގުލެއް ނުވެ، ނިދީގެ ތެރެއަށް އިތުރަށް ގެނބެންފެށި. އެވަގުތު އަހަންނަށް ހުވަފެނެއް ފެންނަހެން ހީވާން ފެށި.

ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުކޮށް ހުޅުވައިލާ ސީލިންގާ ދިމާއަށް ބަލަން ފަށައިފިން. އެވަގުތު ލޯގަނޑަކުން އަހަރެންގެ ސޫރަ ފެންނަ ގޮތަށް ސީލިންގުގައި އަހަރެންގެ ސޫރަ އޮތްތަން ފެނިއްޖެ. އެއަށްފަހު ދެން އަހަރެންގެ ސޫރަ ފެންނަން ފެށީ އެނދުގައި ނިދާފަ އޮތްގޮތަށް. ސީލިންގައި ތަންވެފައި ހުރި އެނދުގައި އަހަރެން ނިދާފަ އޮތްއިރު، އެ އެނދު މަޑުމަޑުން ތިރިވާން ފަށައިފި. އެނދު ތިރިވަމުން ތިރިވަމުންގޮސް އެނދުގެ ފައިތައް ހުރި ކޮޅު ތަޅުންގަނޑާވީ ދިމާއަށް ބަދަލުވެ، ތަޅުންގަނޑުގައި ދޫންޏެއް އުދުހިފައި އައިސް ޖައްސާގޮތަށް އެނދު ތަޅުންމަތީގައި ފައިވިއްދާލައިފި. އަހަރެން ނިދަން އޮތް އެނދުގެ އަނެއް ފަރާތުގައި އަހަރެންގެ އެނދުގެ ނަމޫނާއެއް ހުރި އިރު، އެ އެނދުގައި އަހަރެން ވަރަށް އަރާމުކޮށް ނިދަން އޮތްތަންވެސް ފެނުނު.

އެނދުގައި އޮތް އަހަރެންގެ ހަށިގަނޑާ ދިމާއަށް އިނގިލިދިއްކޮށްލުމަށްފަހު އަހަރެން ބާރަށް ހޭންފެށިން. އޭރު އަހަރެން ނިދަން އޮތް އެނދު ހުރީ ފާރުގައި ތަންކޮށްލައިގެން އޮތް ހޯނެއް ފަދައިން.

މި ހުވަފެން ފެންނަމުން ދިޔައިރު، އެންމެ އަޖައިބުކުރުވަނިވި ކަމަކީ އަހަރެންގެ ހަށިގަނޑަށް ގުޑުމެއްވެސް ނުގެނުވުނުކަން. އަނގައިން ބަހެއް ބޭރުނުވިއިރު، ނިދިން ހޭލެވޭ ގޮތެއްވެސް ނުވިކަން. އަހަރެން ނިދާފަ އޮތްނަމަވެސް ނިދިން ހޭލާ އޮތްކަމުގެ އިހުސާސް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދިޔަ.

މަރަށް ތެޅުން

މިހުރިހައި ކަމެއް ހިނގަމުން ދިޔައިރު އަހަންނަށް ވަމުން ދިޔައީ ކީއްކަން ވިސްނާވެސް ނުލެވުނު.

ފެންނަމުން ދިޔަ މަންޒަރުތައް މަޑުމަޑުން ފަނޑުވަމުން ފަނޑުވަމުން ގޮސް އެއްކޮށް ގެއްލިއްޖެ. އަހަންނަށް އަނެއްކާވެސް ރަނގަޅަށް ނިދިއްޖެ. އެކަމަކު ކަންތަކާ ލައިގަތީ ދެން. އަހަރެންގެ މެޔަށް ހީވީ މީހަކު ވަރަށް ބާރަށް ފިތާލައިގެން ހުރިހެން. ބަރުދާސްތުކުރަން އުނދަގޫވާހާ ބޮޑަށް މެއަށް ފިތިފައި ހުރުމުން ނޭވާލާންވެސް ވަރަށް ބޮޑަށް އުނދަގޫވާން ފެށި. ހިތުގެ ތެޅުން ދަށްވަމުން ދާހެން ހީވާން ފެށުމުން އަހަރެންގެ މެއަށް ލިބެމުންދިޔަ ޕްރެޝަރު ކުޑަކުރެވޭތޯ ހަރަކާތްކުރަން ފެށިން. ނަމަވެސް އެކަންވެސް ކާމިޔާބުވާގޮތެއް ނުވި.

ނޭވާ ލެވޭނެ ގޮތަކާމެދު ވިސްނޭ ހާލުގައި އޮތްއިރު އަހަރެންގެ ކަރުގައި ކޮންމެވެސް ނުފެންނަ އަތަކުން ނިކަން ބާރަށް ހިފަހައްޓާފައި އޮތްކަމުގެ އިހުސާސްވެސް ކުރެވެމުން ދިޔަ. އަހަރެންގެ ހޭވެރިކަން ނެތެމުން ދިޔައިރު އަހަންނަށް ހީވީ އަހަރެން ދަންޖައްސައި މަރާލަނީއޭ. ދެނެއް މަރުން ސަލާމަތެއް ނުވާނޭ.

ހަމަ ދެންމެ ދެންމެ މަރުވެދާނޭ ހީވުމުން އަހަރެންގެ ހިތުތެރެއިން ހަޅޭއްލަވަން ފެށިން. ބޮޑުބެއާ ބޮޑުދައިތައަށް އިވޭނެހާ ބާރަށް ވެސް އަހަރެން ހިތުން އަހަރެން ހަޅޭއްލަމުން ދިޔައިން. އެމީހުން ހޭލައިގެން އައިސް އަހަންނަށް އުނދަގޫކުރަމުން ދާ ޖިންނީގެ ކިބައިން ސަލާމަތްކޮށްދޭނެ ކަމުގެ ފުރިހަމަ އުއްމީދާއެކު ހަޅޭއްލަވަމުން ދިޔައިން.

އާއްމު ގޮތެއްގައި އަހަރެން ކޮޓަރީގައި ހުރެފައި ކެއްސާލުމުން ނުވަތަ ވާހަކަދެއްކިޔަސް، އެމީހުންނަށް އަހަރެންގެ އަޑު އިވުނަސް، މިފަހަރު އެމީހުންގެ ފަރާތުން އެއްވެސް ހިލަމެއް ނުވީ ކީއްވެގެން ކަމެއް ނޭނގުނު. ޖެހިގެން ހުރި ކޮޓަރި ތެރެއަށް އަހަރެންގެ ކަންފަތް އަމާޒުކޮށްލައި އަޑުއަހަން ފެށީ ބޮޑުބެމެންގެ އަޑެއް އިވޭނެ ކަމަށް. ނަމަވެސް އެމީހުން ގަދަ ގުގުރި ދަމާއަޑު ފިޔަވައި އެހެން އެއްވެސް އަޑެއްބަޑެއް ނުއިވޭ. އެއީ އަހަންނަށް ދުއްޕާންކުރަމުންދާ ޖިންނީގެ ކަމެއްކަން އެވަގުތު އަހަންނަށް ވިސްނި އެކަމުން ސަލާމަތްވުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހޭކަމަށް އަހަރެންގެ ސިކުނޑި ބުނެދިން. ނޫންނަމަ އަހަރެން ނޭވާ ހާސްވެ މަރުވެދާނެކަން އެއީ އަހަންނަށް ޔަޤީންވެފަވާ ކަމެއް.

މަރުވުމުގެ ކުރިން ފަހުބަސް

އޭރުވެސް އަހަރެންގެ ސިކުނޑި އޮތީ ކޮންމެވެސް ވަރަކަށް ހޭލާކަން އެނގޭ. ނަމަވެސް އަހަރެންގެ އަނގައެއް ނުހުޅުވުނު. އަހަންނަށް ހަޅޭއްލެވުނަސް އަހަރެންގެ ހަޅޭކުގެ އަޑު އިވޭނެ މީހަކު ނެތްކަންވެސް އޭރު އަހަންނަށް އެނގޭ. ސަބަބަކީ ބޮޑުބެމެން އޭރު ތިބީ ގަދަ ގުގުރީގައި ނިދާ ހަރުވެފައިކަން އަހަންނަށް ޔަޤީންކުރެވިފައިވުން.

އެއީ އަހަރެންގެ އަޖަލު ޖެހުނު ވަގުތުކަން އަހަންނަށް ޔަޤީންކުރެވުނު ހިނދު އަހަރެންގެ ހިތުން ހެޔޮ ކަލިމަތައް ކިޔަން ފެށިން. އަހަންނާ ފާވެފާވާ ޖިންނީގެ ފުށުން ސަލާމަތްވާނެ ހަމައެއްވެސް ގޮތެއް ނެތްކަން އަހަންނަށް ޔަޤީން ކުރެވުނުތާ އޭރު ކިތަންމެ އިރެއްވެއްޖެ. އޭރު އެ ޖިންނި އިނީ އަހަރެންގެ މޭމަތީގައި އިށީންދެގެންކަން އަހަންނަށް ހަމަ ރަނގަޅަށްވެސް އިހުސާސްކުރެވޭ. އޭގެ ދެ އަތުން އަހަރެންގެ ކަރުގައި ހިފާ ބާރަށް ފިތަމުން އަންނަކަންވެސް އަހަންނަށް އިހްސާސްކުރެވެމުން ދިޔަ.

އަހަރެންގެ އަޖަލު ޖެހިއްޖެ. މަރުން ސަލާމަތްވާން ކުރެވޭނެ ހަމައެއްވެސް ކަމެއް ނެތް. މަރުވެގެން ކާއިނާތުގެ ވެރި ރައްބުގެ ހަޟްރަތަށް އެނބުރިދާން ޖެހޭ ވަގުތު ގާތްވެއްޖެ. އަހަންނަށް އެންމެ ފަހު ކަމަކަށް ކުރެވުނީ ހަމަ އެންމެ ކަމެއް.

ލާއިލާހަ އިއްލައްﷲ… (ހިތުން އެއްފަހަރު ކިޔައިލިން)

ލާއިލާހަ އިއްލައްﷲ… (ހިތުން ދެވަނަފަހަރު ކިޔައިލިން)

އެވަގުތު ހަމަ ކުއްލިއަކަށް އަހަރެންގެ މެއަށް ލުޔުއް ލިބިއްޖެ. ޝަހާދަތުގެ ދެކަލިމަ ކިޔަން ފެށުމުން ޖިންނި ބިރުގެންފި.

ލާއިލާހަ އިއްލައްﷲ… މިފަހަރު އަހަރެން ޝަހާދަތުގެ ދެކަލިމަ އެއްކޮށް ކިޔައި ނުވެސް ނިމެންދެން އަހަރެންގެ ކަރުން ޖިންނިގެ އަތް ދޫކޮށްލައިފި. އަހަރެންގެ މެއަށް ކޮށްފައިވާ ބާރުގަނޑު ލުއިވެއްޖެ.

އަލްޙަމްދު ލިއްﷲ…

އަހަންނަށް ރަނގަޅަށް ހޭލެވުނީ އެހިސާބުން. ވަށައިގެން ކޮޓަރިއަށް ބަލައިލިއިރު އެއްވެސް ކަހަލަ އާދަޔާޚިލާފު ކަމެއް ފެންނާކަށް ނެތް. އަވަސް އަވަހަށް ދެތުވެގެން ގޮސް ވުޟޫކޮށްލައި ދަމުނަމާދުގެ ދެ ރަކުއަތްކޮށް ޤުރުއާން ކިޔެވުމުގައި ފަތިސްވާންދެން އިނިން. ނަމާދުގެ ބަންގި ގޮވީ އަހަރެން މިސްކިތުގައި ހުއްޓާ.

މިކަންތައްގަނޑުގެ ފަހުން އަހަރެން އަމިއްލައަށް ރުޤްޔާކުރިން.

އަލްޙަމްދުލިﷲ. އެރޭގެ ފަހުން އަހަންނަށް އެފަދަ ތަޖުރިބާއެއް ކުރަން ނުޖެހި މިއަދުވެސް އުޅެމުން މި ގެންދަނީ ﷲގެ މަގުގައި ހެޔޮއަމަލުކުރުންމަތީގަ.

އަލްޙަމްދުލިﷲ.

**********

އިހްސާސް – ހާދިސާ ހާދިސާ ސީޒަން 02 / އެޕިސޯޑް 04 – މި ލިންކުން ޕްރޮގްރާމު އަޑުއަހައިލެވޭނެ!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.