ޒަމާނުއްސުރެ ރާއްޖޭގައިވެސް، ޖިންނީންގެ އުނދަގުލާއި ކުރިމަތިލާންޖެހި އެކަމުގެ ވޭން ތަޙައްމަލުކުރަމުންދާ މީހުން އުޅެއެވެ. އެހެނަސް، އެފަދަ ކަންކަމުން ހެޔޮގޮތުގައި، ހެޔޮ ނިޔަތުގައި، ނުވަތަ ހެޔޮ މަޤްޞަދުގައި މީސްތަކުން ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދިނުމަށްވުރެ، ރުޤްޔާކުރުމުގެ ނަމުގައި، ގިނައިން ކޮށްފައި ހުންނަނީ، މީސްތަކުންނަށް އޮޅުވާލުމާއި، މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި، ފިތުނަފަސާދަ އުފައްދާ، އެންމެހާ ފާޙިޝް ޢަމަލުތަކުގެ ތެރެއިން، ތިމާމެންގެ މާލީ، މާއްދީ އަދި ވަޙުޝީ އެދުންތައް ފުއްދުމުގެ އަމަލުތަކެއް ކަމީ ޝައްކެތްނެތް މިންވަރަށް އެނގޭ ކަންކަމެވެ.

މިލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި މިފަދަ ކަންކަން ކޮށް އުޅޭ “އިންސާނީ ޝައިޠާނުން”ގެ ކިބައިން މުޖުތަމައުގެ އަހުލުވެރިން ސަލާމަތް ކުރުމެވެ. އަދި ކޮންމެ މީހަކަށްވެސް ތިމާގެ ނަފްސާއި ގޯތިގެދޮރު ސަލާމަތްކުރުމަކީ، ﷲގެ އިރާދަފުޅާއި މަދަދާއި އެކު، ކުރެވިދާނެ ކަމެއްކަން ބުނެދިނުމެވެ. އަދި އެއީ ނުހަނު ފަސޭހަ އެހެނަސް މީޒާނުގައި ނުހަނު ބުރަދަންހުރި ކަންކަން ކަމުގައި ބުނެދިނުމެވެ. ﷲގެ އިރާދަފުޅާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭނެކަން ހަނދާންކޮށް ދިނުމެވެ.

އެހެންކަމުން ތިރީގައި މިބަޔާންކުރަނީ، ﷲގެ ވާގިފުޅާއެކު، ޖިންނި ޝައިތާނުންގެ އުނދަގުލުންނާއި، ސިހުރުހާހޫރައިގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުން އަންނަ ރުޤްޔާއާއި ގުޅޭގޮތުން އެގުން ލާޒިމްކުރާ ބައެއް ކަންތައް ތަކެކެވެ.

ރުޤްޔާ ކުރުމުގެތެރޭގައި ޢަމަލުކުރުން ލާޒިމު ބައެއް ކަންތައްތައް

ކުރީގެ އާޓިކަލްތަކުގައި ބަޔާން ކުރެވިފައިވާ، ރުޤްޔާ ކުރަން ތައްޔާރުވުމަށް ކުރުން ލާޒިމުކުރާ ކަންކަން ފުރިކަމަ ކުރުމަށްފަހު، އިސްލާމްދީނުގައި ކުރުމަށް، ޤުރްއާނާއި ސުންނަތުން ސާބިތުވާ ރުޤްޔާގެ ޢަމަލީ މަސައްކަތް ފަށައިގަންނަ އިރު، ރާޤީގެ ޢަމަލުތައް ބެހެއްޓުން ލާޒިމްކުރާ ގޮތްތަކަކީ:

  • ރުޤްޔާ ކުރަން ފެށުމުގެ ގޮތުން، ފުރަތަމަ ކަމަކަށް، ރަސޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ކުރެވޭ، ރިވެތިވެގެންވާ ޞަލަވާތަކުން ރުޤްޔާކުރަން ފަށައިގަތުމީ ވަރަށް މުހިންމު ކަމެކެވެ.
  • ރަސޫލްﷲ
  • ރަސޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗައް ޞަލަވާތް ކިޔެވުމަށްފަހު، ވާރިދުވެފައިވާ ރުޤްޔާގެ ސޫރަތްތަކާއި، އާޔަތްތަކާއި، ދުޢާތަކާއި، ޒިކުރުތައް ކިޔަވަން ފަށައިގަތުން. މިގޮތުން، ކިޔަވާ ހުރިހާ ތަކެއްޗެއްވެސް، ސާފުކޮށް އެނގޭނޭހެން، ބާރަށް ކިޔެވުން. މިގޮތުން ކިޔަވާއިރު، ކިޔަވާމީހާއާއި، ކިޔެވޭ މީހާގެ ސަމާލުކަން، (ކޮންސެންޓްރޭޝަން) ފުރިހަމަޔަށް، އެކިޔަވާ ރުޤްޔާއަށް ދިނުން ލާޒިމް ވެގެންވެއެވެ. އަދި، ކިޔެވޭ ތަކެއްޗަށް ސަމާލުކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުހިނގާނޭހެން، ރުޤްޔާ ކުރުމުގެ އިންތިޒާމް ހަމަޖެއްސުން މުހިންމެވެ.
  • ރުޤްޔާ ކުރެވޭ ކަމެއްގެ ގޮތުން، ކިޔަވާތަކެތި 3 ފަހަރު ނުވަތަ 7 ފަހަރު ތަކުރާކޮށް ކިޔެވުން. ހާލަތާގުޅޭ ގޮތުން، އޮނަހިރި ޢަދަދުތަކުން ތަކުރާރުކުރުން.
  • ދެއަތް މައްޗަށް އުފުލުމަށްފަހު ދެއަތްތިލަ ގޮނިކޮށް، ކިޔަވާ އާޔަތްތައް ނުވަތަ ދުޢާތައް ކިޔަވާނިމުމުން، ދެއަތްތިލަޔަށް ފުމެލުމަށްފަހު މުޅިހަށިގަނޑުގައި އުގުޅާލުން ނުވަތަ ފިރުމާލުން.
  • ތަނަކަށް ތަދުވާތީ ރުޤްޔާކުރާނަމަ، އަތްތިލަ އެތަދުވާ ތަނެއްގައި ބާއްވައިގެން ކިޔެވުމަށްފަހު، އަތްތިލަ ފޮޅާލުން.
  • ރުޤްޔާގެ އާޔަތްތައް، ފެނަށް ކިޔެވުމަށްފަހު އެއަށް ފުމެލުމަށްފަހު އެފެން ބުއިމާއި، ގައިގައި އުގުޅުމާއި އަދި ފެންވެރުމަށް ބޭނުންކުރުން. މިގޮތުން، ދިމާވެގެންއުޅޭ ކަމަކާ އެންމެ މުނާސަބު އެއްޗެއް ބޭނުންކުރުން، (ފެން ނުވަތަ ތެޔޮ ނުވަތަ އެނޫންވެސް ސުންނަތުން ސާބިތުވާ ރުޤްޔާގެ މާއްދާއެއް) މޮޅުއިތުރު ވެގެންވެއެވެ.
  • އެހެންމީހަކަށް ރުޤްޔާކުރާނަމަ، އެމީހެއްގެ ނިތްކުރީގައި އަތްތިލަ ބޭއްވުމަށްފަހު، ނުވަތަ ތަނަކަށް ތަދުވާނަމަ، އެ ތަދުވާ ތަނެއްގައި އަތްތިލަ ބޭއްވުމަށްފަހު ރުޤްޔާ ކިޔަވާފަ، އެތަނަކަށް ފުމެލުމަށްފަހު، އަތްތިލައިން އެތަނެއް ފޮޅާލުން. މިގޮތުން ރުޤްޔާކުރަނީ އަންހެނަކަށް ނަމަ، އަތްލެވޭނީ ހަމައެކަނި އެމީހާއާއި ކާވެނި ހޮޔޮނުވާ މަޙްރަމަކަށެވެ. ނުވަތަ އެ އަންހެންމީހާގެ ފިރިމީހާ އަށެވެ.
  • ބަލިވުމުގެ ސަބަބުން، ނުވަތަ ވަގުތާއި ތަނުގެގޮތުން، ތިމާއަށް އަލިއްލަޔަށް ޜުޤްޔާކުރެވޭނެ ގޮތެއް ނެތްނަމަ، އަދި ރުޤްޔާ ކޮށްދޭނެ އިތުބާރުހިފޭ އެހެން މީހަކުވެސް ނެތިއްޖެނަމަ، ރުޤްޔާގެ އާޔަތްތައް އަޑުއަހާ ލުމުންވެސް ފުދޭނެއެވެ. މިގޮތުން ތިމާގެ އަތުގައި އޮންނަ ފޯނުންވެސް އަޑުއަހާ ލެވިދާނެއެވެ. އަދި މިފަދަ ޙާލަތެއްވެސް ނެތްނަމަ، ރުޤްޔާގެ އާޔަތްތައް ހިތުން ކިޔަވާނީއެވެ. މިޙާލަތްތަކުގައި، ހިތްނިޔަތް ﷲއަށް ފުރިހަމަޔަށް ޚާލިސްކޮށްގެން، ފުރިހަމަ ކޮންސެންޓްރޭޝަނާއެކު ކިޔެވުން (ދުޢާކުރުން)، ވަރަށް މުހިންމެވެ.

މި ބަޔާންކުރެވުނު ކަންކަމާއެކު، ކީރިތި ޤުރްއާނުންނާއި، ރަސޫލުއްﷲގެ ފާނުގެ ސުންނަތުން ސާބިތުވާ ރުޤްޔާ (ދުޢާ)ތައް، އެކަމަކާ އެންމެ މުނާސަބުގޮތަށް، އަޑުހަރުކޮށް ކިޔަވަމުން ގެންގެންދާށެވެ. ތައުފީގާއި، މަދަދާއި ޝިފާ ދެއްވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން ޔަޤީންކޮށް އެކަން ތާއަބަދު ހަނދާނުގައި ބަހައްޓަވާށެވެ.

ރުޤްޔާކުރަން ފެށުމުގެ ފަހުން ފެނިދާނެ ބައެއް ޢަލާމާތް (ސިމްޕްޓަމްސް) ތައް.

ރޫޙާނީ ކަންކަމުގެ ސަބަބުންންނާއި، ޙަސަދަވެރިންގެ ޙަސަދައިގެ ސަބަބަބުންނާއި، އަދި އެސްފީނާގެ އިތުރުން، ސިހުރުވެރިންގެ ނުބައި ސިހުރުގެ ސަބަބުން ދިމާވާ ނަފްސާނީ އަދި ފިޒިކަލް (ޖިސްމާނީއުނދަގޫތަކުގެ ވޭނާއި އިޙްސާސް، ވަޒަންކުރަން އެނގޭނީ، ހަމައެކަނި އެކަންކަން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށެވެ. އެހެންކަމުން، ރުޤްޔާގެ ސަބަބުން އަންނަ ބަދަލުތައްވެސް އެނގޭނީ، އެފަދަ ފަރާތްތަކަށެވެ. ރުޤްޔާކުރަން ފެށުމާއެކު (ރުޤްޔާގެ ފުރަތަމަ ސެޝަން ނިމުމާއެކު)، ރުޤްޔާގެ ސަބަބުން އަންނަ ބަދަލުތައް، ރުޤްޔާ ކުރެވޭފަރާތަށް ފާހަގަވާން ފަށާނެއެވެ. މިފަދަ ކަންކަން އެހެންމީހުންނަށް، ފާހަގަނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިގޮތުން ފެންނަ ޢަލާމާތްތައް، ދިމާވެގެންއުޅޭ ކަމެއްގެ ގޮތާއި ބާވަތުން، މަދު ދުވަސްކޮޅަކަށް، ނުވަތަ ހަފްތާތަކަށްވެސް ދެމިގެން ހިގައިދާނެއެވެ. އެހެނަސް މާޔޫސްނުވެ، ކެތްތެރިކަމާއި، އިޚްލާޞްތެރިކަމާއި ސާބިތުކަމާއެކު ރުޤްޔާ (ދުޢާ) ކުރުންމަތީ ދެމިތިބުން އައުލާވެގެން ވެއެވެ. މިފަދަ ކަންކަމަށް އަހުލުވެރިވެ ހޭލުންތެރިވެ އަދި ސަމާލުވެ ތިބުމަށްޓަކައި، މިބަޔާންކުރަނީ، ރުޤްޔާކުރަން ފެށުމުން ފެނިދާނެކަމަށް ޖުމްހޫރު ޢިލްމުވެރިން ޤަބޫލުކުރާ ބައެއް ޢަލާމަތް (ސިމްޕްޓަމްސް) ތަކެވެ.

ނޯޓް: މިއަދުގެ މެޑިކަލް ސައިންސާއި، ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރަށް ރިޢާޔަތްކޮށް، ތިމާއަށް ދިމާވެގެންއުޅޭ އުނދަގޫތަކަށް، ކަމާގުޅޭ މެޑިކަލް ފަރުވާހޯދާ، ތިމާގެ ޙާލަތު ވަޒަން ކުރުމަށްފަހު ނޫނީ ރުޤްޔާކުރަން ފެށުމީ (ބައެއް ޙާލަތުގައި) ބުއްދިވެރި ކަމެއްކަމުގައި ނުދެކެވެ. ތިރީގައި މިލިޔާ ބައެއްކަންކަމީ ނުހަނު އަވަހަށް އިންސާނާގެ ޙާލަތު ސީރިއަސްވެ، ރަނގަޅު ވަގުތުގައި ކަމާބެހޭ ސިއްޙީފަރުވާ ނުލިބިއްޖެ ނަމަ، ފުރާނަ ސަލާމަތްކުރުން ނާދިރު ޙާލަތަކަށް ގޮސްދާނެ ފަދަ ކަންކަމަށް ވުމީ އެކަށިގެންވާ ކަންކަމެވެ.

  1. ނިދިއަންނަ ގޮތްވުން

ރުޤްޔާ ކުރަންފެށުމާއެކު ނިދިއަންގޮތް ދިމާވާކަމަށް ވެއެވެ. އަދި ބައެއްފަހަރު ބިރުގަންނަ ޒާތުގެ ހުވަފެން ފެނުން އިތުރު ވުމަކީވެސް އެކަށިގެންވާ ކަމެއްކަމުގައި ވެއެވެ. ބޯއެނބުރުމާއި، ބޮލަށް ބަރުވެފައި ހުންނަކަމުގެ އިޙްސާސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެނަސް ހާސްނުވެ ﷲއަށް ދުޢާކުރުންމަތީ ދެމިހުރުން ކޮންމެހެން ބޭނުންތެރިއެވެ.

  1. ބިރުގަނެ ހާސްވުމާއި، ގައިގައި ރިއްސުން

ރުޤްޔާކުރަން ފެށުމުން ބައެއްފަހަރު އިތުރަށް ބިރުގަންނަގޮތް ވުމާއި ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސުމާއި، މާޔޫސްކަން ގެނުވާ ކަހަލަ އިޙްސާސްތަކެއް ކުރުވާކަމަށް ވެއެވެ. އަދި ލޮޑުވުމާއި މޫޑު ގޯސްވެ، ކަންކަމާމެދު ކޮންސެންޓްރޭޓްކުރުމަށް އުނދާގޫވާ ފަދަ އިޙްސާސް ކުރުވާކަމަށްވެސް ވެއެވެ. އެހެނަސް، މިކަންކަމަކީ ރުޤްޔާ އޭގެ ދައުރު ފުރިހަމަ ކުރާކަމުގެ ޢަލާމަތްތަކެވެ. ހިތްވަރާއި ސާބިތުކަމާއެކު ރުޤްޔާ (ދުޢާ) ކުރުންމަތީ ދެމިހުންނަވާށެވެ.

  1. ހުޅުތަކުގަ އާއި ބުރަކަށީގައި ރިއްސުން

ބައެއްފަހަރު ރުޤްޔާކުރަން ފެށުމުން، ހުންއައިސް ހަށިގަނޑުގެ ހުރިހާ ހުޅުތަކުގައާއި ބުރަކަށީގައި ރިއްސާކަމުގެ އިޙްސާސް ކުރުވާކަމަށް ވެއެވެ. ޢާއްމު ގޮތެއްގައި މިފަދަ ޢަލާމާތްތައް ދެތިންދުވަހުން ރަނގަޅުވާކަމަށް ވެއެވެ. މިފަދަ އިޙްސާސެއް ވާނަމަ ފެނާ ދިޔާތަކެތި ބޭނުންކުރުން ގިނަކުރުމީ ބޭނުންތެރި ކަމެކެވެ.

  1. ގޭސްޓރިކް އުނދަގޫތައް

ރުޤްޔާކުރަން ފެށުމުން ބައެއްފަހަރު، ބަނޑުހަރުވުމާއި، ވައިލެވި، މޭ އަންދާ، ބަނޑުގައި ރިއްސުންފަދަ ކަންކަން ދިމާވާކަމަށް ވެއެވެ. މިފަދަކަމެއް ދިމާވާނަމަ، ސުންނަތުން ސާބިތުވާ ބައެއް ކާނާއާއި، ބޭސްފަދަ ތަކެތި ބޭނުންކުން މުހިންމެވެ. މިފަދަ ތަކެތީގެ ތެރޭގައި، ކަދުރާއި، މާމުޔާއި، ޒައިތޫނި ތެލާއި، ކަޅުދިރިއާއި ބާރުލީފަދަ ތަކެތި ހިމެނޭކަމަށް، ސުންނަތުން ސާބިތުވެއެވެ.

  1. ބޮލުގައި ރިއްސުން

 ރުޤްޔާކުރަން ފެށުމުން ވަރަށް ގިނަފަހަރަށް، ގަދަޔަށް ބޮލުގައި ރިއްސާ، މައިގްރޭންގެ އަސަރު ވަރަށްބޮޑަށް ކުރާކަމަށްވެއެވެ. އެހެނަސް މިކަމަކީ ވަރަށް ވޭންދެނިވި ކަމަކަށްވިޔަސް ރުޤްޔާކުރުންމަތީ ދެމިހުރުން އައުލާވެގެންވެއެވެ. އަދި ގިނައިން ފެނާއި ދިޔާތަކެތީގެ ބޭނުންކުރުން ގިނަކުރައްވާށެވެ.

  1. ބަލިމީހާގެ ޙާލަތު އިތުރަށް ގޯސްވުން

ބައެއްފަހަރު ރުޤްޔާކުރަން ފެށުމުން، ބަލިމީހާގެ ޙާލަތު އިތުރަށްގޯސްވެ ކަންތައްތައް ބޮއްސުން ލާފާނެހެން ހީވާފަދަ ޙާލަތަށް، ކަންކަން ހިނގައިދާނެ ކަމަށް ބެލެވޭ ފަހަރުވެސް އާދެއެވެ. މިފަދަ ކަންކަމަކީ ޖިންނި ޝައިޠާނުންގެ އުނދަގުލާއި، ސިޙުރުގެ ސަބަބުން ދިމާވާކަންކަމަށް ވެދާނެއެވެ. އެހެންކަމުން ރުޤްޔާކުރަން ފެށުމުގެކުރިން، ޖިންނި ޝައިޠާނުންގެ ފަރާތުން ދިމާވެދާ ކަންކަމާއި، ސިހުރާއި، ޙަސަދައާއި، އެސްފީނާފަދަ ކަންކަމުން ދިމާވެދާނެ ޢަލާމާތްތައް ދެނެގަނެ، އެކަންކަމަށް އަހުލުވެރިވެ ތައްޔާރުވެ ތިބުން ބޭނުންތެރިއެވެ. އަދި ރުޤްޔާކުރުންމަތީ ދެމިތިބުން ބޭނުންތެރިއެވެ.

  1. މެޔަށް ބާރުވުމާއި ތަދުވުން

ރުޤްޔާކުރަން ފެށުމުން ބައެއްފަހަރު، ނޭވާހާސްވެ ނޭވާލާން އުނދަދޫވާފަދަ އިޙްސާސްތައްވެސް ކުރުވައެވެ. އަދި މޭގައި ގަދައަށް ރިއްސުމާއި، މެޔަށް ބާރުވެފައި ހުންނަކަމުގެ އިޙްސާސްވެސް ކުރުވައެވެ. ބައެއްފަހަރު ހިތް އަވަސްވުމާއި ލަސްވުމުގެ އިޙްސާސްވެސް ކުރުވައެވެ. މިފަދަކަމެއް އިޙްސާސްވާން ފަށައިފިނަމަ، ހާސްނުވެ ހަމަޖެހިލެވޭތޯ ބެއްލެވުން ބޭނުންތެރިއެވެ. އަދި ސާފު ވައި ލިބޭހިސާބަކަށް ނުކުމެލުކީވެސް ރަގަޅުކަމެކެވެ. އަދި ތަންކޮޅެއް ދިގުކޮށް، ފުންކޮށް ނޭވާލުމަކީވެސް ރަގަޅު ކަމެކެވެ. އަދި ﷲ އާ ވަކީލުކޮށް ރުޤްޔާ (ދުޢާ) ކުރުންމަތީ ދެމިހުންނަވާށެވެ.

ނޯޓް: ހިތުގެ ބަލި، ހައިޕަޓެންޝަން ފަދަ ބަލިތަށް ހުންނަމީހުން ލަސްނުކޮށް ކަމާބެހޭ ޞިއްޙީފަރުވާ ހޯދުން ކޮންމެހެންވެސް ބޭނުންތެރިއެވެ.

  1. ހޮޑުލެވުމާއި ބޭރަށްހިންގުން

ރުޤްޔާކުރަން ފެށުމުން ވަރަށް ގިނަފަހަރަށް، ބޯއަނބުރާފައި ހޮޑުލެވޭގޮތް މެދުވެރި ވެއެވެ. މިކަކީ އެއްވެސް ހާލަތެއްގައި ހާސްވެ ބިރުގަންނަން ޖެހޭ ކަމެއްނޫނުވެ. އަދި ކިއެއްތަ، ހޮޑުލެވުމަކީ ފައިދާކުރަނިވި ކަމެއްކަމަށާއި، އިންސާނާއާއި އަޅައިގަނެގެން އުޅޭ ޖިންނިޝައިޠާނުންގެ ބާރު ދެރަވެ ނެތިދާ ކަމުގެ ޢަލާމާތެއް ކަމަށް ޖުމްހޫރު ޢިލްމްވެރިން ޤަބޫލުކުރައްވައެވެ.

އަދި ބައެއްފަހަރު، ރުޤްޔާކުރަން ފެށުމުން، ބޮޑުކަމުދާން ޖެހުން ގިނަވާކަމަށް ފާހަގަ ވުމަކީވެސް ރުޤްޔާ ކާމިޔާބުވާ ކަމުގެ ޢަލާމާތެއްކަމަށް ބެލެވެއެވެ. މި ދެޙާލަތުގައި (ހޮޑުލެވުމާއި، ބޮޑުކަމު ދެވުމުން) ވެސް، ހަށިގަނޑަށް ލުއިކަން އިޙްސާސްވެ، މެޔަށް ދޫވެ، ރަނގަޅަށް ނޭވާލެވި، ހާސްކަން ކުޑަވާނެތީއެވެ. އަދި މި ދެހާލަތުގައިވެސް ދިޔާތަކެތި ގިނައިން ބޭނުންކޮށް، ހައިޑްރޭޓެޑް ލެވެލްއެއްގައި ހުރުމަށް ސަމާލުކަން ދެއްވަންވާނެއެވެ.

ނޯޓް: ރުޤްޔާކުރާ މީހަކު ބަލިމީހަކަށް، ހޮޑުލެއްވުމަށް ނުވަތަ ބަނޑުދިޔާ ކުރުމުގެ ނިޔަތުގައި ނުވަތަ ބޭނުމުގައި އެއްވެސް އެއްޗެއް ދީގެން ހޮޑުލެއްވުމާއި، ބަޑުދިޔާވުމުގެ ސަބަބުން ބޮޑުކަމު ދެވޭގޮތް ވާންފަށައިފި ނަމަ، އެކަމުން ވަގުތީ ފައިދާއެއް ލިބުނަސް، މިކަންކަމަކީ އެދިމާވެގެންއުޅޭ ރޫޙާނީ އުނދަގުލުން ސަލާމަތްވެވޭ ކަމެއްކަން ދަލީލުކުރާ ކަމެއްނޫނެވެ.

ކޮންމެއަކަސް، ރުޤްޔާކުރުމަކީ ގިނަފަހަރަށް، އެހާފަސޭހަ އަދި އެހާ އަވަހަށް ކާމިޔާބުވާ ކަމަކަށްވެސް ނުވެއެވެ. އެކަމަކު، ﷲ ގެ ދީލަތި މަދަދާއި ޝިފާއަށްއެދި، ހިތްނިޔަތް ޚަލާޞްކޮށް، އެކަލާނގެއަށް ކުރާ އިތުބާރާއި ޔަޤީންކަމާއެކު ރުޤްޔާ (ދުޢާ) ކުރުންމަތީ ދެމިތިބުމަކީ، ބޭނުންތެރި ކަމެކެވެ. މިދަފަ ޙާލަތްތަކުގައި ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތް ހަނދާނަށް ގެންނަވާށެވެ. އެ އާޔަތުގައި އެއްވެސް ނަފްސަކަށް، އެނަފްސަކަށް ނުކުޅަދާނަ މިންވަރަށް އެއްވެސް ތަކުލީފެއް ނުޖައްސަވާ ކަމަށް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﷲއީ ހުރިހާކަމަކަށް ކުޅަދުންވަންތަ، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، ދީލަތިވަންތަ، އޯގާތެރި އިލާހުކަން ހަނދުމަކުރާށެވެ. އެހެންކަމުން ހަމަ އިސާހިތަކު ހުރިހާކަމެއް އެކަލާނގެ ހައްލުކުރައްވައިފާނެކަން ޤަބޫލުކުރުންމަތީ ދެމިހުންނަވާށެވެ.

ކީރިތި ޤުރްއާނުގެ އަލް އިސްރާ ސޫރަތުގެ 81 ވަނަ އާޔަތުގަ އާއި 82 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًۭا (81) މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤުތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލްގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައި ވިއެވެ.”

މިއާޔަތުން، ޙައްޤުނޫން އެއްވެސްކަމެއް، މާގިނަދުވަހަކު ނުހުންނާނެކަން އެނގެއެވެ. އެހެންކަމުން، ބާޠިލްގޮތުގައި ހަދާ ސިޙުރާއި، ޙަސަދަވެރިންގެ ޙަސަދައަކީވެސް ވަގުތީ ކަންކަމެވެ. ދާއިމަށް ދެމިވޮޑިގެންވަނީ ﷲ ސުބްހާނަހޫ ވަތަޢާލާއެވެ. އަދި އެކަލާނގެ ޙައްޤު ކަލާމްފުޅުތައް ކަމުގައިވާ ކީރިތި ޤުރްއާނަކީ އީމާންވި މުޢުމިނުންނަށް، ހުރިހާކަމެއްގެ ޝިފާކަމުގައި ލައްވައި، އަނިޔާވެރިވި ކާފަރުންނަށް ގެއްލުމާއި ހަލާކެއް ކަމުގައި މެނުވީ އެ ޤުރްއާން ނުވާކަން، އަލް އިސްރާ ސޫރަތުގެ 82 ވަނަ އާޔަތުން ސާފުކޮށް އެނގެއެވެ.

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌۭ وَرَحْمَةٌۭ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًۭا (82). މާނައީ: “ތިމަންރަސްކަލާނގެ ޤުރްއާނުން މުއްމިނުންނަށް ރަޙްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެޤުރްއާނުން އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ.”

———————

މިހާތަނަށް ރުޤްޔާ ކުރުމަށް ބޭނުންވާ މައިގަނޑު ހުރިހާކަމެއް (ޤުރްއާނުން ސާބިތުވާ ރުޤްޔާގެ ސޫރަތްތަކާއި، އާޔަތްތަކާއި، ސުންނަތުން ސާބިތުވާ ރުޤްޔާގެ ދުޢާތަކާއި ޒިކުރުތައް ނުހިމަނައި)، ލިޔެ ނިމުނީއެވެ. ދެން ލިޔާ ލިޔުންތަކުގައި، ސިހުރުގެ ޢަލާމާތްތަކާއި، ޙަސަދަވެރިކަމާއި، އެސްފީންނާގެ ޢަލާމާތްތަކަކީ (ސިމްޕްޓަމްސް ތަކަކީ)، ދާދި އެއްކަހަލަ ޢަލާމާތްތަކެއް ނަމަވެސް، އެކިކަންކަމަށް ކުރަންޖެހޭ ރުޤްޔާގައި ކޮންމެވެސް ވަރެއްގެ ތަފާތުކަމެއް ހުންނާތީ، އެކަންކަމުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލުމަށްފަހު، ރުޤްޔާގެ ދުޢާތަކުގެ ކޮންމެވެސް މިންވަރެއް، ﷲގެ ވާގިފުޅާއެކު، ގެނެސްދެވޭތޯ ބަލާނަމެވެ. وما توفيقي الا بالله  

 

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ހާރިސް މުޙައްމަދު
މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
މީގެ އިތުރުން ރޫހާނީ އަދި ސުޕަނެޗްރަލް ދާއިރާއަކީ އޭނާ ދިރާސާކުރައްވަމުން ގެންދަވާ ދާއިރާއެއް