ރާއްޖޭގައި ދިރިއުޅޭ ލޯފަންކުދިން އިސްނަގައިގެން ހިންގާ ޖަމުއިއްޔާއެއް ކަމުގައިވާ (ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް)ގެ އަހަރީ ކޭމްޕް ފަށައިފިއެވެ. މިކޭމްޕް ފަށާފައިވަނީ މިމަހު 26ވަނަ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށް ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކުން ކަމަށް އެޖަމުއިއްޔާގެ މީޑިއާ ކޯޑިނޭޓަރ ޝާހިން މުހައްމަދު ވިދާޅުވެފައިވެއެވެ.

2016ގެ އަހަރީ ކޭމްޕަށް ފަހު މާލެއިން ބޭރުގައި އަހަރީ ކޭމްޕް ބާއްވާ މިއީ ފުރަތަމަ އަހަރުކަމަށް ވެސް ޝާހިން ވިދާޅުވެފައިވެއެވެ. މިއަހަރުގެ އަހަރީ ކޭމްޕްގައި ލޭހަދިޔާ ކުރުމަށްފަހު، މެންދުރުފަހު ކޭމްޕްގެ ބައިވެރިން ވަނީ އއ. އުކުޅަހަށް ދަތުރުކޮށްފައެވެ. އުކުޅަހުން މިކޭމްޕްގެ ބައިވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ. މިއަހަރުގެ އަހަރީ ކޭމްޕް ކުރިއަށްދާނީ އެހެން އަހަރުތަކާއި ވަރަށް ބޮޑަށް ތަފާތުކޮށް ކަމަށް ވެސް ޝާހިން ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުމެން މިފަހަރު މިއަތޮޅުގެ ތިން ރަށަކަށް އެބަ ދަތުރުކުރަން، މިފަހަރު ބޮޑަށް މިބަލަނީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެވޭތޯ، ކޮންމެ ރަށެއްގެ ވެސް މުއައްސަސާތަކަށް އަމާޒުކޮށްގެން މި ސެޝަންތައް ކުރިއަށް ގެންދާނީ.” މުނިއަވަސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ޝާހިން ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ އަހަރީ ކޭމްޕްގައި 20 ކުދިން ބައިވެރިފައި ވާއިރު މިއަހަރުގެ ކޭމްޕްގައި ބައިވެރިވަނީ 13 ކުދިންނެވެ. މިދިޔަ އަހަރުގެ ކޭމްޕް ބާއްވާފައިވަނީ ހުޅުމާލޭގައެވެ. މިކޭމްޕްގައި ލީޑަރޝިޕް ޓްރެއިން ޕްރޮގްރާމްއަކާއި ލައިފް ސްކިލް ސެޝަންއަކާއި ޑިޒަރސްޓަރ މެނޭޖްމެންޓުގެ ސެޝަނެއްގެ އިތުރުން ފަރސްޓް އެއިޑް ޓްރެއިނިންގް ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ކޭމްޕު 2022 – ފޮޓޯ: ބީވީއައިއެސްއެމް

މިއަހަރުގެ ކޭމްޕްގެ ބައިވެރިން މިއަދު އއ. މަތިވެރިއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 28 ނޮވެމްބަރުގައި އއ. ބޮޑުފޮޅުދޫގައި މަޢުލޫމާތުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް އެރަށަށް ދަތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޝާހިން ވިދާޅުވީ 29ވަނަ ދުވަހު އުކުޅަހުގައި ފަންޑް ރެއިސިންގް އިވެންޓެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުގައި މުނިއަވަސްގެ ސީ.އީ.އޯ އަޙްމަދު ރަޝީދު (އަންނާރޭ) އަންނަނީ އެކުދިންނާއި އެކުގައި ބައިވެރިވަމުންނެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ކޭމްޕު 2022 – ފޮޓޯ: ބީވީއައިއެސްއެމް

ލިޔުންތެރިޔާގެ ފުރަމަލަ

ރީޝަމް ޢަލީ
ރީޝަމް އަކީ މުނިއަވަސް އޮންލައިންގެ ޚަބަރުލިޔުންތެރިއެއްގެ އިތުރުން މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމު ހުށައެޅުންތެރިއެކެވެ.