‘ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ގަވާއިދު’ ގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް ގިންތި ކުރުމަށް ‘ގިންތި ޢާއިލާ’ ގެ ނަމުގައި ‘ކާޓޫނު ކެރެކްޓަރ’ ތަކެއް ހިމެނޭ އާއިލާ އެއް ތަަޢާރަފުކޮށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކެމްޕޭނެއް ފަށައިފި އެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މަހްދީ އަޙްމަދު މިއަދު ވިދާޅުވީ މިއީ ކްލެސިފިކޭޝަން އަށް ޢާއްމުން އަހުލުވެރިކުރުވުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ. “މިއީ އުމުރުފުރާ ކަަނޑައެޅުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުވުމަށް ހިންގާ ކެމްޕޭނެއް.”

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މިއަދު ވަނީ ‘ގިންތި އާއިލާ’ ގެ ނަމުގަައި އެއް ޕޯސްޓަރު އާއްމުކޮށްފަ އެވެ. މަހްދީ ވިދާޅުވީ މި ކެމްޕޭނުގެ ދަށުން ހަތަރު ޕޯސްޓަރާއި ތިން ވީޑިއޯ ސްޕޮޓް ނެރުމަށް ހަމަޖެހިފައިވާކަަމަށެވެ. އެގޮތުން މިއަދު އާއްމުކޮށްފައި މިވަނީ ފުރަތަމަ ޕޯސްޓަރު ކަމަށްވެސް މަހުދީ ވިދާޅުވި އެވެ.

ފަންނުވެރި އުފެއްދުން ދިވެހިރާއްޖޭގައި ދަރަޖަކުރަން ވަަނީ 7 (ހަތެއް) އުމުރުފުރައަކަށް ބަހާލެވިފަ އެވެ.  އެއިން ކޮންމެ އުމުރުފުރައަކަށް ވަކިކުލައެއް ދީފަައިވެއެވެ.

(ހ) ހުރިހާ އުމުރުފުރައަކަށް ހުއްދަނަމަ، G އަކުރާއެކު މަޑު ފެހިކުލަ.

(ށ) ބެލެނިވެރިންގެ އިރުށާދާއެކު ބޭނުންކުރުމަށް ކަމުދާ އުފެއްދުންތަކަށް – PG  އަކުރާއެކު ގަދަ ފެހިކުލަ

(ނ) ބާރަ އަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +12 އާއެކު މަޑުނޫކުލަ

(ރ) ފަނަރައަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +15 އާއެކު ރީނދޫކުލަ

(ބ) އަށާރަ އަހަރުން މައްޗަށް ކަމުދާ އުފެއްދުންތަކަށް – +18 އާއެކު މަޑު ރަތްކުލަ

(ޅ) އަށާރަ އަހަރުން މަތީގެ މީހުންނަށް އިންޒާރުގެ މެސެޖާއެކު ކަމުދާ އުފެއްދުންތަކަށް 18+R އާއެކު ގަދަ ރަތްކުލަ.

(ކ) ހަމައެކަނި ފަންނީ ބޭނުންތަކަށް ހުއްދަ އުފެއްދުންތަކަށް – PU އާއެކު ކަޅުކުލަ

އެންބީސީ އިން ނެރެފަައިވާ ޕޯސްޓަރު – ފޮޓޯ: އެންބީސީ ފޭސްބްކް ޕޭޖް

އެމްބީސީން ޖެނުއަރީ 08 ގައި ނެރެފަައިވާ ނޫސްބަޔާނެއްގަައި ވަނީ ގިންތި ނުކޮށް އުފެއްދުންތައް އާއްމު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެ ނޫސްބަޔާނުގައި ބުނީ ‘ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ގަވާއިދު’ ގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމެއް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކްލެސިފައިނުކޮށް އާންމު ކުރުމަކީ މަނާކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ ނުވަތަ ރާއްޖެ އެތެރެކުރާ ފަންނުވެރި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފިލްމާއި، ޑޮކިއުމެންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިޝްތިހާރު، ފިލްމު، އަދަބިއްޔާތު، ރިކޯޑް ކޮށްފައި ހުންނަ ވީޑިއޯ އަދި އަޑުގެ އިތުރުން ކޮމްޕިއުޓާ ކޮންސޯލް ގޭމްސް އަކީ ވެސް ވަކި ގިންތިއެއް ކަނޑައަޅަން ޖެހޭ އުފެއްދުންތަކެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.