ފިލްމީ އަދި މިއުޒިކީ ފަންނާނުން އުފައްދާ ނެރެމުން އަންނަ އުފެއްދުންތައް ރިލީޒްކުރަނީ ރާއްޖޭގެ ކޮން އޯޓީޓީ މަންސައެއްގައިތޯ މުނިއަވަސް އިން އެއްވެސް އިރަކު ނުބަލައެވެ. އަބަދުވެެސް ބަލަމުން ދިޔައީ ފިލްމީ އަދި މިއުޒިކީ ޚަބަރެއް ނަމަ، ރާއްޖޭގެ އެހެން މީޑިއާއަކުން ގެނައުމުގެ ކުރިން މުނިއަވަސްއިން ގެނެސްދިނުމަށެވެ. ނަމަވެސް މިދިޔަ މަހުގެ 15 އިން ފެށިގެން މުނިއަވަސް އިން ވަނީ ރާއްޖޭގެ އޯޓީޓީ މަންސަތަކުގައި ރިލީޒްކުރާ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުން ހުއްޓާލާފައެވެ.

މުނިއަވަސްގެ މެނޭޖްމެންޓުން މި ނިންމުން ނިންމީ މުނިއަވަސް ޓީމު އެންމެހާ މެންބަރުންގެ ހިތާ ދެކޮޅަށެވެ. ރާއްޖޭގެ ފަންނާނުން ކުރާ މަސައްކަތްތައް އެންމެ ސައްޙަކޮށް، އެންމެ އަވަހަށް ގެނެސްދެމުން އަންނަ މި އޮންލައިން އިން ހިލޭސާބަހަށް ފަސްވަރަކަށް އަހަރު ރާއްޖޭގެ އޯޓީޓީ މަންސަތަކުން ނެރޭ އުފެއްދުންތައް ޕްރޮމޯޓްކޮށްދިނުމުގައި ހަރަކާތްތެރިވީ އެއްވެސް މާލީ މަންފާއެއް ނުލިބޭ ހާލުގައެވެ. ދާއިރާގެ ކުރިއެރުމަށް އޮތް ލޯތްބަކާއި ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.

އޯޓީޓީ މަންސަކުގައި ރިލީޒްކުރާ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުމަށް އޮތް ވަރުގަދަ ޝައުޤުވެރިކަން މުނިއަވަސް ޓީމު މެންބަރުންގެ ފަރާތުން ފަނޑުވާން ފެށީ މުނިއަވަސް އަށް ސްޕޮންްސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި އެއްވެސްކަހަލަ އަލިމަގެއް ފެނިފައިނުވުމުންނެވެ. އެހެން ނަމަވެސް މުނިއަވަސް ޓީމުގައި ހިމެނޭ މެންބަރުން އަމިއްލަ ޝައުޤުގައި މުޅީން ހިލޭ ސާބަހަކަށް މަސައްކަތްކުރުމުގައި އެއްވެސް ދެގޮތެއް ނުވެ މިއަދާއި ހަމައަށްވެސް ތިބިކަންވެސް ފާހަގަކޮށްލަމެވެ.

މި ދެންނެވި ސަބަބުގެ އިތުރުން، ރާއްޖޭގެ ފިލްމީ އަދި މިއުޒިކީ ދާއިރާގެ ފަންނާނުންނާއި އެ ފަންނާނުންގެ މަސައްކަތަކުގެ ބެލެނިވެރި ފަރާތާއެކު މުނިއަވަސް އިން ދެ ބައްދަލުވުމެއް ބާއްވައި މުނިއަވަސްއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ދެންނެވިފައިވާނެ އެވެ. ނަމަވެސް މި ދެންނެވި ބެލެނިވެރި ފަރާތް، ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިންވެސް މުނިއަވަސްއަކީ އެހާ މުހިންމު ޚިދުމަތެއްދެމުން އަންނަ އޮންލައިންއެއްކަން ބަލައިނުގަންނަކަންވެސް އަޅުގަނޑުމެންނަށް ފާހަގަވެފައިވެއެވެ.

ފިލްމީ އަދި މިއުޒިކީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުން މުނިއަވަސް ބަލައިގަނެ، މުނިއަވަސްއަށް ދޭ އަހަންމިއްޔަތުކަމާއި އެހީތެރިކަން އޮތް ނަމަވެސް، ދާއިރާ ތެރެއިން މުނިއަވަސްގެ މަސައްކަތްްތައް ބަލައިނުގަންނަ، މަދު އަދަދެއްގެ ފަންނާނުން އަދިވެސް ތިއްބެވިކަން މިއީވެސް މުނިއަވަސް އަށް ފާހަގަކުރެވިފައިވާ ކަމެއްކަންވެސް މިވަގުތު ހިއްސާކޮށްލަމެވެ. ނަމަވެސް މުނިއަވަސް އިން ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުމުގައި ވަކި ފަންނާނަކަށް ނުވަތަ ފަންނާނުންނަކަށް ނުވަތަ ޕްރޮޑަކްޝަން ހައުސްއަކަށް ބެލުމެއް ނެތި ޚަބަރުގެނެސްދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން މިއީވެސް ފާހަގަކޮށްލާ ކަމެކެވެ. އެ ދުވަސްވަރެއްގައި ކުރިއަށްދާ ޕްރޮޑަކްޝަނެއްގެ ޚަބަރުތައް ގިނައިން ގެނެސްދެވުމަކީ އެއީ މިކަމުގެ ޠަބީޢީ ކަމެކެވެ.

މުނިއަވަސް އިން މި ނިންމުން ނިންމާާފައި ވިޔަސް، އޯޓީޓީ މަންސަތަކުގައި ރިލީޒްކުރާ އުފެއްދުންތައްވެސް، މުނިއަވަސްގެ އެޑްވަޓޯރިއަލް އާޓިކަލް ލިޔެދޭ ސިޔާސަތުގެ ދަށުން، އެކަމަށް ކަނޑައަޅާފައިވާ އަގުތަކުގައި އާޓިކަލް ލިޔެދިނުމަށް ހަމަޖެހިފައިވެއެވެ. އެޑްވަޓޯރިއަލް ސިޔާސަތު މި ލިންކުން ޑައުންލޯޑްކޮށްލެވޭނެ އެވެ.

މީގެ އިތުރުން ސިނަމާތަކުގައި އަޅުވަން ހަދާ ފިލްމުތައް ޕްރޮމޯޓްކޮށްދިނުމަށް މުނިއަވަސް އިން މީގެ ކުރިންވެސް މަސައްކަތްކުރަމުން އަންނަ ގޮތަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރާނެކަން ފާހަގަކޮށްލަމެވެ. ހަމަ އެހެންމެ މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރުމަށް އެއްބަސްވެފައިވާ ފިލްމުތައް ޕްރޮމޯޓްކުުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހުއްޓައިނުލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ފުރުޞަތުގައިވެސް ރާއްޖޭގެ ފިލްމީ އަދި މިއުޒިކީ ދާއިރާގެ ފަންނާނުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ޝުކުރުވެރިކަމާއެކު މުނިއަވަސް ޓީމުން ފާހަގަކުރާކަން ތަކުރާރުކޮށްލަމެވެ.

މުނިއަވަސް އިން، ފިލްމީ އަދި މިއުޒިކީ ޚަބަރުތަކާއި ހަރަކާތްތައް ޕްރޮމޯޓްކުރުމަށް 2021ވަނަ އަހަރު ޖޫން މަހު 23 ން ފެށިގެން “މުނިއަވަސް ކްލަބްހައުސް”ގައި ކުރިއަށްގެންދާ ކާމިޔާބު، ޒަމާނީ ޕޮޓްކާސްޓިން ޝޯތައް އަޑުއެހުމަށް ރަނގަޅު އޯޑިއަންސެއް އޮންނައިރު، “މުނިއަވަސް ކްލަބްހައުސް” ފޮލޯކުރާ 5000 އަށް ވުރެން ގިނަ މެންބަރުން ތިބިކަން ފާހަގަކޮށްލަމެވެ.

މިވަގުތު މުނިއަވަސް އޮންލައިންގެ މެނޭޖްމެންޓްގެ ވިސްނުން ހުރީ އޮންލައިން ނޫހުގެ އިތުރުން “މުނިއަވަސް ކްލަބްހައުސް” މެދުވެރިކޮށް މުނިއަވަސްގެ މައިގަނޑު ހަރަކާާތްތައް ކުރިއަށްގެންދިއުންކަންވެސް މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.