އެއްވެސް ޝައްކެއް ނެތް ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ފުޓްބޯޅަކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ފުރެތިކާލުގެ (ޕޯޗުގީޒްގެ) ޕްރޮފެޝަނަލް ކުޅުންތެރިއެކެވެ.

05 ފެބްރުއަރީ 1985 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ އުފަންވީ ފުރެތިކާލުގެ މަޑެއިރާގެ ފުންޗަލް އަވަށުގައެވެ. އޭނާ އުޅެ ބޮޑުވީ ފުންޗަލް އާ ކައިރީގައި އޮންނަ ސަންޓޯސް އެންޓޯނިއޯ އަވަށުގައި އޭނާއާ އެއްބަޑުއެއްބަފާ ހަތަރުކުދިންނާ އެކުގައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ އަކީ މަރިއާ ޑޮލޯރެސް ޑޮސް ސަންޓޯސް ވިވެއިރޯސް ޑި އަވެއިރޯ އެވެ. އޭނާއަކީ ކައްކާމީހެއްގެ ވަޒީފާ އަދާކުރި މީހެކެވެ. ރޮނާލްޑޯގެ ބައްޕައަކީ ޖޯސް ޑިނިސް އަވެއިރޯ އެވެ. އޭނާއަކީ މާވިއްކާ މީހެއްގެ އިތުރުން ކުޅިވަރުގެ ސާމާނުތައް ބަލަހައްޓާ މީހެކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅަ ކުޅެން ފެށީ ވަރަށް ހަގު އުމުރެއްގައެވެ. ކުލަބަކަށް ފުރަތަމަ ކުޅެން ފެށީ އުމުރުން އެންމެ 16 އަހަރުގައެވެ. އޭގެ ފަހުން އޭނާ އެކިއެކި ޓީމުތަކަށް ކުޅެމުން އަންނައިރު މިހާރު އޭނާއަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ރޮނާލްޑޯގެ ވަނަވަރުން މަޢުލޫމާތުކޮޅެއް މި ހިއްސާކޮށްލީ ކުރިއަށް އޮތް ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން، ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން ހުރީތީވެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަދިވެސް އޭނާގެ މަންމައާއެކު ދިރިއުޅެނީ ކީއްވެ؟

މިއަދު ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މުއްސަނދި މަހުޖަނެކެވެ. ގެއާއި މުދަލުގެ އިންތިހާ އޮތް މުދާވެރިއެކެވެ. ނަމަވެސް، މިއަދުވެސް ރޮނާލްޑޯ ދިރިއުޅެމުން ގެންދަނީ އޭނާގެ މަންމައާއެކު އެއް ގެއެއްގައެވެ. މިއީ ވަރަށް ގިނަ ބަޔަކު އެކަމާމެދު ސުވާލުއުފައްދާ ކަމެކެވެ. އެހާ މުއްސަނދިއިރު، ވަކީން ގެއެއްގައި ނޫޅެނީ ކީއްވެގެންތޯއާ މަންމައަށް ވަކީން ގެއެއްގައި ދިރިއުޅޭނެ އިންތިޒާމު ހަމަޖައްސައިދީފައި ނުވަނީ ކީއްވެގެންތޯ އެތައްބައެއްގެ ހިތަށް އަރާނެއެވެ.

ދާދިފަހުން ކްރިޓިސްޓިއާނޯ ރޮނާލްޑޯއާ ކުރެވުނު އިންޓަވިއުއެއްގައި ނޫސްވެރިއަކު މި ސުވާލުކުރިއެވެ. ރޮނާލްޑޯ ދިން ޖަވާބު ވެފައިވަނީ މީހުންގެ ހިތުގައި ބިންވަޅުނެގޭ ފަދަ ދިލްކަޝް ޖަވާބަކަށެވެ.

ރޮނާލްޑޯ ބުނާގޮތުން، އޭނާއަށް މިއަދު ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ އަސްލު ހައްޤުވެރިއަކީ އޭނާގެ މަންމައެވެ. މިއަދު އޭނާހުރި މަޤާމަށް ގެނައުމަށްޓަކައި އޭނާގެ މަންމަަ ވީ ޤުރުބާނީތަކަކީ އަގުނުކުރެވޭ ފަދަ ޤުރުބާނީ ތަކެއްކަމަށްވެސް ބުންޏެވެ.

މަންމަ އަހަރެން ތަރުބިއްޔަތުކުރީ އަހަރެންނަށްޓަކައި އޭނާގެ ފުރާނަ ޤުރުބާންކޮށްގެން. އަހަންނަށް ކާންދީފަ މަންމަ ހައިބަނޑާ އޮވެ ނިދާ. އޭރު އަހަރެމެންގެ އަތުގައި ފައިސާއެއް ނެތް. އަހަރެންގެ ފުރަތަމަ ބޫޓު ގަތުމަށްޓަކައި ހަފްތާގެ 7 ދުވަހު ރޭގަނޑާއި ދުވާލު ނޯކަރެއްގެ ގޮތުގައި ގޭގޭގައި މަންމަ މަސައްކަތް ކުރި. އެއީ އަހަރެން ހުނަރުވެރި މޮޅު ކުޅުންތެރިއަކަށް ވޭތޯ. އަހަރެންގެ ހުރިހާ ކާމިޔާބީއެއް ޚާއްޞަވެފައިވަނީ އަހަރެންގެ މަންމައަށް. މަންމަ ދުނިޔޭގައި ހުރިހައި ހިނދަކު އަބަދުވެސް މަންމަ ހުންނާނީ އަހަރެންގެ ގާތުގައި. އެކަމަނާއަކީ އަހަންނަށް ލިބިފައިވާ އެންމެ އަގުބޮޑު ތަރިކަ އަދި އެންމެ އަގުބޮޑު ހަދިޔާ، ކްރިސްޓިއާނޯ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ވިސްނާލާށެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މަހުޖަނެކެވެ. އޭނާއަށް މުދަލާ ޖާހަތާ އިއްޒަތްތެރިކަން ލިބުނަސް އޭނާގެ މަންމަ ދޫކޮށެއްނުލައެވެ. މިއީވެސް “މަންމަ” ވާހަކައެކެވެ. އަހަަރުމެން ދިވެހީން ދަންނަ މަރުހޫމު ސައިކުރާ ނަޢީމްގެ “މަންމަ” ވާހަކައަކީވެސް މަންމައެއްގެ ދެލޮލުގެ ކޮއެ ފަދައިން ގެންގުޅެ ބޮޑުކުރި ދަރިއަކު އޭނާގެ މަންމައާމެދު ކަންތައްކުރި އިހާނެތި ގޮތުގެ ވާހަކަތައް ކިޔައިދޭ އަސަރުގަ ވާހަކައެކެވެ. ރޮނާލްޑޯގެ ސަޕޯޓަރުންނާއި އަދި ސަޕޯޓަރުން ނޫނަސް ރޮނާލްޑޯގެ މި ރިވެތި އަޚްލާޤަކީވެސް މިސާލަކަށް ބަލަންޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.