ޑާކްރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު “ބީވީމާ“ އޮލިމްޕަސް ސިނަމާގައި އަޅުވާނެ ތާރީޚު އިޢުލާނުކޮށްފިއެވެ. މަޝްހޫރު ސްކްރީން ރައިޓަރ އަހްމަދް ޒަރީރް ލިޔެ ޑައިރެކްޓްކޮށްފައިވާ އޭނާގެ ފުރަތަމަ ފީޗާ ފިލްމު “ބީވީމާ“ ދައްކަން ފަށާނީ 06 ފެބްރުއަރީ 2023ގައެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަދު ބުނީ ފިލްމުގެ ރަސްމީ ޕޯސްޓަރު މިމަހު 26ގައި ނެރޭނެ ކަމަށާ ޓްރެއިލާ ނެރޭނީ 02 ޖެނުއަރީ 2022ގައި ކަމަށެވެ.

ފިލްމު “ބީވީމާ“ ދައްކަން ފަށާނެ ތާރީޚު އިޢުލާނުކޮށްފައި މިވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މިއަދުން (15 ޑިސެމްބަރު 2022ން) ފެށިގެން އެޑްވާންސް ބުކިންގް އަށް ސަރުކާރުން ފުރުޞަތުހުޅުވާލުމާ ގުޅިގެންނެވެ.

ފިލްމު “ބީވީމާ“ގެ ލީޑްގައި ހަރަކާތްތެރިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި މަރްޔަމް އަޝްފާގެ އިތުރުން އެމީހުންގެ މަދަރުސީ ދައުރު ދައްކައިދިނުމަށް ހިމަނާފައިވާ ޒުވާން ދެ ތަރިން ކަމަށްވާ އާދަމް ޒިދާން (ނާނަ) އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) ބުނި ގޮތުގައި ފިލްމު “ބީވީމާ“އަކީ މީހުން ގަޔާވާ ފަދަ ފިލްމަކަށް ވާނެ އެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން މި ފިލްމު ސިފަކުރަނީ މިއީ އެ ޕްރޮޑަކްޝަން ހައުސް އިން މިހައިތަނަށް އުފެއްދި އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައެވެ. އެގޮތުން މިއީ ވަރަށް އިމޯޝަނަލް އަދި މިސްޓީރިއަސް ފިލްމަކަށް ވެގެންދާނެ ކަން ފާހަގަކުރަމުން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ މި ފިލްމު ވެގެން ދާނީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ރީތި އެއްފިލްމަށް ކަމަށެވެ.

ފިލްމު ”ބީވީމާ“ ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހެދީ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދާފައިވަނީ ޙުސައިން ތަޢުފީޤް އެވެ. ކޮސްޓިއުމް ޑިޒައިނިންގ އާއި މޭކަޕް ހެދީ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

ފިލްމު ”ބީވީމާ“ އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އޮލިމްޕަސް ހުޅުވާނެ ތާރީޚަކަށް ފިލްމު އުފެއްދުންތެރިން އިންތިޒާރުކުރަމުން އަންނަ އިރު، ސަރުކާރުން ބުނެފައިވަނީ 16 ޑިސެމްބަރު 2022ގައި އޮލިމްޕަސް ހުޅުވާނެ ކަމަށެވެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.