މި ދެތިން ދުވަހު ކޮންމެ ސޯޝަލް މީޑިއާއެއްގެ ފީޑަކަށް ބަލާލި ނަމަވެސް ފެންނަނީ އެއް ވާހަކަ އެކެވެ. އެކި އެކި ސުރުޚީގައި ނަމަވެސް ހަމަ އެއް ވާހަކަ ތަކެެކެވެ. އެކަން އެނގި ހުރެ ނަމަވެސް ހަމަ ކޮންމެ ލިންކަކަށް ވަދެ ތަކުރާރުކޮށް އެ ވާހަކަތައް ކިޔެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ ލިޔެފައިވާ ވާހަކަތަކުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
އާނއެކެވެ. ތި ހީކުރެވުނީ ރަނގަޅަށެވެ. މި ދައްކަނީ ދާދި ފަހުން މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވުނު ހދ. ނޮޅިވަރަމް ނިޝާމާގެ ވާހަކައެވެ. ސުރުޚީން ފެށިގެން ޚަބަރުން އަޑު އިވުނު ކޮންމެ ބަހަކީ ހިތުގައި ހިތާމައިގެ ގިސްލެވުމެއް ގެނެވުނު ބަހެކެވެ. އަހަންނަށް އެކަންޏެއް ނޫނެވެ. އެތައް ބަޔަކަށް މިކަމުން އަސަރުކޮށް ޖަހާފައިވާ ސުޓޭޓަސްތައް ދުށީމެވެ. އެކަމަކު އަހަރެންގެ ހިތަށް މިއަރަނީ މި އަސަރު ދެމިގެން ދާނީ ކިތައް ދުވަސް ވަންދެންބާވައެވެ. މިކަމާ ދެކޮޅަށް އަޑު އުފުލާ އިންސާފަށް އެދި ގޮވާނީ ކިހާ ދުވަހަކު ބާވައެވެ.
މި ދިވެހި ރާއްޖޭގައި މިކަން މި ހިނގީ އަލަކަށް ނޫނެވެ. ގެވެށިއަނިޔާގެ ޝިކާރައަކަށްވެ އެތައް ވޭނެއް ތަޙައްމަލުކޮށް މި ފަނާވަނިވި ދުނިޔެއާއި ވަކިވެ ދިޔަ އެތައް ފުރާނައެއް މި ދިވެހި ފަސްދަޮށުގައިވެސް އެބަވެއެވެ. އެމީހުން މަތިން ހަނދާން ހުރީ މިހާރު ކިތައްމީހުން ބާވައެވެ. ހަނދާން ނުކުރާތާ އޭގެން މީހެއްގެ މަރުގެ އަސްލު ހޯދާ އިންސާފުވެސް ހޯދިފައި ނުވެއެވެ. މިވާހަކަ މިހެން ދައްކާލަން ވެސް މި އެނގެނީ މިގޮތަށް އިތުރު ފުރާނައެއް ވަކިވެ ދިއުމުން އެންމެ ދެތިން ދުވަހުއެވެ. މި ކަމާ އަހަރުމެން ލަދުގަންނަން ނުޖެހޭބާއެވެ؟
މި ކަހަލަ އެތައް އަނިޔާއެއްގެ ޝިކާރައަކަށްވެ ދުނިޔެ އަޅާ ދިއަކަން އެނގުމުން އާއިލާއާއި އަވަށްޓެރިން އަދި ދެންވެސް ދަންނަ އެންމެން އެއީ އެ ފަކީރު އަބަދުވެސް އުޅޭ ހާލޭ، އެ އަނިޔާތައް އަބަދުވެސް ލިބެޔޭ ބުނެލާއިރު ހަމަ ލަދު ނުގަނޭ ބާއޭ އަހަރެންގެ ހިތަށް އަރައެވެ. މިއަދު އެފުރާނަ އެފަދަ ވޭންދެނިވި ގޮތަކަށް ވަކިވެ ދިޔަ ދިޔުމުގެ ޒިންމާ މިކަން ހިނގާކަން އެނގިހުރެ އަޅާނުލާ ބީރުކަންފަތްދީގެން ތިބި އެންމެން އުފުލަން ނުޖެހޭނެބާވައެވެ؟
އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް މިކަހަލަ އެތައް އަޑެއް އިވެމުންދެއެވެ. އެހެންނަމަވެސް އެއީ އެބައެއްގެ ޒާތީ ކަމެކޭ ނޫނީ ތިމަންނައާ ބެހޭކަމެއް ނޫނޭ ކިޔާ އެކަމަށް ދެނީ ބީރުކަންފަތެކެވެ. އަދި ބައެއްފަހަރު ޚުދު ތިމާއަކީ ވެސް މަދުންނަމަވެސް އެފަދަ ކަންކަން ކުރާ މީހަކަށް ވާތީ ބޭޒާރުވެދާނެ ކަމުގެ ބިރަށްޓަކައިވެސް އެކަންކަމަށް ބީރު ކަންފަތްދޭ މީހުން މަދެއް ނޫނެވެ. އަމިއްލަ ބޮލަށް ފަސޭހަ ކޮށްލުމަށްޓަކައި އަމިއްލަ ފައިދާއަށްޓަކައި، ފުރާނައެއް މަރަށް ތެޅޭއިރު އަޅާވެސް ނުލައެވެ. ހެޔޮވާނެ ހެއްޔެވެ؟ ހިތުގައި ރަޙުމެއްގެ ކަންފުޅެއްވެސް ހަމަ ނެތީތޯއެވެ؟
އަހަރުމެން ހިތާމަ ކުރަންޖެހޭ ކަމަކީ މި ދިވެހިރާއްޖޭގައި ގެވެށި އަނިޔާކަން އިޙުސާސްވާއިރު ވަގުތު ފާއިތުވެފައި އޮންނާތީއެވެ. ޒުވާބުކޮށް ގައިގައި އަތްލާ ނަފްސާނީ ގޮތުން އެތައް ފިއްތުންތަކެއް ފިއްތުމަކީވެސް ހަމަ ގެވެށިއަނިޔާއެވެ. އެފަދަ އެންމެ އަނިޔާއެއްގެ ސަބަބުން އޭގެ އަސަރު އެތައް ބަޔަކަށް ކުރެއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ގެއެއްގެ ތެރޭގައި އަންބަކަށް އެ އަނިޔާ ލިބެމުން ދާއިރު އޭނަގެ މުސްކުޅި މައިންބަފައިން ހިތުގައި އަޅާނެ ވޭން އިޙުސާސް ކުރެވޭ ހެއްޔެވެ؟ ތިބި ހާލަތާއި އެ އަނިޔާދޭ މީހާއާއި ކުރިމަތިލާން ނުކެރި، އަމިއްލަ ދަރީގެ ގައިގައި އެއަޅާ ވޭން އިހުސާސް ކުރާ ކިތައް މީހުން ތިބޭނެބާއެވެ؟ ކުޑަކުޑަ ކުދިން ކުރިމަތީ އެބުނެލާ ބަސްތަކާ ކޮށްލާ އަނިޔާގެ ސަބަބުން އެކުދިން ކިހާ ބިރުގަންނާނެތޯއެވެ؟ އެކުދިންގެ މުޅި މުސްތަޤުބަލަށް އެކަމުގެ ސަބަބުން އަސަރު ކުރާނެވަރު އިހުސާސް ކޮށްލެވޭނެބާއެވެ؟ މި އެންމެންގެ ދިރިއުޅުން އެންމެ މީހެއްގެ ސަބަބުން ފުނޑުފުނޑުވެގެން ދާއިރު ހަމަ ބަަލަން ތިބެންވީ ހެއްޔެވެ؟
ޓެކުނޮލޮޖީގެ ގޮތުން ރާއްޖެވެސް މިވަނީ އަތު ނުޖެހޭހާ ކުރިއަރާ ގޮސްފައެވެ. މިހާރު އަނެކަކު ކައިރީ އެހީއަކަށް އެދެން ފުޅަށްތަކެއް ނޫނީ ފާރުތަކެއް ގިރާކުރާކަށް ނުޖެހެއެވެ. އަތުގައި އެންމެ ކައިރީގައި އޮންނަ ފޯނުން އެކަން ކޮށްލެވެން އެބަ އޮވެއެވެ. އެކަމަކު މިހާރުގެ މީހުން ފަރާތުން އިވޭ ބަދު ބަސްތަކާ އަނެކާއަށް އިތުބާރުކުރުން މި ވަނީ އެއްކަލަ ފުޅަށްތަކާއި ފާރުތަކަށްވުރެ ގިރާ ކުރަން އުނދަގޫ އެއްޗެއްސަށްވެ އެކަކު އަނެކަކު ދުރަށް ގެންގޮސްފައެވެ. އަނެކާ ކައިރީ އެހީ އަކަށް އެދެފި ނަމަ ބޭޒާރު ކޮށްލަފާނެތީ ނޫނީ އެވާހަކައިގެ ނާޖާއިޒު ފައިދާއެއް ނަގާފާނެތީ ފަސްޖެހެނީއެވެ. އަމިއްލަ އެއްލޭ ހިނގާ އާއިލާ މީހުން ކައިރީ ބުނުމުން ބާކީކުރާ ބާކީކުރުމާއި އެމީހުން އޭގެ ރައްދުގައި ކުރާ ކަމަކުން އެމީހުނަށް ބުރައަކަށް ވެދާނެތީ ފަސްޖެހެނީއެވެ.
މި ހުރިހާ ސަބަބުތަކާ ހުރެ އަވަށްޓެރިންނާއި އާއިލާ ކައިރީ ނުބުނިނަމަވެސް މިހެން މި ފަހުން ނިމިދިޔަ ކޮންމެ މީހަކު ވަނީ އަހަރުމެން އެންމެންކުރެން އެހީއަކަށް އެދި ސަލާންޖަހާފައެވެ. މިކަން ބައެއް ފަހަރު ތިލަވި ނަމަވެސް ގިނަ ފަަހަރު މިކަންވެސް އޮންނަނީ ސިއްރުވެ ފަސްއެޅިފައެވެ. އެތައް ފަހަރަކު އަހަރެމެންނަށް މީހުން ޑިޕްރެސްވެ ފުލުފުލުން ސުޓޭޓަސްތައް ޖަހާތަން ފެނެއެެވެ. ނަމަވެސް އަހަރުމެންގެ ތެރެއިން އެއަށް ވިސްނާ އެހީއެއް ބޭނުންތޯ އަހާލާ ސުވާލުކޮށްލީ ކިތައް ފަހަރު ހެއްޔެވެ؟ ތުންތުން މަތިން އެވެނި މީހަކު ވަރަށް އެހެން ކަހަލަ ޕޯސްޓްތައް އެބަޖަހައޭ ކިޔާ ދޫކޮށްލަނީ މަދެއްކޮށެއްނޫނެވެ. އެފަދަ މީހަކާ ސުވާލުކޮށްލާ ކަންކަން ކިހިނެއްތޯ އޮޅުންފިލުވާލުމުން ގައިން ބައެއް މަދުވަނީ ހެއްޔެވެ؟
މީހުންގެ މިޒާޖަށް އަންނަ ކުއްލި ބަދަލުތަކާއި މީހުންނާ ދުރު ވެގެން އެ އެކަނި ވެގެންދާ ދިއުމަކީ އެމީހަކަށް އަހަރުމެންގެ އެހީ ބޭނުންވެއްޖެކަން އަންގައިދިނުމަށް ލިބޭ ސިގުނަލެއް ކަމުގައި ނަގައިގަންނަން ޖެހޭ ވަގުތު އައިސް ޖެހިއްޖެއެވެ. އެއީ އެ އަނިޔާ ލިބޭ ފަރާތް އެހީއަކަށް އެދުނު ކަމުގައި ނުވިނަމަވެސްމެއެވެ. ދެވަނަ ނިޝާމާއެއް ގެއްލެން ބޭނުންނުވާނަމަ މިހެން ފެންނަ ކޮންމެ ކަމަކަށް ފާރަލާށެވެ. އެކަމާ ދެކޮޅަށް ތެދުވާށެވެ. އެހެންނޫނީ ދުރު މީހުނޭ ކިޔާ ދޫކުރަން ފަށައިފިނަމަ އަމިއްލަ މީހާއަށްޓަކައި ނުވަތަ އަމިއްލަ ދަރިއަށްޓަކައި ތެދުވަން ޖެހޭ ވަގުތު އޮންނާނީ ވަގުތު ފާއިތުވެ ފަސްޖެހިފައެވެ. ވެދިޔަތަން ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ކުރިއަށް އޮތް މުސްތަޤުބަލުގައި އެފަދަ ދެވަނަ ފަރާތެއް އެހާލުގައި އުޅުނަ ނުދިނުމަކީ މިއަދު މިތިބަ ހުރިހާ އެންމެންގެ ޒިންމާއެކެވެ. އެޒިންމާ ނުއުފުލާ މިއަދު ތި ދޮރުތަކާއި އަނގަ ލައްޕައިފި ކަމުގައި ވާނަމަ ލަދުގަތުން ނޫން ކަމެއް ނުުކުރެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި
ލަދެއް ނުގަންނާނެ. ލަދުގަންނާނީ އިންސާނުންދޮ