ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޑައިރެކްޓަރ ކަރަން ޖޯހަރްގެ އާ ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ރިލީޒްކުރުން ޖުލައި މަހަށް ފަސްކޮށްފިއެވެ.
ރަންވީރް ސިންގ އާއި އާލިއާ ކަޕޫރް އިސް ރޯލުތަކުން ފެނިގެންދާ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދަރްމެންދްރާ، ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ހިމެނެއެވެ. މި ފިލްމުގައި ޖާޔާ ފެނިގެންދާނީ މީގެ ކުރިން އޭނާ ނުފެންނަ ކަހަލަ ރޯލަކުން ކަމަށް ކަރަން ބުނެފައިވެއެވެ.

ފިލްމު ލޯންޗުކުރިއިރު މި އަހަރު ފެބްރުއަރީ 10 ގައި ފިލްމު ރިލީޒްކުރަން ތާވަލުކުރި ނަމަވެސް ފިލްމުގެ ބަތަލާ އާލިއާ ބަޓް ބަލިވެ އިނުމާއި ގުޅިގެން ޝޫޓިންގ އެއްކޮށް ނިންމާނުލެވުމުން ފިލްމު ރިލީޒްކުރުން ވަނީ 28 އޭޕްރިލް އަށް ފަސްކޮށްފައެވެ. ނަމަވެސް އޭޕްރިލް 28 ގައި މަނީ ރަތުނަމްގެ ބޮޑު ފިލްމު “ޕީ.އެސް-2” ރިލީޒްކުރާތީ މިހާރު ވަނީ ޖުލައި 28 އަށް ފިލްމު ރިލީޒްކުރުން ފަސްކޮށްފައެވެ.

7 އަހަރަށްފަހު ކަރަން އެކަނި ޑައިރެކްޓްކުރާ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” ގެ ޚާއްސަ ލަވައަކާއި ބާކީ ހުރި މަދު މަންޒަރުކޮޅު އަންނަ މާރޗު މަހު ނަގަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ކަރަން އެކަނި ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ “އޭ ދިލް ހެ މުޝްކިލް” އެވެ. ނަމަވެސް ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި އޭނާ ވަނީ 4 ޑައިރެކްޓަރެއް އެކުވެގެން ޑައިރެކްޓްކުރި ދެ އެންތޮލޮޖީ ފިލްމެއްގައި ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތް ކޮށްފައެވެ. އެއީ 2018 ގެ “ލަސްޓް ސްޓޯރީސް” އަދި 2020 ގެ “ގޯސްޓް ސްޓޯރީސް” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.