މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރި ބޮލީވުޑް ފިލްމު “ޕަތާން” ފުރަތަމަ ހަފުތާގައި ބޮލީވުޑް ބޮކްސް އޮފީހުގެ ހުރިހާ ރިކޯޑެއް މުގުރާލައިފިއެވެ.
ސުޕަސްޓާ ޝާހް ރުކް ޚާން، ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް އިސް ރޯލުތަކުން ފެނިގެންދާ “ޕަތާން” ގެ މުހިންމު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޑިމްޕަލް ކަޕާޑިއާ، އަޝޫތޯޝް ރާނާ، ޕްރަކާޝް ބޭލާވަޅީ، ޕްރޭމް ޖަންގިއާނީ އަދި މަނީޝް ވަދްވާ ފަދަ ތަރިން ހިމެނެއެވެ. އަދި ޚާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެނިގެންދެއެވެ.

ފިލްމީ ފާޑުކިޔުންތެރިން ވަރަށް ބޮޑަށް ތަޢުރީފުކުރި މި ސްޕައި އެކްޝަން ތުރިލާއަށް ފުރަތަމަ ދުވަހު ހިންދީ ވާޝަންއަށް އިންޑިއާއިން ވަނީ 55 ކްރޯޑް ރުޕީސް ލިބިފައެވެ. ފުރަތަމަ ހަފުތާ ބަންދުގައި 271 ކްރޯޑް ރުޕީސް ލިބުނުއިރު، މުޅި ހަފުތާގައި އިންޑިއާއިން ވަނީ 351 ކްރޯޑްގެ އާމްދަނީއެއް ހޯދާފައެވެ. ރިލީޒް ކުރިތާ 9 ދުވަހުގެ ތެރޭގައި “ޕަތާން” ވަނީ މުޅި ދުނިޔޭން 696 ކްރޯޑްގެ އާމްދަނީއެއް ހޯދާފައެވެ. އެޔާއެކު މި ފިލްމު ވެފައިވަނީ ޔާޝް ރާޖް ފިލްމްސް އިން އުފެއްދި އެންމެ ކާމިޔާބު ސްޕައި ޖޯންރާގެ ފިލްމަށެވެ.

ސިދާތު އާނަންދުގެ ވާހަކައަކަށް ޝްރިދާރް ރަގަވަން އާއި އައްބާސް ޓައިރެވާލާ ސްކްރީންޕްލޭ ލިޔެދީފައިވާ “ޕަތާން” ޑައިރެކްޓްކުރީ ސިދާތު އާނަންދެވެ. އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކުރި މި ފިލްމު އެޑިޓްކުރީ އާރިފް ޝެއިޚްއެވެ.

2017 ގެ “ރައީސް” އަށްފަހު ކާމިޔާބު ފިލްމެއް ނުކުޅެވުނު ޝާހް އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި އަޔާން މުކަރްޖީގެ “ބްރައްމަސްތުރާ” ގައި ޚާއްސަ ފެނިލުމަކުންނެވެ. 2018 ގެ “ޒީރޯ” އަށްފަހު ބޮޑު ރޯލަކުން ޝާހް ފެނިގެންދިޔަ ފުރަތަމަ ފިލްމު “ޕަތާން” ވެފައިވަނީ އޭނާގެ 30 އަހަރުވީ ދިގު ކެރިއަރުގައި އާމްދަނީގެ އެންމެ ކާމިޔާބު ފިލްމަށެވެ. މިއަހަރު ރިލީޒްކުރަން ޝާހްގެ އިތުރު ދެ ފިލްމެއް އެބައޮތެވެ. އެއީ ޑައިރެކްޓަރ އެޓްލީގެ “ޖަވާން” އަދި ރާޖްކުމާރް ހިރާނީގެ “ދުންކީ” އެވެ.

ބޮޑު ރޯލަކުން އެންމެ ފަހުން “ގެހެރާއިޔާނ” އިން ފެނުނު ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަންއާއެކު ކުޅޭ “ފައިޓާ” އާއި ޕްރަބާސްއާއެކު ކުޅޭ “ޕްރޮޖެކްޓް ކޭ” ހިމެނެއެވެ. އަދި އެޓްލީގެ “ޖަވާން” ގައިވެސް ޚާއްސަ ފެނިލުމަކުން ފެނިގެންދާއިރު، ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާ ޕްރޮޑިއުސްވެސް ކުރާ “ތެހެރަން” އަދި “ކަރްޒް: ދަ ފަޔާރ އޮފް ބާޑަން” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.