ޒަމާނީ ބޮޑެތި ބަދަލުތަކަކާއެކު އަލުން އޮލިމްޕަސް ހުޅުވައިފި އެވެ. އޮލިމްޕަސް އަލުންް ހުޅުވީ 04 ފެބްރުއަރީ 2023ވަނަ ދުވަހުގެ ރޭގަ އެވެ. އޮލިމްޕަސް އަލުން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

އޮލިމްޕަސް އަލުން ހުޅުވުމަށްޓަކައި އޮލިމްޕަހުގައި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ހަަފުލާގައި އޮލިމްޕަހުގެ ދިގު ތާރީޚް ދައްކައިދޭ ރިޕޯޓެއްގެ އިތުރުން ރާއްޖޭގެ ފިލްމީ ފަންނާނުންގެ ފަރާތުން މިއުޒިކަލް ސްޓޭޖް ތަމްސީލެއް ގެނެސްްދިނެވެ. ކޮމެޑީ ރަހަތަކާއެކު ފަންސާސް ފަންނާނުން ގެނެސްދިން މި ތަމްސީލުގައި ކުރީގެ ބައެއް ފިލްމީ ތަރިންވެސް ފެނިގެން ދިޔައެވެ. މި ތަމްސީލު މެދުވެރިކޮށް އޮލިމްޕަހުގައި ފުރަތަމަ އެޅުވި ފިލްމުން ފެށިގެންގޮސް އެތަނުގައި ބޭއްވުނު މުހިންމު ބައެއް ކަންތައްތަކަށް އަލިއަޅުވައިލި އެވެ. އެގޮތުން އެކި ޒަމާންތަކާއި އެ ދުވަސްވަރު ފިލްމީ ފޯރި ހުރި މިންވަރުވެސް މި ތަމްސީލުން ފެނިގެންދިޔައެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް މިއުޒިކީ ފަންނާނުންނާއި އިންޑިއާ ބައެއް ފަންނާނުންގެ މިއުޒިކީ ހަރަކާތްތަކެއްވެސް މި ހަފުލާގައި ފެނިގެންދިޔައެވެ.

އޮލިމްޕަސް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ރައީސް އޮފީސް

އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް”ގެ ގްރާންޓުގެ ދަށުންނެވެ.

އޮލިމްޕަސް އަލުން ހުޅުވާފައި މި ވަނީ އެތަން އިތުރަށް ތަރައްޤީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގައެވެ. މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ޚިދުމަތްތަކާ ވަޞީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތަށް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްޤީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށްފައެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.

ޒަމާނީ ފެންވަރަށް އޮލިމްޕަސް ތިއޭޓަރ ތަރައްޤީ ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް މީޑިއާއާއި ޙިއްސާ ކުރުމަށް ހުރިހާ މީޑިއާތަކަށް ހުޅުވާލައިގެން އޮލިމްޕަސް ތިއޭޓަރގެ ޓުއަރއެއް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިންްްތިޒާާމުކޮށް މިއަދު ހަވީރު ނޫސްވެރިންނަށް އޮލިމްޕަސް ދައްކައިލުން އޮންނާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. މި ޓުއަރގައި މިހާރު އޮލިމްޕަހުގައި ޤާއިމްކުރެވިފައިވާ ވަޞީލަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.