‘ދެވަންސޫރަ’ އަކީ ދިވެހި ސިނަމާތަކަށް އާ ރަހައެއްގެ ފިލްމެކެވެ. ދިވެހިން ބަލައިލަން ބޭނުންވާފަދަ ތަފާތު މޮޅު ވެސް ފިލްމެކެވެ. ދިވެހި މުޖުތަމަޢުގައި ނުހަނު ބޮޑަށް އާއްމުވެފައިވާ އެއް މައްސަލަ ކަމަށްވާ މީހުން މެރުމުގެ މައްސަލައަށް އަލިއަޅުވައިލާ ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ހެދީ މިކަމަށް ހަމަ ވަރަށް ޤާބިލް އަދި ފުންނާބު އުސް އެކްޓަރ/ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީވެސް ޔޫއްޕެ އެވެ. ފިރިހެން ލީޑް ކުޅެފައިވަނީވެސް ޔޫއްޕެ އެވެ. ގިނަ ސްޓާރުން ތަކެއް ފެނިގެންދާ މި ފިލްމުގައި ހަރަކާތްތެރިވެފައިވާ ހަމަ ކޮންމެ އެކްޓަރެއްގެ ވެސް އެކްޓިން އޭގެ ދެވަނައެއް ނެތްފަދަ އެވެ.
ފިލްމު ތަފާތަސް، އެކްޓަރުން ކިތަންމެ މޮޅަށް އެކްޓްކޮށްފައި ވިޔަސް، ދިވެހި ސިނަމާގައި ނިކުންނަ ފިލްމުތަކަށް ކުރިމަތިވާ އެންމެ ނުރައްކާތެރި ބަލިމަޑުކަން މިފަހަރު މި ލައްވައިލީ ‘ދެވަންސޫރަ’ އަށެވެ. އަހަރުގެ ފިލްމީ ސީޒަން ހުޅުވިގެންދިޔަ ‘ދެވަންސޫރަ’ އަށް ‘ސިޔާސީ ބޮޑުހުމުގެ’ އަސަރު ފޯރަން ފެށީ ފެބްރުއަރީ އެއްްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު ‘ޞައްހަ ޙުކުމެއް’ ސަރުކާރަށް ޤާބޫލު ނުކުރެވި، އެއަށްފަހު ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތާއި އެކުގައެވެ. އެއަށްފަހު ހުމުގެ އަސަރު އެހާމެ ގަދަވަމުން ދަނިކޮށް ލައްވައިލީ މާ ނުރައްކާތެރި ޙާލަތަކާ އެވެ. ‘ކުއްލި ނުރައްކަލުގެ ޙާލަތާ’ އެވެ. ޤައުމަށް މާބޮޑު ކުއްލި ނުރައްކަލެއް ނެތް ނަމަވެސް ހަމަ ގައިމުވެސް ‘ދެވަންސޫރަ’ އަށް މިކަން ވެގެންދިޔައީ ބޮޑު ކުއްލި ނުރައްކަލަކަށެވެ. ކުއްލިއަކަށް މި ދިމާވި ހާލަތުން ފިލްމުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ނުރައްކާ ވެއްޖެ އެވެ.
https://youtu.be/kAaSm9ZiEo0
‘ދެވަންސޫރަ’ އިގެ އެއް ޕްރޮޑިއުސަރ އަޙްމަދު ޝާހް ޢަލީ އާއި ޑައިރެކްޓަރ ޔޫއްޕެ ބުނީ ފިލްމަކީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމެއް ކަމަށެވެ. ނަމަވެސް ކުއްލި ޙާލަތު އިޢުލާނު ކުރުމާއި ގުޅިގެން ފިލްމުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އެނގުންވެގެން ދިޔަކަމަށެވެ.
“ކުރިމަތިވި ކުއްލި ހާލަތާއި ގުޅިގެން ފިލްމު ދެއްކުން ނެތްކަމަށް ގިނަބަޔަކު ހީކުރި. ޓީވީ ޗެނަލް ތަކަށް ދައްކަން ދިން އިޝްތިހާރުތައް ނުދައްކާ ސިޔާސީ ކަންތައްތައް ގިނަވެގެން ގޮސް.” ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ފާހަގަކުރި އެވެ. ޔޫއްޕެ އިތުރަށް ބުނީ މިގޮތަށް ޤައުމު ހަލަބޮލިވާ ހަމަ ކޮންމެ ފަހަރަކުވެސް އާއްމުން ކުރާ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަމަށެވެ. އެގޮތުން މިފަހަރު ‘ދެވަންސޫރަ’ އަށް މިކަންކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ޔޫއްޕެ ފާހަގަކުރި އެވެ.
“އާއްމު ރައްޔިތުން އާއްމުދަނީ ހޯދުމަށް މިކުރާ މަސައްކަތަށް މިވަނީ ވަރަށް ދަތިވެފަ ޤައުމު މިއޮތް ޙާލަތުން. ސަރުކާރު މުވައްޒަފުންނަށް މުސާރަ ލިބޭނެ ‘އިނލި ޖަހާލީމަ’. ސިޔާސީ މީހުންނަށް މުސާރަ ލިބޭނެ. އެކަމަކު އެހެން މަސައްކަތްތަކުން އާއްމުދަނީ ހޯދާ މީހުންނަށް ވަރަށް އުނދަގޫވާނެ ދޯ ޤައުމު މިހާލަތަށް ދިޔައިމަ އާއްމުދަނީ ހޯދަން.” ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ‘ދެވަންސޫރަ’ އިގެ ވިޔަފާރިއަށް ކޮށްފައިވާ އަސަރާއިމެދު ވާހަކަ ދައްކަމުން ޔޫއްޕެ ބުންޏެވެ.
“ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މި ފިލްމުގެ ވިޔަފާރިއަށް ވަރަށް ނޭދެވޭ އަސަރު ކޮށްފި. މިކަހަލަ ކަންކަމުގަ އޮލިމްޕަސް ކުއްޔަށް ނަގައިގެން މަސައްކަތްކުރާއިރުގަވެސް މިގޮތަށް ހާލަތު ކިތަންމެ ދަށްވިޔަސް އަހަރުމެން ހަމަ އެ ދައްކަން ޖެހޭވަރަށް އޮލިމްޕަހަށް ދައްކަން ޖެހޭނެ.” ޔޫއްޕެ އިތުރަށް ބުނީ ސިޔާސީ ކަންތައްތައް ގިނަވެ، ޓީވީ ޗެނަލްތަކުގައި ފިލްމުގެ ވާހަކައެއް ދައްކާލާނެ ފުރުސަތެއް ނުލިބުނު ކަމަށެވެ. އިޝްތިހާރު ތައް ދައްކަން އެއްބަސް ވެވުވުނު މިންވަރަށް ނުދެއްކުނު ކަމަށެވެ.
ފިލްމު ޕްރޮމޯޓް ކުރުމަށް ރާއްޖެ ޓީވީ އާއިއެކުގައި ހަދާފައިވާ އެއްބަސްވުން، އިޝްތިހާރު ނުދެއްކުމުގެ ސަބަބުން ފަހުން ބާތިލުވެސް ކުރަން ޖެހުނު ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ ޝާހް ބުންޏެވެ.
‘ދެވަންސޫރަ’ އަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ނޭދެވޭ އަސަރު ކިތަންމެ ބޮޑަށް ކުރިނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުގައި މިހާރުވެސް އަންނަނީ ފިލްމު ދައްކަމުންނެވެ. އަދި އަތޮޅު ތެރެއިން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށްވެސް ‘ދެވަންސޫރަ’ ޓީމުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!